މުދިން ކާޅު ބުނި ހައްގު ބަހުން ލިބޭ އަގުބޮޑު ފިލާވަޅު

މުދިން ކާޅު ބުނި ހައްގު ބަހުން ލިބޭ އަގުބޮޑު ފިލާވަޅު

އިންސާނުންގެ ފިތުރަތާމެދު އަޖާއިބު ވާހައި ވެއެވެ. ދުނިޔޭގައި ލެއްވިހައި ތަކެއްޗެއްގެ ވެރިކަމަށް ދައުވާކުރާ އެބައިމީހުންނަކީ ބިމުގެ ވެރިކަމަށް ކުފޫހަމަވާ ބައެއް ހެއްޔެވެ؟ އެ މަހުލޫގުންގެ ފިތުރަތަކީ އެނގޭހައި ކަންކަން ހަނދާން ނައްތާލުމެވެ. ދަސްކުރާ އިލްމާއި، ހޯދާ ހޯދުންތަކަށް ފަރުވާނުވެވި، ގެއްލުމަށް ހުށަހޮޅިގަތުމެވެ. 'އިންސާނުންގެ ތެރެއިންވާ ޝައިތާނުންގެ' ފުށުން ރައްކާތެރިކަމަށް އެދި މާތް ހަޒުރަތަށް ދުއާ ދަންނަވާއިރު، އިންސާނުންގެ ތެރޭގައި ޝައިތާނުން ވާނޭކަން ސިކުނޑީގައި ހަރުލާފައި ނުހުރެ އެވެ. ހަނދާން ނައްތާލުމާއި ކުށް ކުޅައުމަކީ އިންސާނާގެ ފިތުރަތު ކަމަށް އޮންނަ ބަހުގެ ތެދުކަމާ އެވެ. އެއީ އަޅުގަނޑުމެންގެ ފިތުރަތާ ވަކިވާނޭ ކަމެއް ނޫނެވެ.

އިންސާނުންގެ ދޮގާއި މަކަރުގައި އިންސާނުންޖެހި ހަފުސްވާތަން ދެކޭން އަޅުގަނޑުމެންނަށް ޖެހެނީ މަދެއްކޮށެއް ނޫނެވެ. އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ތަޖުރިބާއަށް އެކަން ވެގެންދާއިރު، އިހަށް ބުއި ބޮނޑި ހަނދާން ނައްތާލާފައި ހަމަ އެކަހަލަ އައު ބޮނޑިއެއް ބޮވޭތޯ އަޅުގަނޑުމެން މިހިރަގެން ތެޅޭ ތެޅުމަކާމެދު ހައިރާނެވެ.

މަޝްހޫރު ޝާއިރު، އުތީމު އާދަމް އަބްދުއްރަހުމާންގެ ޅެންވެރިކަމުގެ ހަޒާނާގައި ހުރި 'މޮހޮރީ'ތަކާއި 'އަލިމަސް'ތަކުގެ ވިދުވަރުގެ ގަދަކަމާމެދު އާޝޯހު ނުވާނޭ ހަމަ އެކަކުވެސް ނުހުންނާނެ އެވެ. ވިސްނުންތެރިކަމާއެކު ކިޔައިފިނަމަ މި ކުޅަދާނަ ޝާއިރު ނަންގަވައިދެއްވާ އެ ފިލާވަޅުތަކުން ތިބާ އާއި އަޅުގަނޑުގެ ދިރިއުޅުމަށްވެސް ހެޔޮ އަސަރެއް ކޮށްފާނެ އެވެ. މި އަގުބޮޑު އަލިމަސްތަކުގެ ތެރެއިން އަލިމަހެއް ފަދަ އަގުބޮޑު ނަސޭހަތަކީ މުދިންކާޅުގެ ބަހުން ލިބޭ ފިލާވަޅެވެ.

ގުދުރަތުން ލެއްވެވި ތަފާތެއް ނެތިކޮށެއް ނުލެވޭނެޔޭ

އުދުހި އުޅުނަސް ފިތުރަތަށް ތަސްލީމުނުވެ ނުމެވާނެޔޭ

އުދުހިލާފައި ދިޔަ އެކަނިވެރި ކާޅަކަށް، ގަހެއްގައި އެލިގަނެގެން އެ ގަހުގެ މޭވާތަކަށް ހަމާލާ ދޭން އޮތް ވާލެއް ފެނުނެވެ. އެކަނިވެރި ކާޅު އެސޮރާއެކު ހަޔާތުގެ ބާކީބައި ވެއަތުކުރާނޭ ބައިވެރިއެއް ބޭނުންވެފައި ހުރިކަމުން ވާލާ މައްލަވަ ކޮށްލި އެވެ. ކާޅު ބުނެ އެވެ. ތިބާ ތިޔަހެން ގަހުކުރީގައި އެލިގެން އޮންނައިރު، ތިޔަ ދޮން ހަށިގަނޑު ފެނިފައި މަށަށް ހާދަހައި އަސަރެއް ކުރެ އެވެ. ކާޅުގެ މައްލަވަކުރުމާމެދު ރުހުނުކަން ދައްކަމުން ރަކި ގޮތަކަށް ހިނިތުންވަމުން ވައު ބުނެފި އެވެ. ތިބާގެ ކުލަ ކަޅަކަސް، ތިޔަ ފަރި ތުންގަނޑާއި، ފައިގެ ވަކިތައް މަށަށްވެސް ނިކަން ކަމުދެ އެވެ.

ކާޅަކަށް ފެނުނޭ ނުހަނު ފަރި ޗާލު ވާލެއް ގަހުކުރިން

ހާލު އަހަމުން ކައިރިއަށް ގޮސްފައި ސަމާސާކޮށްލިޔޭ

ގަހުކުރީގައި އޮންނައިރު ފެނިފާ ތިބާ ދޮންހަށިގަނޑުން

އަހުރެނަށް ފުން ހާދަ އަސަރެއް ކުރުވަޔޭ ބުނެލައިފިޔޭ

ހުންނަ ކުލަ ކަޅަކަސް މަށަށްވެސް ފެނިލުމުން ތިޔަ ފަރިކަމާ

ތުންގަނޑާ އަދި ފައިގެ ވަކިތައް ކަމުދެޔޭ ވައު ބުނެފިޔޭ

ކާޅު ހުރީ ހަޔާތުގެ ބައިވެރިޔަކަށް އިންތިހާއަށް ބޭނުންވެފަ އެވެ. ކާޅުގެ މައްލަވަކުރުމާ ވައު ރުހިއްޖެކަން ގައިމުވުމުން، ފުރުސަތު ނަގާލުމެއްނެތި ވާލަށް ކާޅުގެ ހިތުގެ ހާލު ކިޔައިދީ ލޯބި ހުށަހެޅި އެވެ. ލިބުނު ތައުރީފުތަކަށް ހެއްލި، ހިތްހަމަޖެހިފައި އޮތް ވައު ވެސް ކާޅުގެ ލޯބި ގަބޫލުކޮށް، ކާޅުގެ ހުށަހެޅުމަށް އާނބަސް ބުނެފި އެވެ. ރުހުން ދިންނަމަވެސް، ކާޅު އުދުހުމުގައި ގެންގުޅޭ ލުއިލުއި ހަރަކާތާއި އަބަދާއިއަބަދު އެގޮވާ ގޮވުމާއި، ކާޅު އުޅެމުންދާ ދިރިއުޅުން ވާލުގެ ވިސްނުމުން ފަރުދާވެ ނުދެ އެވެ. އެހެންވެ ކާޅާއި ވާލުގެ މި ގުޅުން ކުރިއަށް ގެންދިއުމުގެ ކުރިން، ވައު އެސޮރުގެ ބައްޕަގެ ބަހެއް ހޯދާލި އެވެ.

ކާޅު ވާލާ ގުޅި އުޅެން އެދި ލޯބި ހުށަހެޅި ވަގުތުގައި

ފާޅުގައި ވައު ވެސް ރުހޭ ކަމުގައި ޖަވާބެއް ދީފިއޭ

ދާދި ލުއިކޮށް އުދުހިލާފައި ތާއަބަދުހެން ގޮވަގޮވާ

ކާޅު އުޅެމުންދާ އުޅުން އާދައިގެ ވާލަށް ވިސްނެޔޭ

ބައްޕައާ ބައްދަލުކުރަން ވައު ދިޔައީ ކާޅުވެސް ގޮވައިގެންނެވެ. ވާލާއި ކާޅުގެ މި ގުޅުމުގެ ހަބަރު އިވި ބައްޕަ ކަންބޮޑުވުމާއެކު ބުނެ އެވެ. އަހަރުމެންނަކީ ތާޒާ މޭވާ ކައި، މީރުވަސްދުވާހާ މާމެލާމެލީގެ ފޮނިކޮޅު ބޮއިގެން ޗާލު ދިރިއުޅުމެއް އުޅޭ ބައެއްކަން ވާލަށް ހަމަ ރަނގަޅަށް އެނގޭނެ އެވެ. އެކަމަކު ކާޅަކީ....

އެހެން ބުނެލުމާއެކު ކާޅަށް ބުނެ އެވެ. އަހުރެން ވައްބަހުން ވާހަކަ ދައްކާކަށް ނެތީމެވެ. މި ބުނަނީ ވަރަށް ފާޅުގަ އެވެ. އަހަރުމެންގެ މި ޗާލު ސިފަތައް ލިބިގެންވާ ވާލަކާ ގުޅިގެން އުޅޭން ބޭނުންނަމަ ދެން ގުއި ކައިގެން ނުވާނެ އެވެ. މުޅަތަކެއްޗާއި، ވަސްނުބައި ކުނިފަދަ ތަކެތި ކައިބޮއި ހަދައިގެން ނުވާނެ އެވެ. ކާޅު ނިކަން ޒާތަކަށް އިނދެ މި ޝަރުތުތަކަށް އެއްބަސްވެއްޖެ އެވެ. ކުނިބުންޏާއި ގުއި ކެއުމަކީ ކާޅުގެ ކަށީގައި ހިފާފައި ހުރި ނުބައި އާދައެއް ނޫންކަމާއި އެއީ އެސޮރުގެ ފިތުރަތުކަން ހަނދާން ނެތުނީ ވާލުގެ ލޯބީގައި ދީވާނާވެފައިވީ ވަރުންނެވެ. ބައްޕަ ވައު ހުށަހެޅި ޝަރުތުތަކާމެދު ރުހި ގަބޫލުވުމުން ވާލާއި ކާޅުގެ ކައިވެނިކުރެވި ދެމަފިރިން މާމުއިހަނދުވަރުގެ ދުވަސްތައް ގުނާން ފަށައިފި އެވެ.

ވާލު ބައްޕަ ބުނީ މަލާ މޭވާގެ ފޮނިފޮދު ބޮއިހަދާ

ޗާލު މިއުޅޭ އަހަރުމެންގެ އުޅުން ކަލޭ ދަންނާނެޔޭ

ކާޅު ކައިރީ ދެން ބުނީ ހަމަ ފާޅުގައި ސިއްރެއް ނުކޮށް

ވާލަކާ އިނދެގެން އުޅެންޏާ ދެން ގުޔެއް ނުކެވޭނެޔޭ

ވަސްނުބައިހާ ހަޑިތަކެއްޗާ ފެންނަ ހުރިހާ މުޅަތަކާ

މަސްކަނޑާފައި ހުންނަ ކުނިބުނި ކައިގެނެއް ނުމެވާނެޔޭ

ކާޅު ކުރަކި އަޑުން ދެލޯ ތަޅުވަމުން އިނދެ ފާޑަކަށް

އާއެކޭ ތިޔަ ޝަރުތުވެސް އަހަރެން ގަބޫލޭ ބުނެފިޔޭ

މިހުރިހާ ވާހަކަތަކެއް ދައްކާ މުޅިން އެއްބަސްވެފާ

ރުހި ގަބޫލުވެގެން ދެމީހުން އެކު އުޅެން ނިންމައިފިޔޭ

ކާޅު އެސޮރުގެ އަމިއްލަ ނަފުސާ ކުރަމުން ގެންދިޔައީ ހަނގުރާމައެކެވެ. ކޮންމެ ހިނދުކޮޅަކީ ކާޅަށް އިމްތިހާނެކެވެ. އިހަށްވެސް އުޅުނުހެން ދުވާލަކު ދެއިރަށް ގޮނޑުދޮށަށް ގޮސް، އެ ފެންނަ ވަރުވަރުގެ ފުނިފުންޏަށް ހުރި 'ކާނާ' ތަކުގެ ރަހަބަލާލުމަށް އެސޮރުގެ ހިތުން ބާރު އަޅާ މިންވަރާއި، އެކަމާ ދުރުވާން ސިކުނޑި ބުނެދޭ ބުނެދިނުމުގެ ތެރޭގައި ތާށިވެފައިވީ ނިކަމެތި ނަފުސަށް ވަމުންދާވަރު ބަޔާންކޮށްދެވޭނޭ އިބާރާތެއް ނެތެވެ. ހިތާއި ސިކުނޑީގެ މިހަނގުރާމައިގައި ދޭތެރެ ދެމެދުގެ ހައްލަކަށް އާދެވުނެވެ. އެއީ ކާޅުގެ ކާނާއަށް ލޮލުން ބަލައިގެން ހިތް ފުރާލުމެވެ. ގޮނޑުދޮށަށް ގޮސް ކަޅި ހިންގާލުމުން ފެނުނީ އެކި ވަރުވަރުން، އެކި ކުލަކުލައިން އެކި އުސްމިނުގައި އަތުރާފައި ‘ކާނާ’ އެވެ. މާލޫދު ހަރުގެއަކަށް ކޭން އަރުވާފައި ހުރި ފަދަ އެވެ. މި މަންޒަރު ފެނި ހިތަށް ކުޅަ އަސަރުން ދެލޯ މަރާލަމުން ދޫކޮށްލެވުނު އާހުގެ އަޑާއެކު، އެއިން ކެއުމެއްގެ ރަހަ ބަލާލެވިއްޖެ އެވެ. އަތުރާލާފައި ހުރި ކެއުންތަކުގެ ތެރެއިން އުސް ކެއުން ފުންޏަކަށް ތުންގަނޑު ހަރާލައިގެން ތުނބުން ނެގުނު ހެޔޮވަރު ސުވާގެ ރަހައިން ރޫހަށް ލިބުނު އުފާވެރިކަމާއެކު ހިތުގައި ބިރުވެރިކަންވެސް ހިނގައިގެންފި އެވެ.

ދާފަދައިން އިހުވެސް އަތިރިއަށް ކޮންމެ ދުވަހަކު އާދަކޮށް

ކާޅު ގޮސް އެތަނުން ދެދަޅައަށް ކައިއުޅެން ބޭނުންވެޔޭ

ދެވުނު ހިނދު ތަނުގައި އެހުރި ކާތަކެތި ފެނި ހިންދިރުވަމުން

ލެވުނު ފުން މާނޭވަޔާއެކު އެތިކޮޅެއް ކާލައިފިޔޭ

ކާޅަށް މިކުރެވުނީ އެސޮރު ނުކުރާނޭކަމަށް ހަތްހުވާ ކުރެވުނު ކުށެކެވެ. ފާފަވެރިކަމުގެ އިހުސާސާއެކު، ކެއުން ހުއްޓާލައި އެ ކުރެވުނު ކުށަށް ތައުބާވުމާއެކު ތާއަބަދަށް ވަންހަނާކުރުމަށް ނިޔަތްގަތެވެ. ކެއުންތައް އަތުރާލެވިފައި ހުރި ގޮނޑުދޮށުން ދުރަށްގޮސް އެއްގަމަށް އަރައި، މަގުމަތީގައި ހެދިފައި އޮތް ފެންގަނޑަކުން ގައިން ތާހިރުވެލި އެވެ. ރަނގަޅަށް ފެންވަރާލައި ނަލަވެލައިފި އެވެ. އޭގެ ފަހުން ވާލާ ބައްދަލުކުރުމަށް އުދުހިގަތީ އަނބިގޮއްޔެއަށް ހަދިޔާއެއްވެސް ހިފައިގެންނެވެ. މަގުމައްޗަށް ވެއްޓިފައި އޮތް ތާޒާ ދޮންދުނބުރިއެކެވެ. ވާލަށް އެންމެ މީރު ކެއުންތަކުގެ ތެރެއިން ކެއުމެކެވެ.

މި ކުރެވުނު ކުށް ހީވެފާ މިކަމުން ސަލާމަތްވާން ހިތާ

ނިކުމެގެން ގޮސް މަގުމަތީ އޮތް ފެންގަނޑަށް އެރިލައިފިޔޭ

ފެންވަރާ ނަލަވެސް ވެލައިގެން ތުންގަނޑުން ގެންގޮސް ހިފާ

ދޮން ދުނބުރިއެއް މީރު ކާލަން ކާޅު ވާލަށް ދީފިއޭ

ވާލާ ބައްދަލުވުމާއެކު ކާޅުގެ ތުންގަނޑުން ވާލަށް ގެނައި ދޮންދުނބުރި ދިއްކޮށްލި އެވެ. ލޯބިން ގާތްވެލާން އުޅުނު ވަގުތު ކާޅުގެ ތުންގަނޑުގެ ވަސް ވާލުގެ ތޫނު ނޭފަތަށް ފޯރައިފި އެވެ. ވާލުގެ ރުޅިގަނޑު އެރީ އަށްޑިހަ އަށެވެ. ތިޔައައީ ގުއި ކައިގެން ނޫންހޭ ބުނެ ވަގުތުން ކާޅަށް ހަމަލާ ދީފި އެވެ. ޒުވާބުން އެކަނި ނުހުއްޓި ދެމަފިރިން އަނިޔާވެރިކަން އިސްކޮށްގެންފި އެވެ. ދިން ހޫނު ހަމަލާތަކުގައި ވާލުގެ ފިޔަގަނޑު ތޮރުފުނުއިރު، ކާޅުގެ އެއް ލޯ ވެސް ހުރީ ދުއްވާލާފަ އެވެ.

ވާލު ގާތަށް ކާޅު ދިއުމުން އައި ނުބައި ވަހަކާއެކީ

ކައިގެނޭ ގުއި ތިޔަ އައީ ބުނެ ވާލު ހަމަލާ ދީފިއޭ

އައި ރުޅީގައި އެކަކު އަނެކާއަށް ހަމަލަ ދިން ދިނުމުގައި

ވާލުފިޔަ ގަނޑު ތޮރުފި ކާޅުގެ ލޮލުގެ އޮށް ވެއްޓިއްޖެޔޭ

މަންޒަރު ދެކޭންތިބި ކާޅުތައް އެ ދެމެދަށް ވަދެ ދެމަފިރިން މަސަލަސްކޮށް، ތިޔަ ޖެހިގެން އުޅޭ މައްސަލަ މުދިން ކާޅަށް ހުށަހަޅައި ސުލްހަވެރި ހައްލެއް ހޯދުމަށް ނަސޭހަތްތެރިވެއްޖެ އެވެ. ކާޅުތަކުގެ ބަހަށް، މުދިންކާޅު ޖަލްސާއެއް އިންތިޒާމުކުރުމުން އެ ޖަލްސާއަށް ހުރިހާ އިސް ކާޅެއް ހާޒިރުވެއްޖެ އެވެ. ޖަލްސާ ފެށުމާއެކު ވާލުގެ ޝަކުވާ ހުށަހަޅައިފި އެވެ. ވާލުގެ ޝިކާޔަތަކަށްވީ، ގުއި ނުކާނޭކަމަށް ހަތްފަހަރު ކުރި ހުވަޔާ ހިލާފުވެ ގުއި ކައިގެން އަހުދު އުވާލައި ބޭވަފާތެރިވެއްޖެ ކަމުގެ ޝަކުވާ އެވެ. އެ ވާހަކަ އަޑުއިވި ކާޅުތައް ތިބީ ބުނާނޭ އެއްޗެއް ނޭނގި އިސްޖަހާލައިގެންނެވެ. އެ ހަމަހިމޭންކަން ފޫދުއްވާލީ މުދިންކާޅުގެ ހިތްވަރުންނެވެ. މުދިންކާޅު މައްސަލައިގެ ނިންމުން އިއްވަމުން ބުނެ އެވެ. އެއީ ކާޅެކެވެ. ގުއި ކެއުމަކީ އެސޮރުގެ ފިތުރަތެވެ. ކާޅަކަށް ވާނަމަ ގުއި ނުކައި އުޅެވޭނޭ ގޮތެއް އެއީ ނެތް ގޮތެކޭ މުދިން ކާޅު ބުނީ އަޑަށް ލެވުނުހައި ބާރެއް ލާފަ އެވެ.

ފެށުނު ބޮޑު މި އަރައިރުމެއް އޮތް ސުލްހައެއްގައި ނިންމުމަށް

ޖެހުނު ހިނދު ޖަލްސާއަކަށް ބޮޑު ކާޅުތައް އެއްވެއްޖެޔޭ

އެންމެ ބޮޑު މައުލޫއަކީ އޮތް ގުއިކެއުން ކަމުގައި ވުމުން

އެންމެނަށްވެސް އިސްޖަހާލެވި ބަސް މުޅީން ހުއްޓިއްޖެޔޭ

ބާރުލާފައި އިނދެ މުދިން ކާޅޭ ބުނީ ޖަލްސާތެރޭ

ކާޅަކަށް ނަމަ ގުއިނުކައި އުޅެވޭކަށެއް ނޯންނާނެޔޭ

މިއަޑު އަހައި ކާޅު ވެސް މިކަމަށް އެއްބަސްވެއްޖެ އެވެ. މުދިން ކާޅުގެ ނިންމުމާއި އިއްވި ބަހުން ލިބުނު ހިތްވަރުން އަޑު ނެރެގެން ކާޅު ބުނެ އެވެ. މުދިން ކާޅު އެބުނީ ހެޔޮކޮށެވެ. އެންމެ ރަނގަޅީ އަހަރެން އިހަށްވެސް އުޅުނު ގޮތެވެ. އަދި އެއީ އަހަރެން ފަހަށްވެސް އުޅޭނޭ ގޮތެވެ. މިހެން ބުނެ އެތަން ދޫކޮށް އުދުހި ދަމުން ދިޔައީ ވައު ވަރި ވެސް ކޮށްލާފަ އެވެ.

އިހުގޮތޯ ހަމަ ފަހު ގޮތޯ ރަނގަޅީ މުދިން ކާޅުގެ ގޮތޯ

ބުނެ ހަޅޭ ލަވަމުން އުދުހިގޮސް ވާލު ވަރިކޮށްލައިފިޔޭ

ކާޅާއި ވާލުގެ މިސާލުން ކިޔައިދިން މި ވާހަކައަކީ އިންސާނީ ހަޔާތުގެވެސް ހަގީގަތެވެ. އުތީމު އާދަމްބެ އެ ވިދާޅުވަނީ ހަމަ ގައިމުވެސް ކާޅަކާއި ވާލެއްގެ ހަޔާތުގެ ވާހަކައެއް ނޫންތާ އެވެ. އެ ވިދާޅުވެދެއްވީ ދިރިއުޅުމުގެ ފަލްސަފާ އެވެ. އަޅުގަނޑާއި ތިޔަބޭފުޅުންގެ ހަނދާނުން ކައްސާލާފައި އޮތް ދަރުސެވެ. އަޅުގަނޑުމެން ދަންނަމު އެވެ. ތަކުރާރުކޮށް ކުރާ ހިޔާލުން އުފެދޭނީ އަމަލެކެވެ. އެ އަމަލު ތަކުރާރު ކުރުމުން ވަނީ އާދައަކަށެވެ. އާދަ ތަކުރާރު ކުރުމުން އެ އާދައަކީ ތިބާގެ ދިރިއުޅުމަށް ވެދެ އެވެ. އަޅުގަނޑުމެންނަށް އޮތީ މާޒީގެ އާދައާއި، ފެންނާން އޮތް މަންޒަރަށް ބަލައި މުސްތަގުބަލު ލަފާކުރުމެވެ. ކުރިން ފެނުނު ނޭއްގާނީކަން ބަދަލުވެ ހިނގައިދާނޭކަމަށް އަޅުގަނޑުމެން ދުށްޓަސް، މީހާގެ ހަގީގަތް ފިލާނީ އޭނާގެ މާޒީ ކިޔައިގެންނެވެ. ވެއަތުވެދިޔަ ތަނުގައި ތިބާއާމެދު ކަންކުޅަ ގޮތަށް ބަލައިގެންނެވެ.

ވިސްނަވާށޭ ދުނިޔެދޭ އިބުރަތް މިފަދަހާ ކަންކަމުން

ވިސްނެވީމާ ކަންހިނގާނޭ ގޮތް ލަފާ ކުރެވޭނެޔޭ

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox