ރާއްޖޭގެ ގާނޫނުއަސާސީގައި ބުނާ ގޮތުން މި ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާއެކު އުނގެނުމުގެ ހައްގު ލިބިގެންވެ އެވެ. މިގޮތުން ގްރޭޑް 12 އާ ހަމައަށް ކޮންމެ ކުއްޖަކަށް ވެސް ތަފާތު ކުރުމެއް ނެތި ހިލޭ ތައުލީމު ދޭން ޖެހެ އެވެ.
ނަމަވެސް އެ ހައްގު އެންމެންނަށް ލިބިފައިވަނީ ހަމަހަމަ ކަމާއެކުތޯ މިއަދު ސުވާލު އުފެދެ އެވެ. ސަބަބަކީ ކިޔަވައިދޭ ސްކޫލުތަކާއި، ސްކޫލުތަކުގައި ކިޔަވައިދޭ ފެންވަރުގެ ބޮޑު ފަރަގެއް ހުރުމުންނެވެ. މާލެ އާއި އަތޮޅު ތެރޭގެ ސްކޫލުތަކުގެ ފަރަގު ވެސް އެހާ ބޮޑެވެ.
ސްކޫލްތަކުގެ ހާލަތަށް އިތުރަށް ރަނގަޅުކުރަން މި ޖެހެނީ އަބަދުވެސް އެޑިއުކޭޝަން މިނިސްޓްރީގައި ނުވަތަ ސަރުކާރުގައި އާދޭސް ދަންނަވާށެވެ. މިއީ ސަރުކާރުތަކުން އެ ސްކޫލްތަކަށް މަޖުބޫރު ކުރުވާ ކަމެކެވެ. މިހާރު ކަންތައް ގޮސްފައި އޮތް ހިސާބަކީ ކުޑަމިނުން ސްކޫލެއްގެ ކްލާސްރޫމެއް އޭސީކޮށްލަން ވެސް މި ޖެހެނީ ބެލެނިވެރިން އަތުން ޗަންދާ ނަގާށެވެ. މިއީ ބެލެނިވެރިން ވެސް އުފުލަން ޖެހިފައިވާ އިތުރު ތަކުލީފެކެވެ.
އެޑިއުކޭޝަން މިނިސްޓްރީއަށް ކޮންމެ އަހަރަކު ބޮޑު ބަޖެޓެއް ދޭއިރު، އާ ސްކޫލްތައް ވެސް ހުޅުވަ އެވެ. އެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އެހެން ސްކޫލްތަކުން އެ ސްކޫލަށް ކުދިން ބަދަލު ވެސް ކުރުވަ އެވެ. ނަމަވެސް ސްކޫލް އިމާރާތުގެ ފެންވަރު ރަނގަޅުވަންޏާ ކިޔަވައިދިނުމުގެ ފެންވަރު ދަށެވެ.
ދުވަހަކު ވެސް ސަރުކާރު ހުރިހާ ސްކޫލްތަކުގައި ހަމަހަމަކަމާއެކު ކިޔަވައި ނުދެވެ އެވެ. އެއް ސްކޫލެއްގައި ހުންނަ ވަސީލަތްތައް އަނެއް ސްކޫލުގައި ނުހުރެ އެވެ. މިއީ ކިޔަވާ ދަރިވަރުންގެ ވެސް ޝަކުވާއެކެވެ. އަދި ބެލެނިވެރިން ދެކޭ ގޮތުގައި މިއީ ތަފާތުކުރުމެވެ.
ސަރުކާރު ހުރިހާ ސްކޫލެއް "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" އޭސީކުރުން
ސްކޫލްތައް އޭސީކުރުމުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން އިވޭ ވާހަކައެކެވެ. ކޮންމެ ސަރުކާރަކުން ވެސް މިސްކިތްތައް އޭސީކުރަން ބުނާ ފަދައިން ސްކޫލްތަކުގެ ކްލާސް ރޫމްތައް ވެސް އޭސީ ކުރަން ބުނެ އެވެ. މިކަން ފެންމަތިވަނީ އަބަދުވެސް ކޮންމެ ވެސް އިތުރު މައްސަލައެއް ފެންމަތިވުމުންނެވެ. މިގޮތުން މިފަހަރު ފެންމަތިވީ ޖަމާލުއްދީން ސްކޫލުގެ ކްލާސް ރޫމުތައް ހޫނުގަދަވާތީ ފަންކާ ބަހައްޓަން ބެލެނިވެރިންގެ އެހީއަށް އެދުނު މައްސަލަ ބޮޑުވި ފަހުންނެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަދުވެގެން ދެ އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތައް އޭސީ ކުރާނެ ކަމަށެވެ. މި މަޝްރޫއު މެއި މަހުގެ ތެރޭގައި އިފްތިތާހު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ. މިއީ ކުރެވިއްޖެ ކަމަކަށްވާ ނަމަ ސްކޫލުތަކުގައި އޮތް އެ ތަފާތު ކުރުން ވެސް ނައްތާލެވުނީ އެވެ. ބައެއް ސްކޫލްތަކުގެ ކްލާސް ރޫމްތައް އޭސީ ކޮށްފައި އަނެއް ސްކޫލްތަކުގެ ކްލާސް ރޫމްތައް އޭސީ ނުކުރުމަކީ ދިމާވެފައި އޮތް ބޮޑު މައްސަލެއެކެވެ.
ނަމަވެސް މިކަމުގައި ކޮމިއުނިޓީގެ އެހީތެރިކަން ހޯދުން މިއީ އެންމެ ރަނގަޅު ގޮތްތޯ އެބަ ސުވާލު އުފެދެ އެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް ބޮޑު ބަޖެޓެއް ދޭއިރު އެ މިނިސްޓްރީން ސްކޫލްތަކުގެ ތަރައްގީއަށް ކުރަނީ ކޮން މަސައްކަތެއްތޯ، އަދި ކޮންމެ ފަހަރަކު ބެލެނިވެރިން ނުވަތަ އާންމުން ސްކޫލްތަކަށް ހަރަދުކުރަން ޖެހޭ ސަގާފަތް ނިމުމަކަށް އަންނާނީ ކޮން ދުވަހަކުތޯ ވެސް ސުވާލު އުފެދެ އެވެ.
މި މަޝްރޫއުގެ ދަށުން އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ އަދި އެއަށްފަހު އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ ތެރޭގައި ހުރި އެމްއެންޔޫގެ ކެމްޕަސްތަކުގައި ހުރި ޖާގަތައް ފިނިކުރުމަށް ބޭނުންވާ އޭސީތަކުގެ ކަރަންޓު ބިލަށް މަހަކު އަރާ ވަރަށް ބަލައި 15 ކްލާސްރޫމް ފިނިކުރުމަށް މަހެއްގެ މައްޗަށް 795,000ރ. ހޭދަވާނެ ކަމަށް ހަސަން ހަމީދު އަންދާޒާކުރައްވާފަ އެވެ. އެ ރޭޓުން ބަލާނަމަ ކަރަންޓަށް އެކަނި އަހަރަކު 168 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
މިގޮތުން ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސްކޫލްތައް އޭސީ ކުރުން ވެގެންދާނީ ބުރަ ބޮޑު ކަމަކަށެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މިކަން ކުރެވޭނެ ކޮންމެ ވެސް މަގެއް އޮންނަން ޖެހެ އެވެ. އެ ފައިސާއަކީ ހަމައެކަނި ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިބޭ މީހުންނަށް ދޭ މުސާރައަށްވެގެން ނުވާނެ އެވެ. އަދި ސަރުކާރުގެ ހުރިހާ އޮފީހެއް އޭސީ ކޮށްފައި ހުންނައިރު، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބެނީ ހިތްހަމަ ޖެހިލައިގެންނެވެ.
ހޫނު ދުވަސްވަރު ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވާ ހޫނު އެނގޭނީ އެކުދިންނަށެވެ. ފަންކާ އެކަނި ހުންނަ ސްކޫލުތަކުގައި ވެސް ފަންކާއެއް ހަލާކުވުމުން އެ ފަންކާ ހެދެނީ އެތައް ދުވަހެއް ފަހުންނެވެ. ރާއްޖޭގެ ސިސްޓަމް އޮންނަ ގޮތުން ކިތަންމެ ކުޑަ ކަމެއް ވެސް ކޮށްލެވެނީ އެތަކެއް ދުވަހެއްވާ ފަހުންނެވެ. އެ ކަމަށް ވެސް އެދި ދަންނަވަން ޖެހޭނީ މިނިސްޓްރީގަ އެވެ. އަދި މިނިސްޓްރީން އެދެން ޖެހޭނީ ފައިނޭންސްގަ އެވެ. އެއަށްފަހު ފައިނޭންސްއިން އެޕްރޫވްކޮށްގެން ނޫނީ ކިތަންމެ ބޭނުންވާ އަވަސް ކަމެއް ވެސް ނުވެ އެވެ.
ރާއްޖޭގައި ތައުލީމުގެ ފެންވަރާމެދު ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ކަންބޮޑުވުން
ރާއްޖޭގައި ތައުލީމުގެ ފެންވަރު ދަށްވުމުން އެވްރެޖުކޮށް ދިވެހި ކުއްޖަކަށް ހަތަރު އަހަރު ގެއްލޭ ކަމަށް ވޯލްޑް ބޭންކުން މި އަހަރު ނެރުނު ދިރާސާއިން ދައްކަ އެވެ. މި ގެއްލުމަކީ މެދު ފަންތީގެ އަދި ކުދި ޖަޒީރާ ގައުމަކަށް ބަލާއިރު ބޮޑު ގެއްލުމެއް ކަމަށް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ދިރާސާގައި ބުނާ ގޮތުން ރާއްޖޭގައި ފުރިހަމަ ތައުލީމަކާއި ސިއްހަތެއް ލިބިފައިވާ 18 އަހަރުގެ ކުއްޖެއްގެ އެވްރެޖު ޕްރޮޑަކްޓިވިޓީއަކީ 59 ޕަސަންޓެވެ. ނަމަވެސް މާލޭގައި އުޅޭ ކުއްޖެއް އެވްރެޖުކޮށް 18 އަހަރުވާއިރު ޕްރޮޑަކްޓިވިޓީ 64 ޕަސަންޓުގައި ހުންނައިރު، މެދުރާއްޖެތެރޭގެ ކުދިންގެ ޕްރޮޑަކްޓިވިޓީ ހުންނަނީ 54 ޕަސަންޓުގަ އެވެ. އަދި އެހެން ސަރަހައްދުގައި އުޅޭ 18 އަހަރުގެ ކުދިންގެ އެވްރެޖު ޕްރޮޑަކްޓިވިޓީ ހުންނަނީ 54 ޕަސަންޓަށްވުރެ ވެސް ދަށުގައި ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
މިކަން ހައްލު ކުރުމަށް ހުރިހާ ސަރަހައްދަކަށް އެއް ފެންވަރެއްގެ ތައުލީމު ދޭން ޖޭހެ ކަމަށާއި، ޅަ އުމުރުގައި އެންމެ ފުރިހަމަ ތައުލީމު ދިނުމަކީ މުހިންމު ކަމެއް ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ރާއްޖޭގައި އެންމެ ރަނގަޅު ތައުލީމެއް ދެނީ މާލޭގައި ކަމުން، ގިނަ އާއިލާތައް ދަރިންނަށް ތައުލީމު ދިނުމަށް ހިޖުރަ ކުރަނީ ވެސް މާލެއަށެވެ. އެއީ ރަށްރަށުން ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދެވޭނެ ކަމުގެ އުންމީދު ބެލެނިވެރިންނަށް ނެތުމުންނެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ފެންވަރެއްގައި ހުންނަ ނަމަ، ބެލެނިވެރިން އެމީހުންނަށް ލިބޭ ހުރިހާ ފައިސާއެއް ކުއްޔަށް ދީފައި މާލޭގައި ތިބެން ނާންނާނެ އެވެ. އެމީހުން ވެސް ބޭނުންވާނީ ރަށުގައި ހަމަޖެހިލައިގެން ތިބެ، ދަރިންނަށް ކިޔަވައިދޭށެވެ. ނަމަވެސް ހިތާމައަކީ ރާއްޖޭގައި އޮތް ސަގާފަތަކީ އެންމެ ރަނގަޅު ތައުލީމު އަދި އެންމެ ރަނގަޅު ސްކޫލްތައް ވެސް މާލޭގައި ހުރުމެވެ.
އެޑިއުކޭޝަން މިނިސްޓްރީއަށް މިއަހަރު ހަތަރު ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން ކެޕިޓަލް ހަރަދަށް ބަޖެޓު ކުރީ 308 މިލިއަން ރުފިޔާ އެވެ. އަދި ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރަނީ ވެސް މާލެ ސަރަހައްދަށް ނުވަތަ މާލެއަށެވެ. ކޮންމެ އަހަރަކު މާލޭގައި އެތައް ސްކޫލެއް ހުޅުވާއިރު، ރަށްރަށުގައި އަބަދުވެސް ކުރިއަށްދާނީ އާދައިގެ ޕްރޮޖެކްޓުތަކެވެ. ރަށްރަށުގައި ކިޔަވައިދޭ ފެންވަރު މަތިކުރަން މާ ބޮޑު މަސައްކަތެއް ނުކުރެ އެވެ.
ތައުލީމީ ދާއިރާގެ ތަރައްގީއަށް ސަލާން ޖެހުން ހުއްޓުވޭނީ ސަރުކާރު ޒިންމާދާރުވެގެން
ރާއްޖޭގެ ތައުލީމީ ނިޒާމު އެހެން ހަރުފަތަކަށް ގެންދަން އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅަކީ މާލެއެކޭ އެއް ފެންވަރުގެ ހިދުމަތްތައް ރަށްރަށުގެ ސްކޫލްތަކުން ވެސް ދިނުމެވެ. މާލެ އާއި ރަށްރަށުގެ ތައުލީމާ ދެމެދު އޮތް ފަރަގު ނައްތާލައި، ރަށްރަށަށް ވެސް ކޮލިޓީ ޓީޗަރުން ގެންގޮސްގެންނެވެ. އެވަރަށް ޓީޗަރުން ނެތް ނަމަ، އެ ރަށަކުން ވެސް ޓީޗަރުން ބިނާކުރެވޭނެ އެވެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ވެސް ވާނެ ކަމެއް ނޫނެވެ.
މިކަން ކުރުމަށް ދުރާލައި ދިރާސަތައް ހަދައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ދެނެގަންނަން ޖެހެ އެވެ. އެ ދިރާސާތައް ހަދާފައި ހުރިނަމަ، އެ ދިރާސާތަކަށް އަމަލު ކުރަން މިއަދު މިވަނީ މަޖުބޫރުވެފަ އެވެ. ނޫނީ ރާއްޖޭގެ ޖީލެއް މަހުރޫމުވެގެން އެދަނީ އެމީހުންނަށް ގާނޫނުން ކަށަވަރު ކޮށްދީފައި އޮތް އެންމެ އަސާސީ އެއް ހައްގު ކަމަށްވާ ތައުލީމުގެ ފުރުސަތެވެ. ކޮލެޓީ ތައުލީމުގެ ފުރުސަތެވެ. އެ ފުރުސަތު ފަހިކޮށްދޭން ޖެހެނީ ސަރުކާރުންނެވެ.
ޓީޗަރުންގެ މުސާރަ ބޮޑުވިއިރު އަދި ޕްރިންސިޕަލުންގެ މުސާރަ ބޮޑުވިއިރު އެ ޓީޗަރުން އަދި ޕްރިންސިޕަލުން ވެސް އުޖޫރައާ އެއްވަރަށް މަސައްކަތް ކުރޭތޯ ވެސް ބަލަން ޖެހެ އެވެ. ބޮޑު މުސާރަ ނަގައިގެން މަސައްކަތް ނުކުރާނަމަ ގެއްލުންވާނީ ވެސް ހަމަ ރާއްޖޭގެ ތައުލީމީ ނިޒާމަށެވެ. ދަރިވަރުންނަށް ދޭން ޖެހޭ ސަމާލުކަން ރަނގަޅަށް ނުދެވޭނަމަ، އެ ކުދިން ރިޕީޓުވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އޭގެ ސަބަބުން އެ ގެއްލެނީ ދަރިވަރުންގެ ތައުލީމީ ހަޔާތުން އެއް އަހަރެވެ.
ސަރުކާރަށް ލިބޭހާ ފައިސާ އަދި އެޑިއުކޭޝަނަށް ބަޖެޓުކުރާހާ ފައިސާ ބޭކާރު ކަންކަމަށް ހަރަދު ނުކޮށް ރަށްރަށުގެ ތައުލީމަށް ވަރަށް ބޮޑަށް އިސްކަން ދޭން ޖެހެ އެވެ. ބެލެނިވެރިން ކުރާ ބުރަ މަސައްކަތުން ލިބޭ އުޖޫރަ ދަރިވަރުންގެ ކަންކަމަށް ހަރަދުކުރުމަށްފަހު، ސްކޫލުގެ ތަރައްގީއަށް ވެސް ހަރަދު ކުރަން ޖެހުމަކީ ދެކޮޅު ނުޖެހޭ ވަރަށް ހެއްވާ ކަމެކެވެ. މިއީ ސަރުކާރުގެ ޒިންމާއަކަށްވާއިރު، އެކަން ކުރަން ޖެހޭނީ ސަރުކާރުންނެވެ. އެއީ ބެލެނިވެރިން ކުރަން ޖެހޭނެ ކަމެއް ނޫނެވެ.












