ފަލަސްތީނަކީ މިނިވަން ގައުމެއް ކަމަށް ބަލައިގަންނަން އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުން ދެކޮޅު ހަދައިފި އެވެ.
އޮސްޓްރޭލިއާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް ހުށަހެޅީ އެހެން ގައުމުތަކުން ވެސް ފަލަސްތީނަކީ މިނިވަން ގައުމެއް ގޮތުގައި ބަލައިގަންނަމުން އަންނާތީ، އެގޮތަށް އޮސްޓްރޭލިއާއިން ވެސް ރަސްމީކޮށް ނިންމުމަށެވެ.
މި ހުށަހެޅުމަށް ތާއީދުކުރައްވާ ވާހަކަފުޅު ދެއްކެވި މެމްބަރުން ވަނީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓުވަން މި ހުށަހެޅުން ފާސްކުރުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ.
މި ވޯޓުގައި ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަންނަން އެންމެ ފަސް މެމްބަރަކު ވޯޓު ދީފައިވާއިރު، އެކަމާ ދެކޮޅަށް 80 މެމްބަރުން ވޯޓު ދިނެވެ.
ނަމަވެސް މި މަހު އދ ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނަށް ފުރުސަތު ދޭން ވޯޓުދިން 143 ގައުމުގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެ އެވެ.
ފަލަސްތީނަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ގައުމެއް ކަމަށް އަލަށް ނިންމި ގައުމުތަކުގެ ތެރޭގައި ބާބަޑޯސް، ބަހާމާސް، އަޔަލޭންޑް، ޖަމައިކާ، ނޯވޭ، ސްޕެއިން އަދި ޓްރިނިޑާޑް އެންޑް ޓޮބާގޯ ހިމެނެ އެވެ.










