ރިޕޯޓުއެމެރިކާ، ގަތުލްއާންމު ހިންގުމުގައި އިޒްރޭލުގެ މަދަދުގާރު

އެމެރިކާ، ގަތުލްއާންމު ހިންގުމުގައި އިޒްރޭލުގެ މަދަދުގާރު

ފަލަސްތީނުގައި ހިންގާ ގަތުލުއާއްމުގައި އެމެރިކާގެ ބައިވެރިވުން އޮތް ގޮތް ދައްކައިދޭ ކުރެހުމެއް. އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު
ފަލަސްތީނުގައި ހިންގާ ގަތުލުއާއްމުގައި އެމެރިކާގެ ބައިވެރިވުން އޮތް ގޮތް ދައްކައިދޭ ކުރެހުމެއް. އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ބޮޑު ގަތުލްއާންމެއް ހިންގާތާ މިއަދަށް މިވީ ހަތް މަސް ދުވަހެވެ. ދުނިޔޭގެ ބޮޑު ބާރުގެ ގޮތުގައި އެ ޖަރީމާ ހުއްޓުވަން ކަމެއް ކުރުމުގެ ބަދަލުގައި އެމެރިކާއިން ގެންދަނީ އިޒްރޭލަށް ފާޅުގައި ވާގިވެރިވަމުންނެވެ.

އެހެން ނަމަވެސް އެގައުުމުން އަބަދުމެ ނަންވެގެން އުޅެނީ އަބަދުވެސް ސުލްހައާއި މިނިވަންކަމަށް ވަކާލާތު ކުރުމާ ގައުމެއްގެ ގޮތުގަ އެެވެ. އެއީ ގަތުލްއާންމުތަކަށް ވާގިވެރިވާ ގައުމެއް ކަން މިހާރު ސާފުކޮށް މިއޮތީ ފެންނާށެެވެ.

މީގެ ކުރިން އޮތީ ހަަމަ އެކަނި ތުހުމަތުތަކެކެވެ. އެތުހުމަތުތައް އޭރު ކުރަމުން ދިޔައީ ދުނިޔޭގައި ހިނގާ ކޮންމެ ކަމެ ހަމަނުޖެހުމެއްގެ ތެރެއަށް ވަދެ، ބާރު ދައްކަން މަސައްކަތްކުރާތީ އެެވެ. އެއިން ކޮންމެ ކަމެއްގެ ތެރެއަށް އަތް ބާނާ އިރު އެމެރިކާއިން މުޅީން ވެސް ބުނާނީ އެމީހުންނަކީ ސުލްހަ ގާއިމްކުރަން އުޅޭ ބައެއް ކަމަށެވެ. ގާޒާގައި ހިންގާ ގަތުލްއާންމާ ގުޅުވައިގެން ވެސް ދައްކަނީ އެކަހަލަ ވާހަކައެކެވެ. އެއްކޮޅުން އިޒްރޭލަށް ހައްދެއް ނެތި ހަތިޔާރުދެމުން އަނެއްކޮޅުން ގޮވައިލަނީ ސުލްހަ ގާއިމްކުރުމަށެވެ. އެ ގައުމުން މިކަމުގައި ގެންގުޅޭ އުކުޅަކީ އަމިއްލަ ދިފާއުގައި މަސައްކަތް ކުރާ އެހެން ޖަމާއަތްތަކެކޭ އެއްގޮތަށް، ހަމާސް އަކީ ވެސް "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް ކަނޑައެޅުމެވެ.

Advertisement

ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބެލީމާ، އިޒްރޭލުން ހިންގާ އެއްވެސް ޖަރީމާއެއް ގޯހެއް ނުވެ އެވެ. އެމެރިކާއިން ބުނާ ގޮތުގައި ގާޒާގައި ތިބި ހަމާސްގެ ހަނގުރާމަވެރިން އެ ގައުމުން ފޮހެލަން ކޮންމެހެން ވެސް މަސައްކަތް ކުރަން ޖެހެ އެވެ. އަދި އެކަމަށް ވާގިވެރިވާ ހާލު، އެމެރިކާއިން ބުނަމުން އަންނަނީ ގާޒާގައި ތިބި ކުޑަކުދިންނާއި އަންހެނުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

އެކަމަކު އިޒްރޭލުން މަސައްކަތް ކުރާތަން ފެންނަނީ ގާޒާގެ މުޅި އާބާދީ މަރައި ހުސްކުރުމަށެވެ. ހަމާސް ނައްތައިލުމުގެ ނަމުގައި އެމެރިކާއިން ދޭ ހަތިޔާރު ބޭނުންކުރަނީ އެކަމަކަށެވެ.

