ދިވެހިން މި ކިޔާ ޖުހާއަކީ ކާކު؟

ދިވެހިން މި ކިޔާ ޖުހާއަކީ ކާކު؟

ބަކުރަކީ ސޭކު ގޮތެއް ހުންނަ މީހެކެވެ. އެއްދުވަހަކު މީނާ ސައި ހޮޓަލަކަށް ސައިބޯން ވަނުމުން އެތަނުގައި ތިބި އެންމެން މީނާއަށް ޖެއްސުންކޮށް މަލާމާތާއި ފުރައްްސާރައިގެ ބަސްތައް ބުނަމުން ގެންދަނީ އެވެ. އެންމެން އިއްތިފާގުވާ ގޮތުގައި މި ބަކުރަކީ އެއްވެސް ބޭނުމެއް ހިފޭ މީހެއް ނޫނެވެ. ހޮޓަލުގައި ތިބި މީހުންގެ ތެރެއިން މީހަކު ބުނެ އެވެ. ބަކުރާ ކަލެއަކީ ހަމަ ފައްކާ ކައްޓަލަ އެކެވެ. އެންމެން ޕަކަޕަކަ އަޅާފައި ހޭންފަށައިފި އެވެ. ޖުހާ ފިޔަވައެވެ. ޖުހާ ބުންޏެވެ. ބަކުރަކީ އަހަރެންގެ މިތުރެކެވެ. އެހެންވީމާ އަހަރެން ތިޔަ ބަހާ ދެކޮޅެވެ. ބަކުރު ޝުކުރުން ފުރިގެންވާ ބެލުމަކުން ޖުހާއަށް ބަލާލާފައި ހިނިތުންވެލި އެވެ. ޖުހާ ބުންޏެވެ. ކަލޭމެން އެންމެންވެސް ދަންނާނޭ ފަދައިން ކައްޓަލައެއް ވިއްޔާ ފެނުކައްކައިގެން ކާލެވޭނެ އެވެ. ބަކުރު ފެނުކައްކައިގެންވެސް އަހަރުމެންނަށް ހިފޭނޭ ބޭނުމެއް އޮންނާނެ ހެއްޔެވެ؟

ޖުހާގެ ޝަހުސިއްޔަތަކީ މިއީ އެވެ. އޭނާ ބުނި ބަހަކީ އެކުވެރި ބަކުރާ އެއްކޮޅަށް ބުނި ބަހެއްތޯ ނުވަތަ ފުރައްސާރައިގެ މައްޗަށް ކުޅަ ފުރައްސާރައެއްތޯ ސާފެއް ނުވެ އެވެ. ޖުހާގެ މަޖާ ވާހަކައެއް އަޑުނާހާ ދިވެއްސަކު ނުހުންނާނެ އެވެ. ބުއްދިވެރި ބުނުންތަކާއި ހައްދެއް ނެތްފަދަ މޮޔަ ކަންކަންވެސް މި ޖުހާއަށް ނިސްބަތްކޮށްގެން ކިޔައި އުޅެ އެވެ. އެންމެ ކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަމުގައި މިސާލު ޖެހުމަށާއި، ބަސް ގަދަކުރުމަށްވެސް ޖުހާގެ ވާހަކަތަކަކީ ހަމަ އެއްވަނަ އެވެ.

