ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ޕީއެންސީގެ މެންބަރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބުކޮށްފަ އެވެ.
މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނެގުނު ސިއްރު ވޯޓުގައި ނާޒިމްގެ އިތުރުން ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވަނީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ އެވެ. އޭނާއަށް 80 ވޯޓު ލިބިވަޑައިގެންނެވިއިރު ދީދީއަށް 12 ވޯޓު ލިބިވަޑައިގެންނެވި އެވެ.
މިއީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ނާޒިމް އިންތިހާބުވި ދެވަނަ ފަހަރެވެ. އޭނާ ވަނީ 18 ވަނަ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފަ އެވެ. ނަމަވެސް, ސުޕްރީމް ކޯޓުގެ އަމުރަކާއެކު 2015 ގައި އޭނާއަށް މަޖިލީހުގެ މެންބަރުކަން ގެއްލުނެވެ. އޭގެ ކުރިން 17 ވަނަ މަޖިލީހުގެ ފުރިހަމަ ދައުރުވެސް ނާޒިމް ފުރިހަމަ ކުރެއްވި އެވެ.
މީގެ ކުރިން، ޕީޕީއެމް/ޕީއެންސީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ގާތް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ނާޒިމްގެ މައްޗަށް ޔާމީނުގެ ވެރިކަމުގައި ކުރި ހުކުމާއެކު ގުޅުން ގޯސްވެ އޭގެ ފަހުން ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރައްވާފައެއް ނުވެ އެވެ.
ނާޒިމް ޕީއެންސީއަށް ސޮއިކުރެއްވީ ޖެނުއަރީ މަހު ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލުމާ އެކު އެވެ. 20 ވަނަ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ނާޒިމްގެ ނަން ހުށަހެޅުމަށް ނިންމީ ޕީއެންސީގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.