ބައިޑެންއަށް އޮތް ޕްރެޝަރު ބޮޑު، ނަމަވެސް އިޒްރޭލަށް ވާގިވުން ހުއްޓައެއް ނުލާނެ

ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން އެމެރިކާއަށް އެ ގައުމުގެ އެތެރެއިންނާއި ބޭރުން ބައިވަރު ޕްރެޝަރުތައް އާދެ އެވެ. އެ ގައުމުގެ އެތެރޭގައި، ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ދެކޮޅަށް ކޮންމެ ދުވަހަކުވެސް އެތައް މުޒާހަރާތަކެއް އަދި އެއްވުމެއް ބާއްވަ އެވެ. އަޑު އުފުލާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. ހާއްސަކޮށް ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ދަރިވަރުންނެވެ.

އަންނަ ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވެގެންދާނެ ގޮތަކާމެދު ބައިޑެންއަށް އޮތް ޕްރެޝަރު އަދި މާ ބޮޑެވެ. އެއީ އެމެރިކާގައި ބައިޑެންއަށް އަދި ބައިޑެން ނިސްބަތްވާ ޕާޓީއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވެސް ގާޒާގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓާލަން ގޮވާލަމުންދާއިރު، އެކަމަށް މިހާތަނަށް ހައްލެއް ގެނެވިފައި ނުވާތީ ރައީސްކަމަށް ދެވަނަ ދައުރަކަށް ނުހޮވިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އެމެރިކާއިން ދެކޭ ގޮތުގައި އަދި ވަކިން ހާއްސަކޮށް އެ ގައުމުގެ ރައީސް ޖޯ ބައިޑެން ދެކިވަޑައިގަންނަވާ ގޮތުގައި އެ ގައުމާއި އިޒްރޭލާ ދެމެދު އޮތް ޒަމާންވީ ގުޅުން ދުވަހަކު ވެސް ކެނޑިގެނެއް ނުދާނެ އެވެ. އަދި އިޒްރޭލަށް އަބަދުވެސް އެއްބާރުލުން ދޭ ގައުމެއް ގޮތުގައި އެމެރިކާ ދެމި އޮންނާނެ އެވެ.

ހަތް މަސް ވެގެންދިޔައިރު ގާޒާގައި 36،500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިޒްރޭލުން ހަނގުރާމަ ހުއްޓައިލަން އެއްބަސްވި ކަމަށް އެމެރިކާއިން ބުނާ ކޮންމެ ފަހަރަކު ހަމަލާތައް ވަރުގަދަވޭ

ފާއިތުވި ހަ މަސް ތެރޭގައި އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓައިލަން އެއްބަސްވެފައިވާ ކަމަށް އެކި ފަހަރު މަތިން އެމެރިކާއިން ބުނެފައިވެ އެވެ. ނަމަވެސް އިޒްރޭލުން ކޮންމެ ފަހަރަކު ވެސް ގާޒާއަށް ދޭ ހަމަލާތައް ވަނީ އިތުރެވެ. މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރެވެ. އެމެރިކާއިން އެހެން ކޮންމެ ފަހަރަކު ވެސް ބުނަނީ މަސްރަހު ހަމައަކަށް އަޅުވައި، އެ ގައުމުގެ މޫނުމަތި ރީތި ކުރުމަށެވެ.

އެއަށްފަހު އަނެއްކާ ވެސް އިޒްރޭލާއި ވާހަކަދައްކައިގެން ސުލްހަ ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް މިހާތަނަށް ހަ މަސް ވެގެންދެއިރު އެމެރިކާއިން ހުށަހެޅި އެއްވެސް އެއްބަސްވުމެއް އިޒްރޭލުން ރަސްމީކޮށް ބަލައިގަނެފައެއް ނުވެ އެވެ. އަދި ސުލްހަ ގާއިމުކޮށް ގަތުލްއާންމު ހުއްޓައިލުމާ ހިސާބަށް ދެވިފައެއް ނުވެ އެވެ. އެކަން އެމެރިކާއަށް ކުރެވިދާނެ ކަމާމެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

