އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަށް ފެނަކަ ކޯޕަރޭޝަނުން ދެމުން އައި ފެނުގެ ހިދުމަތް ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފި އެވެ.
މި މައްސަލައާ މެދު މަޖިލީހުގައި ބަހުސް ކުރަން ފެންނަ ކަމަށް 83 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ނާޒިލް ވިދާޅުވީ އެޕްރިލް 2024، އިން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ނުލިބޭ ކަމަށާއި، މީގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރައި ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.
"ފެނަކައިން މި މައްސަލަ ހައްލުކުރަން ނުކުޅެދިފައިވާތީއާއި، މި މައްސަލައަކީ ޒިންމާވާ ފަރާތަކީ ކޮބައިތޯ އައްޑޫ ސިޓީ ރައްޔިތުންނަށް ނޭގޭތީ، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުން މިހާރު ތަހަންމަލު ކުރަމުންގެންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހިދުމަތް ކަމަށްވާ ސާފު ފެން ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ވަގުތުން ވަގުތަށް ހައްލު ހޯދައި ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަން،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ބުންޏެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ނިމުމުން ކަމަށް ފެނަކައިން މީގެކުރިން ވަނީ ބުނެފަ އެވެ.

އެ މަޝްރޫއު އެޕްރިލް 2024، ގައި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާއިރު، ނިންމަން ކަނޑައަޅާފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ. މަޝްރޫއަށް 282 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
އައްޑޫގެ ކަރަންޓާއި ފެނުގެ ހިދުމަތް އޮތީ ނިކަމެތި ހާލަތެއްގައި ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން, ބޭނުންވާ ވަރަށް ފެން ފޯރުކޮށްނުދެވޭތީ ރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.












