ރައްޔިތުންގެ މަޖިލީހުން ކްލެމެންސީ ބޯޑަށް ހަމަޖައްސާ މެންބަރެއްގެ ގޮތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އައްޔަނުކުރުމަށް މިއަދު ފާސްކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަނުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ އިއްތިފާގުންނެވެ. އޭނާއަކީ ޕީއެންސީ ޕީޖީގެ ސީނިއާ ޑެޕިއުޓީ ލީޑަރެވެ.
ކްލެމެންސީ ބޯޑަކީ އޭޖީ އޮފީހުގެ ދަށުުން މަސައްކަތް ކުރާ ބޯޑެކެވެ. މިއީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ 11 މެންބަރުންގެ ބޯޑެކެވެ.
އެ ބޯޑުގައި ގާނޫނޫ ދާއިރާއިން މީހަކު, ތައުލީމީ ދާއިރާގެ މީހަކު, އިޖުތިމާއީ ދާއިރާގެ މީހަކު, ސިއްހީ ދާއިރާގެ މީހަކު, ދީނީ އިލްމުގެ މީހަކު, މަދަނީ ޖަމިއްޔާގެ މީހަކު, ޕެރޯލް ބޯޑުގެ މީހަކު, ފުލުހުންގެ ދާއިރާގެ މީހަކު, ޝަރުއީ ދާއިރާގެ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހިމެނެ އެވެ.
އަށާރަވަނަ މަޖިލީހުން ކްލެމެންސީ ބޯޑަށް އައްޔަނުކުރީ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދެވެ. ނަވާރަވަނަ މަޖިލީހުން ކްލެމެންސީ ބޯޑަށް އައްޔަނުކުރީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.