އެމެރިކާއިން އަބަދުވެސް ދައްކާ ބަހަނާއަކީ ހަމާސްގެ މުޖާހިދުންގެ ވާހަކަ އެވެ. އެއީ އެމެރިކާއަށް ދައްކަން ލިބޭ ބަހަނާއަކަށް ވިޔަސް، ގާޒާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމުން، އެމެރިކާއިން ވާގިވެރިވަނީ ކޮން ކަމެއް ކުރަން ކަމެއް ސާފެއް ނުވެ އެވެ. އެއީ މައުސޫމު އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް މަރުވެގެންދާއިރު، ހާސިލުވާ ހަމައެކަނި ކަމަކީ ގާޒާ މަޑުމަޑުން ނެތެމުން ދިޔުމެވެ. އެމެރިކާއިން ސީދާ ބޭނުންވަނީ އެގޮތް ކަމަށް ބާރު ލިބެނީ އެހެންވެ އެވެ.

ގާޒާއަށް އެންމެ ގިނަ ހަމަލާތައް ދެނީ އެމެރިކާގެ ހަތިޔާރުތަައް ބޭނުންކޮށްގެން

އިޒްރޭލުން ގާޒާއަށް ކޮންމެ ދުވަހަކު ވެސް އެތައް ހަމަލާތައް ދޭއިރު، ހަމަލާތައް އެމެރިކާއިން ދީފައި ހުރި އުޅަނދުތައް ބޭނުންކޮށްގެން އެމެރިކާއިން ދީފައި ހުރި ބޮންތައް އެބަ އަޅަ އެވެ. މިގޮތުން އިޒްރޭލުން ހަމަލާދިނަސް، މިއީ ސީދާ ރޭވިގެން އެމެރިކާއިން ކުރާ ކަމެކޭ ބުނުމުގެ ފުރުސަތު ވެސް އޮތީ މިގޮތަށް ކަންކަން ދިމާވާތީ އެވެ.

އެމެރިކާއިން ވަނީ ފާއިތުވެދިޔަ ހަތް މަސް ތެރޭގައި އިޒްރޭލަށް އެކި ފަހަރު މަތިން ހަތިޔާރު ފޯރުކޮށްދީފަ އެވެ. އެކަން އެމެރިކާއިން ކުރަނީ ސިއްރުންނެވެ. ނަމަވެސް އެމެރިކާގެ ނޫސްތަކުގެ ފަލަ ސުރުހީއަށް ވެސް އެވާހަކަތައް ކޮންމެ ފަހަރަކު އަރަ އެވެ. އަދި ސުރުހީއަށް ނާރައި ވެސް އެ ކަން ސިއްރިއްޔާތުގައި އެމެރިކާއިން ކުރެ އެވެ.

ގާޒާގެ "ސޭފް ޒޯން" ކަމަށް ކަނޑައަޅާފައި އޮތް ހާލުގައި ޖެހިފައި ތިބި މީހުން ހިޔާވެހިކަން ހޯދަމުން އަންނަ ރަފަހު ރެފިއުޖީ ކޭމްޕަށް ފާއިތުވެދިޔަ ދުވަސްތަކުގައި ހަމަލާދީފައި ވަނީ އެމެރިކާގެ ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ. ނަމަވެސް އެތަނަށް ހަމަލާ ނުދޭން އެމެރިކާއިން ތަކުރާރުކޮށް ގޮވި އެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން އެމެރިކާއިން އެޅި އެއްވެސް ފިޔަވަޅެއް ވެސް ނެތެވެ. އެހެންވީމާ އެއީ ވެސް މަކަރުން ދެއްކި ވާހަކައެއްކަން މިވަނީ ހާމަވެފަ އެވެ.

އެމެރިކާއިން ގާޒާއަށް އެތައް މިލިއަން ޑޮލަރުގެ އެހީތައް ފޮނުވާ ކަމަށް ވެސް ބުނެ އެވެ. ނަމަވެސް އެ ބުނާ އެހީތައް މިވީ ހަތް މަސް ދުވަހުގެ ތެރޭގައި ގާޒާއަށް ވަދެފައެއް ނުވެ އެވެ. އެހީތައް ހިފައިގެން ގޮސް ތިބި އެއްވެސް ބަޔަކު ވަންނަން ވެސް އިޒްރޭލުން ހުއްދައެއް ނުދެ އެވެ.

ގާޒާ ހަނގުރާމަ ހުއްޓުވަން އިޒްރޭލަށް ޕްރެޝަރުކުރާ ގައުމުތަކަށް އެމެރިކާއިން ހުރަސްއަޅާ

އެމެރިކާއިން އަބަދުވެސް އެ ގައުމަކީ އެންމެ ސުލްހަވެރި ގައުމު ކަމަށް ބުންޏަސް އެކަން ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. އެއީ ގާޒާގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓުވަން އެމެެރިކާއިން މަސައްކަތް ކޮށްފައި ނުވާތީ އެވެ. އެހެން ގައުމުތަކުން އިޒްރޭލަށް ދަތިކުރަން އެކި ކަންކަން ކުރުމުން އެމެރިކާ އެކަމާ ނުރުހެ އެވެ. އަދި އިޒްރޭލަށް ދަތިކުރާ ގައުމުތަކަށް އެމެރިކާއިން ދަތިކުރެ އެވެ.

އެންމެ ކުޑަ މިސާލަކަށް ރާއްޖެއިން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓުވަން ބާރު އަޅައި، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް މަސައްކަތް ފެށުމާއެކު، އެމެރިކާއިން ވަނީ ރާއްޖެއަށް ދަތި ކުރުމަށް އެކި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ނުސީދާކޮށް ދީފަ އެވެ. އެއީ އެމެރިކާއިން އަބަދުވެސް ކަންތައް ކުރާ ގޮތެވެ. ކައިރީގައި އެންމެ ހެޔޮ އެދޭ ކަމަށް ތިބެގެން، އެމީހުން ބޭނުން ނުވާ ގޮތަށް ކަންތައް ހިނގަން ފެށުމުން އަމަލުކުރާ ގޮތެވެ.

މީގެއިތުރުން ފަލަސްތީނަށް އދ ގެ ފުރިހަމަ މެންބަރު ގައުމުކަން ދިނުމާއި، ފަލަސްތީނަކީ މިނިވަން ގައުމެއް ކަމަށް ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ ގައުމަކީ ވެސް ހެޔޮ އެދޭ ކަމަށް ދައްކާ އެމެރިކާ އެވެ. އެމެރިކާއިން މިފަދަ ކަންކަމުގައި ނަގާ ވޯޓުތަކުގައި ވެސް އަދި ގަތުލްއާންމު ހުއްޓާލަން އެންމެ ބާރުލާފައި ގޮވާލާފައި ވެސް ވޯޓު ދެނީ އިޒްރޭލު ކޮޅަށެވެ. މީގެއިން ވެސް އެނގެނީ އެމެރިކާއިން ގަތުލްއާންމު ހުއްޓާލަން ބޭނުން ނުވާ ކަމެވެ.

އިންޓަނޭޝަނަލް ކޯޓު އޮފް އާބިޓްރޭޝަން (އައިސީޖޭ) ގައި އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާ ދެކޮޅަށް ވެސް އެންމެ ބޮޑަށް ވަކާލާތު ކުރަނީ އެމެރިކާއިންނެވެ. އެ ގައުމުން އައިސީޖޭއާ ދެކޮޅަށް ވެސް އެޅެން އޮތް ފިޔަވަޅެއް އަޅަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ އިޒްރޭލުން ހިންގާ ގަތުލްއާންމު ބަލަން ފަށައިފިނަމަ، އެމެރިކާގެ އިހުމާލާއި އެމެރިކާއިން ވާގިވެރިވެފައި އޮތް މިންވަރު އެނގިދާނެތީ އެވެ.

މިހާތަށް ތާރީހު ހެކިވަނީ އެކި ގައުމުތަކުގައި ހިންގާފައިވާ ގަތުލްއާންމުތަކުގައި ވަކިން ހާއްސަކޮށް މުސްލިމުންނާ ދެކޮޅަށް ހިންގާ ކަންކަމުގައި އެމެރިކާގެ އަތެއް އަބަދުވެސް އޮންނަ ކަމަށެވެ. އޭގެ ތެރޭގައި ރުވާންޑާއާއި ބޮސްނިއާ އަދި ކެމްބޯޑިއާ ގަތުލްއާންމު ހިމެނެ އެވެ.

ލީވާން އަލީ ނާސިރު

ޖާނަލިސްޓް

ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީންނެވެ. އޭނާގެ ގަލަން، ނޫސްވެރިކަމުގެ ގިނަ ދާއިރާތަކުގައި ހިންގާފައިވެ އެވެ. އެގޮތުން، ލޯކަލް ދާއިރާ، އަދި ކުޅިވަރުގެ ދާއިރާ ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox