ޔޫރަޕްގެ ގައުމުތަކުގައި ކުރަމުންދާ މުޒާހަރާތަކުން ހިތްވަރު ލިބިގެން، ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި ޒުވާނުން އިސްވެ ތިބެ ޖަރުމަނުވިލާތުގައި ބާއްވާ ބޮޑު މުޒާހަރާގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ލަފާކޮށްފި އެވެ.
މި މުޒާހަރާތަކަކީ މިއަހަރުގެ ތެރޭގައި ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި "ޖެނެރޭޝަން ޒީ (ޖެންޒީ)" ނުވަތަ އާ ޖީލުގެ ޒުވާނުން އިސްވެ ތިބެ ފަށާފައިވާ މުޒާހަރާތަކުގެ ސިލްސިލާގެ ބައެކެވެ. އެގޮތުން ސާބިއާގައި ދަރިވަރުން އިސްވެ ތިބެ ހިންގި ހަރަކާތްތަކުގެ ސަބަބުން އެ ގައުމުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ލީޑަރު އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގެންނެވިއިރު، ފަރަންސޭސިވިލާތުގައި ކުރި މުޒާހަރާތައް ވަނީ ހަމަނުޖެހުންތަކަކަށް ބަދަލުވެ، މުދަލަށް ގެއްލުންދީ ވައްކަން ކުރުމުގެ އަމަލުތަކަކަށް މަގުފަހިވެފަ އެވެ.
"ޖެން ޒީ ރެގަލްޓް" ކެމްޕޭން ގްރޫޕުން އިންތިޒާމުކުރާ މި މުޒާހަރާތައް ބާލިން، ފްރެންކްފާޓް އަދި މިއުނިކް ހިމެނޭހެން ޖަރުމަނުގެ 34 ސިޓީއެއްގައި ބޭއްވުމަށް ވަނީ ރޭވިފަ އެވެ. އެ ގްރޫޕުން ބުނާ ގޮތުގައި މަޖުބޫރުން ސިފައިންގެ ޚިދުމަތަށް ނެރުމަކީ އެ މީހުން ބޭނުންވާ ގޮތެއް ނޫނެވެ. އަދި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ޖަރުމަނުގެ ގިނަ ޒުވާނުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ، ތައުލީމީ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އެ ގްރޫޕުން ދަނީ ގޮވާލަމުންނެވެ.

ހެލޮވީން ފާހަގަކުރާ ދުވަހާ ދިމާކޮށް ހޮނިހިރު ދުވަހު ބާއްވާ މި މުޒާހަރާތަކަކީ އާންމު ގޮތެއްގައި އަމާން މުޒާހަރާތަކަކަށް ވާނެ ކަމަށް ބެލެވުނު ނަމަވެސް، ހަރުކަށި ފިކުރުގެ ގްރޫޕްތަކުން މި ހަރަކާތުގެ ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތް ކޮށްފާނެ ކަމުގެ އިންޒާރު ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ.
ޖަރުމަނުގެ ފެޑަރަލް އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި، އެ ގައުމުގެ ހަރުކަށި ވައަތު ފިޔައިގެ ބައެއް ފަރާތްތަކާއި ބޭރުގެ ހަރުކަށި ހަރަކާތްތަކާ ގުޅުން އޮންނަ ބައެއް ގްރޫޕްތަކުން ދަނީ މި މުޒާހަރާއަށް މީހުން އެއްކުރުމަށް މަސައްކަތް ކުރަމުންނެވެ.
މުޒާހަރާތަކާ ގުޅިގެން ހަމަނުޖެހުމެއް ހިނގައިފާނެ ކަމުގެ ބިރު އޮތުމުން، ބާލިންގެ އަގުބޮޑު މުދާ ވިއްކާ ކުރުފުއެސްޓެންޑަމް މަގުގައި ހުރި ބައެއް ވިޔަފާރިތަކުގެ ކުޑަދޮރުތަކުގައި ފިލާޖަހައި ރައްކާތެރިކޮށް، މުޒާހަރާ ފެށުމުގެ ކުރިން ފިހާރަތައް ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ.







