މެދުކެނޑުމެއްނެތި ދިގު މުއްދަތެއް ވާންދެން މީހަކު ކުރަމުންދިޔަ ޝުކުރު ހައްގު މަސައްކަތް ބަލައިނުގަނެ، އެ މީހަކު 'އޮލަނބުދަނޑިއަކަށް' ހަދައިފި ކަމުގެ އިހުސާސަކީ ފަސޭހަ އިހުސާސަކަށް ނުވާނެ އެވެ. ގައުމަށް ހިދުމަތްކުޅަ ވަރަށް ގިނަ ބޭފުޅުންނާމެދު ކަންވެފައި އޮތީ މިހެންނެވެ. ހާއްސަކޮށް ސިޔާސީ ދާއިރާގަ އެވެ. ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށްޓަކައި މެދުކެނޑުމެއް ނެތި ކޮށްދެމުންދިޔަ އެތައް ކަމެއްގެ އަގުވަޒަންކުރުން ހުއްޓުވާލައި، އެކަންކަމަކީ ޝުކުރުވެރިކަމުގެ ލޮލަކުން ބަލައިލާންޖެހޭ ފަދަ ކަންކަމެއްވެސް ނޫންކަމަށް ބުނެދީ، ހުރުމަތް ކުޑަކޮށްލުމުން ރާއްޖޭގެ ސިޔާސީ ޖައްވުން އެތައް ބޭފުޅުންނެއް ވަކިވެވަޑައިގެންފައި ވެއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން، ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި އަލުން އެ ބޭފުޅުންގެ ހިދުމަތް ދިވެހިރާއްޖެއަށް ފޯރުކޮށްދީފައި އެބަހުއްޓެވެ. ބައެއް ބޭފުޅުން ސިޔާސީ ދާއިރާއާ ވަކިވެވަޑައިގަތީ އަބަދުގެ އަބަދަށެވެ.
އަލީ ދޮށިމޭނާ ކިލެގެފާނުގެ ސިޔާސީ ހިދުމަތުގެ ވާހަކައަކީ ރާއްޖޭގެ ތާރީހު ކިޔާ މީހުންގެ މެދުގައިވެސް މާ ރަނގަޅަށް ދިރާސާ ކުރެވިފައިވާ މައުލޫއެއް ކަމަށް ނުފެނުނެވެ. އެއީ އަތިރީގޭ ހުސައިން ދޮށިމޭނާ ކިލެގެފާނުގެ އަހުމަދު ދޮށިމޭނާ ކިލެގެފާނުގެ އަލީ ދޮށިމޭނާ ކިލެގެފާނެވެ. އަޅުގަނޑުމެންގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ، މި އަލީ ދޮށިމޭނާ ކިލެގެފާނުގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ އަހުމަދު ދޮށިމޭނާ ކިލެގެފާނުގެ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.
މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައި ބޮޑު ބަނޑޭރިއަކަށް ހުންނެވީ އަލީ ދޮށިމޭނާ ކިލެގެފާނެވެ. އެކިލެގެފާނަކީ މޮޅު ވިޔަފާރިވެރިއެކެވެ. ރާއްޖޭގައި އޭރު ތިއްބެވި އެންމެ ތަނަވަސް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަމިއްލަފުޅު ވިޔަފާރިތައް ހިންގެވިއިރު، އެކިލެގެފާނުގެ ތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ ޖައްވުގައި ލިބިވަޑައިގެންފައި އޮތީ މާގަދަ ނުފޫޒެކެވެ. ދައުލަތުގެ ކަންކަމުގައި އެ މަނިކުފާނުގެ ބަސްފުޅަކީ އަބަދުވެސް ބަލައިގަނެވޭ، އަދި ދައުލަތުގެ މަސްލަހަތަށް މުހިންމު ބަސްފުޅަކަށް ވެއެވެ.
