ލަންޑަން (މެއި 29) - އިނގިރޭސި ކްލަބް، މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ޓީމު، ނީސް އަކީ އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ދެ ޓީމަށް ވާތީ، ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގައި ނުކުޅެވުމުގެ ބިރުހީވެއްޖެ އެވެ.
ޔުނައިޓެޑްގެ 27.7 ޕަސެންޓް ހިއްސާގަނެ، އެ ކްލަބްގެ ފުޓްބޯޅައިގެ ކަންކަމުގެ ކޮންޓްރޯލް ނަގާފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ، ޖިމް ރެޓްކްލިފްގެ އިނިއޯސް ކުންފުނިންނެވެ. އެ ކުންފުނީގެ ބެލުމުގެ ދަށުން ފްރާންސްގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ނީސް ވެސް ހިންގަ އެވެ.
ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާއިން އަމަލުކުރަމުން އަންނަ ގަވާއިދު ބުނާގޮތުން، އެއް ކުންފުންޏެއްގެ ދަށުން ފުޓްބޯޅައިގެ ކަންކަން ބަލަހައްޓަމުން އަންނަ ދެ ޓީމަކަށް، ޔޫރަޕްގެ އެއް މުބާރާތެއްގައި ވާދަނުކުރެވޭނެ އެވެ.
ނީސް އާއި ޔުނައިޓެޑަށް ވެސް އަންނަ ސީޒަނުގައި ފުރުސަތު ލިބިފައިވަނީ، ޔޫރޮޕާ ލީގުންނެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިނިއޯސް އިން ނީސް އާއި ޔުނައިޓެޑްގެ މި މައްސަލަ އަށް ހައްލެއް ހޯދަން ޖެހޭނެ އެވެ.
ޔުއެފާގެ ޕެނަލުން، ވަރަށް އަވަހަށް ކްލަބްތަކުގެ އެޑްމިނިސްޓްރޭޝަން، އަންނަ ސީޒަނުގެ މުބާރާތްތަކަށް ރަޖިސްޓްރީކުރަން ފަށާނެ އެވެ. އޭގެ ކުރިން، މި ކަންކަމަށް ހައްލެއް ނުލިބިއްޖެނަމަ، ކޮލިފައިން ކްރައިޓީރިއަށް ބަލައިފައި، ޔުނައިޓެޑް، ޔުއެފާ ކޮންފަރެންސް ލީގަށް ވެއްޓޭނެ އެވެ. ބަދަލުގައި އެ މަގާމު، ލިބޭނެ އިނގިރޭސި ޓީމަކީ ޗެލްސީ އެވެ.
ޔުނައިޓެޑަށް ޔޫރޮޕާ ލީގުގެ ފުރުސަތު ލިބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ އަށް ވަނައިގައި ނިންމިޔަސް، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމުންނެވެ. އެއް އެޑްމިނިސްޓްރޭޝަނެއްގެ ދެ ޓީމެއްގެ ތެރެއިން، އެއް ޓީމެއް ޑީމޯޓްކުރާނަމަ، ޔުއެފާ އިން ބަލާނީ، ވާދަކުރި ލީގުގެ ނަތީޖާ އަށެވެ.
އިނިއޯސް އިން އަންނަނީ ސްވިސް ލީގުގެ، އެފްސީ ލުޒޭން-ސްޕޯޓް ވެސް ހިންގަމުންނެވެ. އެ ޓީމު ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިނުވެ އެވެ.
އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ދެ ޓީމެއްގެ މައްސަަލަ މެންޗެސްޓާ ސިޓީ އަށް ވެސް ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން، ސްޕެއިންގެ ޖިރޯނާ އާއި ސިޓީ އަކީ ވެސް އެއް މެނޭޖްމަންޓަކުން ހިންގާ ދެ ޓީމެކެވެ. ސިޓީ ފުޓްބޯލް ގްރޫޕްގެ ދަށުން ހިންގާ މި ދެ ޓީމުގެ ކަންކަން ވެސް ހައްލުކުރަން ޖެހުނީ، ދެ ޓީމު . ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުންނެވެ.
މިދިޔަ ސީޒަނުގައި ވެސް މި ފަދަ ސަބަބުތަކާ ހުރެ ބައެއް ކްލަބްތައް ހިންގާ އޮނިގަނޑަށް ބަދަލުގެންނަން ޖެހުނެވެ. އެ ގޮތުން، އިނގިރޭސި ކްލަބް، ބްރައިޓަން އާއި ބެލްޖިއަމްގެ ސެއިންޓް ޖިލޮއިސްގެ މައްސަލަ އާއި އިނގިރޭސި ކްލަބް އެސްޓަން ވިލާ އާއި ޕޯޗުގީސް ކްލަބް، ވިޓޯރިއާ ގިމާރޭސްގެ އެޑްމިނިސްޓްރޭޝަނަށް ވެސް ބަދަލު ގެންނަން ޖެހުނީ، މި ކްލަބްތަކުގައި އެއް މެނޭޖްމަންޓެއްގެ ދައުރު ހިންގުމުގައި އެއްވަރަކަށް އޮތުމުންނެވެ.












