ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ކްރެޑިޓް ކާޑަށް އެޕްލައިކޮށްގެން 25،000ރ. ހޯދުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފި އެވެ.
ބީއެމްއެލްއިން ބުނީ ޖުލައި 28، ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ފައިސާގެ އިނާމު ލިބޭނީ ކްރެޑިޓް ކާޑަށް އެ މުއްދަތުގައި އެޕްލައިކޮށް އެޕްރޫވް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް ކަމަށެވެ.
ބީއެމްއެލްގެ ކަސްޓަމަރުންނަށް ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ބޭނުންކޮށްގެން ބީއެމްއެލް އިސްލާމިކް އެމެކްސް ކްރެޑިޓް ކާޑަށް އެޕްލައި ކުރެވެ އެވެ.
އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭ މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މި ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފުކުރި ކާޑެކެވެ.
މީގެއިތުރުން މި ކްރެޑިޓް ކާޑު ފަރުމާކުރީ ބުކިންޑޮޓްކޮމް އަދި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުން ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށެވެ.










