ފާނަަ މަސްވެރިކަން ކުރަން ފައިބާ އުޅުނު މީހެއްގެ ގައިގައި ޖެހި އެމީހާ މަރުވި ހާދިސާއާ ގުޅިގެން އިއްޔެ ހައްޔަރުކުރި ލޯންޗު ކައްޕިގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެމީހާ ބަންދަށް 15 ދުވަސް ޖެހީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.
އިއްޔެ ހެނދުނު ފާނަ މަސްވެރިކަމަށް މޫދަށް ފައިބާ އުޅެނިކޮށް ލޯންޗެއްގައި ޖެހި މަރުވީ ބަންގުލަދޭޝްގެ ރައްޔިތެކެވެ. އެ ހާދިސާ ހިނގާފައި ވަނީ ދަނގެއްޗާއި ރަންވެލި ރިސޯޓާ ދެމެދުގައި އޮންނަ ތިލައެއް ކައިރީގަ އެވެ.
އެހާދިސާގައި މަރުވީ ފ. ފީއަލީ ދޯންޏެއްގައި މަސައްކަތް ކުރި ބަންގުލަދޭޝްގެ ރައްޔިތެކެވެ.
މަރުވި މީހާ ގައިގައި ޖެހުނު ލޯންޗަކީ އދ. މާމިގިއްޔާއި މާލެއާ ދެމެދު ދަތުރު ކުރާ ފެރީއެކެވެ.