އަޅުގަނޑުމެންގެ މެދުގައި މަޝްހޫރު މި ޖުހާގެ އަސްލު ނަމެއް ކަމަށްވަނީ މުއްލާ ނަސީރުއްދީން ހޯޖާ ކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. ތުރުކީގެ ފޯކްލޯރުތަކާ ބެހޭ ގޮތުން 1978 ވަނަ އަހަރު އިލްހާން ބާޝްގޯޒް ލިޔުއްވައި އިންޑިއާނާ ޔުނިވަސިޓީން ޝާއިއުކުރި ފޮތުގައި ބުނެފައިވާ ގޮތުން ނަސީރުއްދީން ހޯޖާއަކީ މީލާދީން 13 ވަނަ ގަރުނުގެ ތެރޭގައި ތުރުކީގެ އަކުސަހީރު ކިޔާ ރަށުގައި އުޅުނު މީހެކެވެ. އޭނާގެ އުފަން ތާރީހަކާއި، އަނބިދަރިންނާއި އެދުރުންނާއި އޭނާގެ މުޅި ދިރިއުޅުން އެނގޭނޭ ވަނަވަރު ހަދައިގެން އެ ރަށު މީހުން އުޅެ އެވެ. އަކްސަހީރުގައި ހުރި މާ ޒަމާންވީ މަހާނައެއް އެއީ މުއްލާ ނަސީރުއްދީން ހޯޖާގެ މަހާނަކަމަށްވެސް އެ ރަށު މީހުން ކިޔައި އުޅެ އެވެ. އަދި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ނަސީރުއްދީން ހޯޖާގެ ވާހަކަތައް ކިޔައިދިނުން އިހުތިފާލެއްގެ ގޮތުގައި ފާހަގަކުރެ އެވެ. މި އިހުތިފާލަކީ މިހާރު ޔުނެސްކޯގެ އިންޓޭންޖިބްލް ކަލްޗަރަލް ހެރިޓޭޖް ލިސްޓްގައި ވެސް ހިމެނިފައިވާ ހަރަކާތެވެ.

މިއީ ތުރުކީގައި މިކަން އޮތް ގޮތެވެ. އެހެންނަމަވެސް، އަރަބި ލިޔުންތަކުން މި ޝަހުސިއްޔަތުގެ ވާހަކަ ފެންނާން އޮތީ 'ޖުހާ' ގެ ނަމުގަ އެވެ. އެންމެ ފުރަތަމަ ޖުހާގެ ނަން ޒިކުރު ކުރެވިފައި އޮތީ އަރަބި އަދީބު އަލްޖާހިޒްގެ ފޮތަކުންނެވެ. އޭނާ ލިޔުއްވި 'އަލްޤައުލު ފިލްބިޣާލި' ނުވަތަ 'ބަޣަލް (އަހާއި ހިމާރަށް ލިބޭ ދަރި) އާމެދު ބުނެވޭ ބުނުންތައް' ކިޔާ ފޮތުގައި ޖުހާގެ ވާހަކައެއް ލިޔުއްވާފައި އޮވެ އެވެ. މި ފޮތް ލިޔުއްވާފައި އޮތީ އައްބާސީ ވެރިކަމުގެ ދުވަސްވަރު މީލާދީން ނުވަ ވަނަ ގަރުނުގެ ތެރޭގަ އެވެ.

އެ ފޮތުގައި ޖުހާއާ ބެހޭ ގޮތުން އޮތް ވާހަކައަކީ، ހިމާރަކަށް ސަވާރުވެގެން އައި މީހާއަށް ނިސްބަތްކޮށް އެމީހާގެ ރަށުގެ ނަމުން ޖުހާ އޭނާއާ މުހާތަބު ކުރި ވާހަކަ އެވެ. އެކަމާ ހައިރާންވެގެން ތިމަންނާއަކީ ކޮން ރަށެއްގެ މީހެއްކަން އެނގުނީ ކިހިނެއްތޯ ސުވާލުކުރުމުން ޖުހާ ބުނިކަމަށް ވެއެވެ. ކަލޭގެ ހިމާރުގެ ކަންފަތާއި، އަރިކަށްޓާއި ނަގުލުގެ ބައްޓަމުން ކަލޭގެ ނިސްބަތްވާ ރަށުގެ އަކުރުތައް ފާޅުވާތީ އެނގުނީ އެވެ. އެމީހާ ހިމާރުން ފައިބައި އެއަކުރުތައް ފެނޭތޯ އުޅެއުޅެ އެކަމެއް ނުވި އެވެ. ޖުހާ ނޫން މީހަކަށް އެ އަކުރުތައް ފާޅުވި ކަމަކަށް ނުވެ އެވެ. މި ވާހަކައަކީ އެފޮތުގައި ގެނެސްދީފައި އޮތް ހިޔާލީ ވާހަކަ އެކެވެ. މި ވާހަކައަށްފަހު އަރަބި ދުނިޔޭގައި ޖުހާގެ ވާހަކަތައް ހިނގަން ފެށީ އެވެ. މަޖާ ކޮންމެ ވާހަކައެއްގެ މައިގަނޑު ޝަހުސިއްޔަތަކަށް ވަނީ ޖުހާ އެވެ.

މީލާދީން 13 ވަނަ ގަރުނުގެ ތެރޭގައި ދިމިޝްގުގެ 'ޝަމްސުއްދީނުއްޛަހަބީ' ލިޔުއްވި މީޒާނުލްއިޢުތިދާލި ފީ ނަޤްދިއްރިޖާލި'' ނުވަތަ ‘މީހުންނަށް ފާޑުކިޔުމުގައި އަދުލުވެރިވުމުގެ ތަރާދު’ އޭ ކިޔުނު ފޮތުގައި ބުނެފައިވާ ގޮތުން 'ޖުހާ' ގެ އަސްލު ނަމަކީ 'އަބުލްޣުސްނު' އެވެ. އޭނާއަކީ އުމަވީ ވެރިކަމުގައި ކޫފާގައި ދިރިއުޅުނު މީހެއް ކަމަށާއި އޭނާގެ މަންމައަކީ އަނަސް ބިން މާލިކްގެ އަޅެއް ކަމަށްވެސް ލިޔުއްވާފައި ވެއެވެ.

ނަސީރުއްދީ ހޯޖާ އޭ ކިޔަސް ނުވަތަ ޖުހާއޭ ކިޔަސް އެ ދެ ނަމަށްވެސް ނިސްބަތްކޮށް ދައްކަނީ ހަމަ އެއްކަހަލަ ވާހަކަތަކެކެވެ. މުނިފޫހި ފިލުވަން ވާހަކަ ކިޔައިދިނުމަކީ މި ޝަހުސިއްޔަތު މަޝްހޫރުވެގެން އައި ޒަމާނުގައި އާމްދަނީ ހޯދުމަށްވެސް މީހުން ކުރާ ކަމެކެވެ. ރަށްރަށަށް ދަތުރުކޮށް، އެއް ރަށުން އަޑުއިވޭ ވާހަކަތައް އަނެއް ރަށަށް ކިޔައިދީ ހަދާއިރު އަޑުއިވޭ ވާހަކަތައް އެރަށެއްގެ ޖައްްވަށް ފައްތާލުމަށް ގެންނަ ބަދަލުތައް ގެނެވެނީ އެވެ.

ޗައިނާގެ ޝިންޖިއާން ޝަހަރުގެ މީހުން 'ޖުހާ' ގެ ވާހަކަތައް ކިޔަނީ 'އަފަންދީ' ގެ ވާހަކަތަކުގެ ގޮތުގަ އެވެ. ކިޔަނީ އެއް ވާހަކަ ތަކެކެވެ. ޝަންހާއީ އެނިމޭޝަން ފިލްމު ސުޓޫޑިއޯއިން ވަނީ 'ދަ ސްޓޯރީޒް އޮފް އަފަންދީ' ގެ ނަމުގައި 1979 ގައި އެނިމޭޓެޑް ސީރީޒްތަކެއްވެސް އުފައްދާފަ އެވެ. އެ ސިލްސިލާތަކުގައި ހިމެނެނީ އަޅުގަނޑުމެން ކިޔައި އުޅޭ ޖުހާގެ ވާހަކަތަކެވެ.

ޝިންޖިއާންގެ މީހުން ކިޔައިއުޅޭ 'އަފަންދީ' ގެ އަސްލު ނިސްބަތްވަނީ ތުރުކީ ބަހުގައި ކިޔާ 'އެފެންދީ' އަށް ކަމަށް ބެލެވެ އެވެ. 'އެފެންދި' އަކީ ލަގަބެކެވެ. އެއީ މީހަކަށް އިހުތިރާމާއި ގަދަރު ދިނުމުގެ ގޮތުން އެމީހާގެ ނަމުގެ ފަހަތަށް އިތުރުކުރެވޭ އިތުރުކުރުމެކެވެ. ނަސީރުއްދީން ހޯޖާއަށް އަކުސަހީރު ކިޔާ ރަށުގައި 'ހޯޖާ އެފެންދި' އޭ ކިޔައި އުޅެ އެވެ. އެހެންވީމާ 'އަފަންދި' އަކީ އަކުސަހީރުގެ އަހުލުވެރިންގެ ތެރެއިން ޝިންޖިއާންގެ އަދަބިއްޔާތަށް ފޯރުވިފައިވާ ނުފޫޒެއް ކަމުގައި ބެލެވިދާނެ އެވެ.

