ގައުމުގެ އިގުތިސާދީ ހާލަތާއި ދައުލަތުގެ މާލީ ހާލަތަކީ ކޮބައިކަން ސިޔާސީ މީހެއް ކުރެން އަހައިފިއްޔާމުން ލިބޭ ޖަވާބާއި ދައްކާ ހުރިހާ ވާހަކައެއް ބިނާވަނީ އޭނާ ތާއީދުކުރާ ޕާޓީއަށެވެ.
އެ މީހަކު ތާއީދުކުރާ ޕާޓީ ވެރިކަމުގައި އޮވެއްޖެ ނަމަ، އިގުތިސާދީ އަދި މާލީ ކަންކަން މިހާރު ރަނގަޅެވެ. މައްސަލައަކީ ކުރިން ވެރިކަމުގައި އޮތް، އޭނާ ތާއީދުނުކުރާ ޕާޓީގެ ސަރުކާރެވެ. އެ މީހަކު ތާއީދުކުރާ ޕާޓީ އިދިކޮޅުގައި އޮންނަ މީހާގެ ވާހަކަތައް ހުންނަނީ ދިމާ އިދިކޮޅަށެވެ. މައްސަލައަކީ އެ އިރެއްގައި ވެރިކަމުގައި އޮތް އޭނާ ތާއީދުނުކުރާ ޕާޓީ އާއި އެ ޕާޓީގެ ސަރުކާރެވެ.
މިހެން ނަމަވެސް އަސްލު ކަން އޮތް ގޮތް އެއް ފަރާތްކޮށްލާފައި، އިގުތިސާދީ އަދި މާލީ ހާލަތު މިވެރިން ކިޔައިދެނީ އެވެރިން ތާއީދުކުރާ ބަޔަކަށް ހެޔޮކޮށެވެ. އަބަދުވެސް ގޯސް ކުރަނީ ކުރީ ސަރުކާރާއި އޭގެ ކުރީ ސަރުކާރާއި އޭގެ ކުރީ ސަރުކާރެވެ. އެ ބަޔަކު ތާއީދުކުރާ ބަޔަކު ހިންގާ ސަރުކާރެއް އޮންނަ އިރު ގޯސްކޮށް ކުރާ ހަމަ އެއްވެސް ކަމެއް ނޯންނަނީ އެވެ.
އެކަމަކު ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ސިޔާސީ ކިލަނބުކަމެއް ނެތް ފަންނީ މާހިރުންގެ ވާހަކަތަކާއި އެކުލަވާލާފައި ހުރި ރިޕޯޓުތައް ކިޔައިލުމުން އެނގެނީ މިވެރިން މި ކިޔައިދެނީ "ސިޔާސީ" އިގުތިސާދީ އަދި މާލީ ހާލަތެއް ކަމެވެ. ހަގީގަތާ ދުރު ފްލޯކު ވާހަކަތަކެކެވެ.
ދަރަނި ބޮޑުވުމުގެ ޒިންމާއިން ބަރީއަވާ ސަރުކާރެއް ނެތް
އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ގައުމުގެ އިގުތިސޯދަށް މި ވަގުތަށް އެޅިފައި އޮތް އެންމެ ބޮޑު ހިޔަންޏަކީ ދައުލަތުގެ ސީދާ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ބޮޑުވުމެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް މި އަދަދު ހުރީ 124.2 ބިލިއަން ރުފިޔާގަ އެވެ.
މި ދަރަނީގެ ތެރޭގައި ސީދާ ދައުލަތުން ނަގާފައިވާ 132 ލޯނަކާއި ދައުލަތުން ގެރެންޓީ ދީގެން ސަރުކާރު ކުންފުނިތަކަށާއި އަމިއްލަ މީހުންނަށް ނަގާފައިވާ 35 ލޯނަކާއި އެކިއެކި ސަރުކާރުތަކުން އެތެރޭގެ ބާޒާރަށާއި ބޭރުގެ އިންވެސްޓަރުންނަށް ވިއްކާފައިވާ ޓީބިލާއި ޓްރެޝަރީ ބޮންޑުތަކަށް އަދާކުރަން ޖެހޭ ދަރަނި ހިމެނެ އެވެ.
ސީދާ ދައުލަތަށް ނަގާފައިވާ ލޯނުތަކަށް ބަލާއިރު، އަދިވެސް ދައްކަމުން އަންނަ ލޯނުތަކުގެ ތެރޭގައި މައުމޫންގެ ސަރުކާރުން 1970 ގެ ފަހުކޮޅު މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރަން ނެގި ލޯނުތަކުން ފެށިގެން، ނަޝީދުގެ ސަރުކާރުގައި އިގުތިސޯދު ހަމައަކަށް އަޅުވައި، ފްލެޓު އަޅަން ނެގި ލޯނުތަކާއި، ވަހީދުގެ ކުރު ވެރިކަމުގައި ނެގި ގިނަ ލޯނުތަކާއި، ޔާމީންގެ ސަރުކާރުގައި އުމްރާނީ ތަރައްގީއަށް ނެގި ބިޔަ ލޯނުތަކާއި، ސޯލިހު ސަރުކާރުގައި ކޮވިޑާ ގުޅުވައި ހަރަދުތައް ހަމަޖައްސާށާއި އިގުތިސޯދީ ގެއްލުން ކުޑަކުރުމުގެ ނަމުގައި ނެގި ބިޔަ ލޯނުތައް ހިމެނެ އެވެ.
މި ދައްކަނީ 45 އަހަރަށް ދެމިގެންދާ ދަރަނި ކީސާއެއްގެ ވާހަކަ އެވެ. ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތަކާއި ޓްރެޝަރީ ބިލުތަކާއި ބޮންޑުތަކަށް ބެއްޔަސް ފެންނަނީ ދަރަނީގެ ހާލަތު މި ހާލަތަށް ދިޔުމުގައި ހުރިހާ ސަރުކާރުތަކުން ވެސް ޒިންމާވާން ޖެހޭ ކަމެވެ. ރެކޯޑުތަކުން ފެންނަނީ ހުރިހާ ސަރުކާރެއްގައި ވެސް އެ ބަޔަކަށް ފެންނަ ގޮތަކަށް، ފެންނަ ބޭނުމަކަށް ދަރަނި ނަގަމުން ދިޔަ ކަމެވެ.
- މައުމޫން ދައުރު ނިމުނުއިރު ދަރަނި - 7.3 ބިލިއަން ރުފިޔާ (ބޭރު ދަރަނީގެ މިންވަރު އެކަނި)
- ނަޝީދު/ވަހީދު ދައުރު ނިމުނުއިރު ދަރަނި - 28.68 ބިލިއަން ރުފިޔާ
- ޔާމީން ދައުރު ނިމުނުއިރު ދަރަނި - 60.26 ބިލިއަން ރުފިޔާ
- ސޯލިހު ދައުރު ނިމުނުއިރު ދަރަނި - 124.2 ބިލިއަން ރުފިޔާ
ތަފާސްހިސާބުތަކަށް ބަލައިލުމުން ފެންނަނީ ލޯނު ނެގުމުގެ ދުވެލި 2008 ގެ ފަހުން އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އައި މަންޒަރެވެ. އެންމެ ބޮޑަށް ލޯނުތައް އިތުރުވެގެން އައީ ވޭތުވި ދިހަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން ޔާމީންގެ ސަރުކާރު ނިމުނިއިރު، ދަރަނި 60.2 ބިލިއަން ރުފިޔާގައި ހުރިއިރު ސޯލިހު ސަރުކާރު ނިންމާލީ އޭގެ ދެ ގުނަ ދަރަނީގައި 124.2 ބިލިއަން ރުފިޔާގަ އެވެ.
އާމްދަނީ އިތުރުވިޔަސް، ހަރަދު ފޫނުބެއްދޭ
ލޯނު ނެގުމަކީ މައްސަލައެއް ނޫނެވެ. ލޯނު ނަގަން ޖެހޭ ހާލަތުގައި ލޯނު ނަގަން ވެސް ޖެހޭނެ އެވެ. އިގުތިސާދާއި ގައުމުގެ ކުރިއެރުން އޮތީ ތަންތަނުން ލިބެން ހުރި ފައިސާ ހޯދައިގެން، އެ ފައިސާއިން ފައިދާ ނެރެވޭނެ ކަހަލަ އެސެޓުތަކާއި ހިދުމަތްތަކަށް އިންވެސްޓުކޮށްގެންނެވެ.
މައްސަލައަކީ އާމްދަނީ އިތުރު ކުރުމެއް ވެސް ނޫނެވެ. ޒަމާނީ ޓެކްސް ނިޒާމެއް ރާއްޖޭގައި ތައާރަފުވެގެން އައިސް މިއަދާ ހަމައަށް މިވީ 20 ވަރަކަށް އަހަރުގެ ތެރޭގައި އަހަރުން އަހަރަށް، ކޮވިޑުގެ ބަލިމަޑުކަން ލައިގަތް އަހަރުގައި ނޫނީ، ކޮންމެ އަހަރެއްގައި އިތުރުވެފައިވެ އެވެ. މައްސަލައަކީ އާމްދަނީ އިތުރުވާ ރޭޓަށް ވުރެ ދަރަންޏާއި ހަރަދުތައް ބޮޑުވުމެވެ.
އެއްވެސް ސަރުކާރަކަށް ނުވެގެން އުޅޭ ކަމަކީ ކޮބައިކަން އެންމެނަށް ވެސް އެނގެ އެވެ. އެކަން ސިއްރެއް ނޫނެވެ. ނުކުރެވިގެން އުޅޭ ކަމަކީ ހަރަދުތައް ކުޑަކުރުމެވެ. ހާއްސަކޮށް ބޭކާރު ހަރަދުތައް ކުރުން އެއްގޮތަކަށް ވެސް ހުއްޓައިނުލެވުމެވެ. މިއަދު ކުރިމަތީގައި އޮތް ހާލަތުގައި ފެށުމަކީ ވެސް މިއީ އެވެ.
ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް، ބެޓެން ޑައުންޑް ދަ ހެޗަސް" ރިޕޯޓުގައި ދިވެހި އިގުތިސާދާ ބެހޭ ގޮތުން ފާހަގަކޮށްފައި އޮތް މައިގަނޑު ދެ ކަމަކީ އިގުތިސާދު ކުރިއަރާ ރޭޓަށް ވުރެ ދަރަނި ނަގަމުންދާ ރޭޓު މަތިވުމާއި ލިބޭ އާމްދަނީން ހަރަދުތައް ފޫނުބެދޭ މައްސަލަ އެވެ.
މިކަން ތިމަންނާމެންނަށް ކުރެވުނޭ ބުނި ހަމަ އެއްވެސް ސަރުކާރެއް ނެތެވެ. ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި 1982 އިން ފެށިގެން މި އަހަރުގެ ބަޖެޓާ ހަމައަށް ފެންނަން ހުރިއިރު، ފަހުގެ ތާރީހެއްގައި ސާޕްލަސް ބަޖެޓެއް ނެތެވެ. މުޅިން ވެސް ފެންނަން ހުރީ ލިބޭ އެއްޗަކުން ނުފުދިގެން އެތެރެއިންނާއި ބޭރުން ފައިނޭންސިން ހަމަޖައްސައިގެން ހަރަދުތައް ފޫބައްދަން ޖެހުނު ބަޖެޓުތަކެވެ.
ބުނަން މިއުޅޭ ވާހަކައަކީ، މިއަދު ދިމާވެގެން މިއުޅޭ ކަންކަމުގެ ޒިންމާއަކީ ކުރީ ސަރުކާރޭ ބުނެ ނިންމާލެވޭނެ ކަމެއް ނޫން ކަމެވެ. އެގޮތަށް އެ ވާހަކަ ދައްކަނީ ކަމުގެ ހަގީގަތް އޮޅުވާލައި، ސިޔާސީ މަންފާއެއް ހޯދުމުގެ މަގުސަދުގަ އެވެ. ހަގީގަތުގައި މިއަދު ގައުމު މިއޮތް ހާލަތުގެ ޒިންމާ ނަގަން ނުޖެހޭ ސިޔާސީ ވެރިއަކު ސަރުކާރާއި އިދިކޮޅުގައި ވެސް ނެތް ކަމެވެ.
މިއީ އެންމެން ޒިންމާވަން ޖެހޭ ކަމެކެވެ. އޭރު އެ މީހުން ކަންކުރީތީ މިއަދު ކަން އޮތީ މިހެންނޭ ބުނެ ފަރުޖައްސައިލެވޭކަށް ނެތެވެ. އާންމުން ހަނދާން ނެތޭހާ ދުވެހެއް އަދި ނުވެ އެވެ. މިއަދު ވެސް ވެރިކަމުގައި ތިބީ ކުރިން ވެސް ވެރިކަމުގައިި ތިބި ބަޔެކެވެ. އޭގެ ކުރިން ވެސް ތިބީ ކުރިން ވެރިކަމުގައި ތިބި ބަޔެކެވެ. ސަރުކާރުގެ މަތީ ފަޑީގައި އުޅެނީ އެއް ބަޔަކެވެ. ބަދަލުވަނީ ހަމައެކަނި ތާއީދުކުރާ ޕާޓީ އެވެ. އުޅޭ މީހުން ބަދަލެއް ނުވެ އެވެ.
އެހެންވެ މި ވަގުތު ބޭކާރު ސިޔާސީ ވާހަކަ ދެއްކުމުގެ ބަދަލުގައި ރައްޔިތުންނަށް ދައްކަންވީ ހައްލެވެ. ކުޑަކުރަން އޮތް ހަރަދެއް ވިއްޔާ ކުޑަކުރަންވީ އެވެ. އާމްދަނީ އިތުރުކުރަން ކަމެއް ކުރަން ޖެހެންޏާ އެކަމެއް ވެސް ކުރަންވީ އެވެ. ބޯން އޮތް ހިތި ބޭހެއް ވެއްޖިއްޔާ އެ ބޭހެއް ބޯން އެނގޭނީ ވެސް، ބޯން ޖެހޭ ބޭހެއް އެނގިގެން ކަން ސަރުކާރަށް އެނގެން އެބަ ޖެހެ އެވެ.