އެ ދުވަސްވަރަކީ ރާއްޖެއިން އިންޓަނޭޝަނަލް ޓްރޭޑް އެންމެ ފުޅާކުރަމުން ދިޔަ ދުވަސްވަރެވެ. އަވަށްޓެރި އިންޑިއާގެ ބުންބާ ވިޔަފާރިވެރިން އެކި މޫސުންތަކުގައި ރާއްޖެ އައިސް، ރާއްޖެއަށް ބޭނުންވާ ތަކެތި ދީ، އެމީހުން ބޭނުންވާ ތަކެތި ރާއްޖެއިން ގެންގޮސް، މިގޮތުގައި ވިޔަފާރިކޮށް އުޅުނެވެ. މި މުއާމަލާތްތަކުގައި ހިނގަނީ ދެފަރާތަށްވެސް މަންފާހުރި ހާލިސް ވިޔަފާރި އެވެ. އޭރު ބުންބާއިންނާއެކު، އަތިރީގޭ ވިޔަފާރިވެރިންވެސް ގެންދިޔައީ އެކި ގިންތީގެ ވިޔަފާރިތައް ހިންގަމުންނެވެ.
ރާއްޖެއިން ލިބެމުން އައި ނަފާ ގުނަގުނަ ކުރުމަށް ބުންބާ ވިޔަފާރިވެރިންގެ ވިސްނުމަކަށްވީ ރާއްޖޭގައި ވަޒަންވެރިވެ ތިބެގެން ވިޔަފާރިކުރުމެވެ. ބުންބާ ވިޔަފާރިވެރިންނާ ކިތަންމެ ގާތް ގުޅުމެއްް އޮތް ނަމަވެސް މި ވިސްނުމަކީ އަލީ ދޮށިމޭނާ ކިލެގެފާނުންގެ ރުހުން ލިބުނު ވިސްނުމަކަށް ނުވި އެވެ.
އަލީ ދޮށިމޭނާ ކިލެގެފާނުގެ ބާރުވެރިކަމުގެ ސަބަބުން އަތިރީގޭ އާއިލާގެ ސިޔާސީ ނުފޫޒާއި، ތަނަވަސްކަން އިންތިހާއަށް އިތުރުވަމުންދިޔައިރު، މި މަންޒަރު ދެކޭން ކެތްނުވާ ބަޔަކުވެސް ތިބޭނޭތާ އެވެ. އޭރު ބޮޑުވަޒީރަކީ ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. އެކިލެގެފާނަށް ފެނިވަޑައިގަތީ ރާއްޖޭގައި ބުންބާ ވިޔަފާރިވެރިން ގާއިމުވެތިބުމަކީ ދިވެހި އިގްތިސާދަށް އިތުރު ކުރިއެރުންތައް އަންނާނޭ ކަމެއް ކަމުގަ އެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު މިކަމަށް މިހާ ބޮޑަށް ރުހިވަޑައިގެންނެވި ސަބަބަކީ އަލީ ދޮށިމޭނާ ކިލެގެފާނު މިކަމަށް އިއުތިރާޒު ކުރެއްވުމެވެ.
ބޮޑު ބަނޑޭރި، އަލީ ދޮށިމޭނާ ކިލެގެފާނު މިކަމުގެ ނުރައްކަލުގެ އިންޒާރުތައް ދެއްވަމުން ގެންދަވަނިކޮށް، ބޮޑުވަޒީރުގެ ލަފާފުޅަށް ލެނބިވަޑައިގެން މުސްކުޅި ބަންޑާރައިން ވިދާޅުބަސްފުޅު އިއްވެވި އެވެ. އެ ބަސްފުޅާއެކު މީލާދީން 1857 ވަނަ އަހަރުން ފެށިގެން، ބުންބާ ވިޔަފާރިވެރިން ރާއްޖޭގައި ގާއިމުވެތިބުމުގެ ހުއްދަ ލިބިއްޖެ އެވެ.
ރަދުންގެ މި ނިންމުމަށްފަހު ރާއްޖޭގެ ކަންކަން ދިޔައީ ގޯހުން ގޯހަށެވެ. އަދި 'ވަރަށްވެސް ހަރުދަނާކަމެއް ނެތް ގެއްލުން ހުރި ގޮތަކަށް' ކަމަށް އަމީން ދީދީ ލިޔުއްވާފައި ވެއެވެ. ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ހަރަދު ބޮޑެވެ. ދިވެހިންގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވޯރާއިން ވަނުމުން އެތައް ވިޔަފާރިއެއް ހުއްޓި، ކުދި ވިޔަފާރިވެރިން ބަނގުރޫޓުވެއްޖެ އެވެ.