ޗައިނާގެ ޝިއާންޖިން ޝަހަރުގައި 'އަފަންދީ' ރަމްޒުކޮށްދޭ މޮނިއުމަންޓެއް ބެހެއްޓިފައި
ޗައިނާގެ ޝިއާންޖިން ޝަހަރުގައި 'އަފަންދީ' ރަމްޒުކޮށްދޭ މޮނިއުމަންޓެއް ބެހެއްޓިފައި

ޗައިނާގެ ޝިއާންޖިން ޝަހަރުގައި 'އަފަންދީ' ރަމްޒުކޮށްދޭ މޮނިއުމަންޓެއް ބެހެއްޓިފައި

ދިވެހިންގެ ތެރެއަށް މި ވާހަކަ ވާހަކަތައް އައިއިރު، މި ވާހަކަތަކުގެ މައިގަނޑު ޝަހުސިއްޔަތަށް 'ޖުހާ' ގެ ނަން ދެވިފައިވާތީ ދިވެހިންނަށް ޖުހާ ތައާރަފުވީ އަރަބިންގެ ފަރާތުން ކަމުގައި ބަލަންޖެހެ އެވެ. އެއީ 'ޖުހާ' އަކީ އަރަބިންގެ އުފެއްދުމެކެވެ. ނަސީރުއްދީން ހޯޖާ އުފަންވިކަމަށް ބުނާ ތާރީހުގެ މާކުރިން އަރަބިންގެ ލިޔުންތަކުން ޖުހާގެ ޝަހުސިއްޔަތު އުފަންކޮށްފި އެވެ. އަދި އަރަބިންގެ ތެރޭގައި އެ ވާހަކަތައްވެސް ކިޔައި އުޅޭން ފަށައިފި އެވެ. އެ ވާހަކަތަކުގައި ހިމެނޭ މީހުންނާއި ތަންތަނުގެ ނަންތައް ދިވެހި ވެއްޓަށް ފެއްތުމަށް ގެނެވުނު ބަދަލުތަކެއް ގެނެވިފައި އޮތަސް ދިވެހިންގެ ތެރޭގައިވެސް ކިޔައި އުޅެނީ އަރަބިންނާއި ފާރިސީންގެ ތެރޭގައިވެސް ކިޔައި އުޅޭ ވާހަކަ ތަކެވެ.

ޖުހާއަކީ ހަގީގަތުގައިވެސް އުޅުނު މީހެއްކަމަށް ތަފާތު ގިނަ ދައުވާތައް ހުއްޓަސް މިއިން އެއްވެސް ދައުވާއަކީ ސާބިތުވާ ދައުވާއެއް ނޫނެވެ. ޖުހާއާ ގުޅޭ ވާހަކަތައް ކިޔައި އުޅެނީ މުނިފޫހިފިލުމަށްޓަކައި އެކަނި ކަމަށްވާތީ އެއްވެސް ޒަމާނެއްގައި، ޖުހާއަކީ ކާކުތޯ ބަލަން މާބޮޑު ދިރާސާއެއް ކުރެވިފައި ނެތީ އެވެ. އެ ބަޔަކަށް ގަބޫލުކުރެވޭ ގޮތަކަށް ގަބޫލުކޮށްގެން ތިބެ ޖުހާ ނުވަތަ ނަސީރުއްދީން ހޯޖާ ނުވަތަ އަފަންދީގެ ވާހަކަތައް ކިޔައި މަޖާ ނެގުނީމާ އަޅުގަނޑުމެންނަށް ފުދުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox