އުރީދޫ ފަން ރަންގައި ބައިވެރިވުމަށް ލ. އަތޮޅަށް ދާ ފަރާތްތަކަށް އަމާޒުކޮށްގެން ގައުމީ އެއާލައިން މޯލްޑިވިއަނުން ޕްރޮމޯޝަނެއް ފަށައިފި އެވެ.
އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ފަން ރަންގައި ބައިވެރިވާން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މާލެ - ކައްދޫ ދެކޮޅު ޓިކެޓު 2،488ރ. އަށް ލިބޭނެ ކަމަށެވެ.
ޖުލައި 5، ވާ ހުކުރު ދުވަހު ލ. އަތޮޅުގައި ބާއްވާ އުރީދޫ ފަން ރަން ވެގެންދާނީ ބައިވެރިންނަށް އުފާވެރި މަޖާ ތަޖުރިބާއަކަށް ކަމަށާއި ކޮންމެ ކިލޯމީޓަރެއްގައި ވެސް ފޯމް، ފެން ނުވަތަ އޮބްސްޓަކަލް ކޯސް ބަހައްޓާފައި ހުންނާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫ ފަން ރަންއަށް އަމާޒުކޮށް މޯލްޑިވިއަންއިން ޓިކެޓުތައް ވިއްކަމުންދާ ދުވަސްތަކާއި ރޫޓުތައް:
• ޖުލައި 4. އިން ޖުލައި 5، އަށް މާލެއިން ކައްދޫއަށް
• ޖުލައި 6. އިން ޖުލައި 7. އަށް ކައްދޫއިން މާލެއަށް
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫ ފަން ރަންގައި ރެޖިސްޓާ ވެފައިވާ ފަރާތްތަކުން އޯޑާ އައިޑީ އާއެކު އީމެއިލް ސަބްޖެކްޓްއެއްގެ ގޮތުގައި "އުރީދޫ ފަން ރަން ލާމު" ޖެހުމަށްފަހު cc@iasl.aero އަށް އީމެއިލް ކުރަން އުރީދޫއިން އެދެ އެވެ.
މޯލްޑިވިއަންގެ އެމްޑީ އިބްރާހިމް އިޔާސް ވިދާޅުވީ މި އިވެންޓް ވެގެންދާނީ ލ. އަތޮޅުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ ވަރަށް ފުރިހަމަ މިކްސްއަކަށް ކަމަށެވެ.
"އުރީދޫ ފަންރަން ގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގުސަދަކީ ގިނަ ފަރާތްތަކަކަށް ރާއްޖޭގައި ބޭއްވޭ މި އުފާވެރި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން،" އިބްރާހިމް އިޔާސް ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަންގައި މޯލްޑިވިއަން ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށާއި މި އިވެންޓަކީ ސިއްހަތާއި ދުޅާހެޔޮކަމާއި އެއްބައިވަންތަކަމުގެ އުފާ ފާޅުކުރުމުގެ ހަރަކާތެއް ކަމަށެވެ.
އުރީދޫ ފަން ރަން - ލާމު އެޑިޝަން ގެ މައުލޫމާތު ހޯދުމަށް އެކަމާ ގުޅޭ ހާއްސަ ވެބްސައިޓު އަދި ލ. ކައްދޫއަށް ދަތުރުކުރުމަށް ބޭނުންވާ ޓިކެޓުތަކާ ބެހޭ މައުލޫމާތު މޯލްޑިވިއަންގެ ވެބްސައިޓު އިން ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.