ދައުލަތުގެ ކަންކަން ހަމަޖެއްސޭވަރަށް ހަޒާނާގައި ފައިސާ ނެތި، ކިތަންމެ ފަހަރަކު ދައުލަތުގެ ކަންކަން އަލީ ދޮށިމޭނާ ކިލެގެފާނުންގެ އަމިއްލަފުޅު ފައިސާއިން ހަމަޖައްސަވަމުން ގެންދެވި އެވެ. އޭރު ބުންބާ ވިޔަފާރިވެރިން ރާއްޖޭގައި ތިބޭ ތިބުމާމެދު ވިދާޅުވާ ބަސްފުޅުތަކާ ހެދި، އެމަނިކުފާނަކީ ވެރިކަމުގެ ފަރާތަށް ތުރާލަކަށް ވެއްޖެ އެވެ. އެންމެ ފަހުން، ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި ނުހުންނާންވެގެން އެ ކިލެގެފާނު ރާއްޖެ ދޫކުރައްވައި ދުވަހަކުވެސް އެނބުރިވަޑައިނުގަންނަވާން ނިންމަވައި، 1857 ވަނަ އަހަރު އޮޅުދޫކަރައިގެ ގާލީގައި ވަޒަންވެރިވެވަޑައިގެންނެވީ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދިޔަހައި ހުތުރުކަމަކާ ހެދި އިންތިހާއަށް ފޫހިފުޅުވެގެންނެވެ.
ދައުލަތް ބޮޑުތަނުން ދަރަމުންދިޔައިރު، އޭގެ ޒިންމާ ނަގަންޖެހޭ މީހުންގެ ލިސްޓުގައި އަލީ ދޮށިމޭނާކިލެގެފާނުންގެ ނަންފުޅުވެސް ބަޔަކު މީހުން ހިމަނަމުން ގެންދެވި އެވެ. އެ ކިލެގެފާނަކީ ރާއްޖެ އެ ހާލަތަށް ދިޔައިރު ބޮޑު ބަނޑޭރި އެވެ. އެހެންވީމާ، ރާއްޖެ ތަހައްމަލުކުރި ގެއްލުމުގެ ޒިންމާ އެކިލެގެފާނާ މަތިކުރާން ފަސޭހަވީ އެވެ. އެހެން ނަމަވެސް، ހަގީގަތަކީ ރާއްޖެ އެހާލަތަށް ދިޔައީ އެކިލެގެފާނު އެކަމުގެ އިންޒާރު ދެއްވައި، އިއުތިރާޒު ފާޅުކުރައްވާފައި ވަނިކޮށެވެ. ހަގީގީ މައްސަލައަކީ ދެ އާއިލާއެއްގެ ސިޔާސީ ވާދަވެރިކަމެވެ. އޭގެ ތެރޭގައި ތާށިވެ ހުރިހާ ގެއްލުމެއް ތަހައްމަލުކުރާން ޖެހުނީ ދިވެހި ރައްޔިތުންނަށެވެ.
އަލީ ދޮށިމޭނާ ކިލެގެފާނުގެ ނިންމުންފުޅާ ބެހޭ ގޮތުން އެންމެ އިންސާފުވެރި ބަޔާނެއް ލިޔުއްވާފައިވަނީ ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނު 'ދަގަނޑު ދަހަނާ' ގައި ލިޔުއްވާފައި އޮވެ އެވެ.
"ރާއްޖޭގައި ވޯރާވިޔަފާރިވެރިން ވަޒަންވެރިވެގެން ތިބުމާ ގަލޮޅުގޭ އަލީ ދޮށިމޭނާ ކިލެގެފާނު ދެބަސްވީ ހަމައެކަނި އެކިލެގެ ގެ ވިޔަފާރިއަށް އުނިކަމެއް އަންނާތީކަމަށް ދެކެވޭކަށް ޖާގައެއް ނެތެވެ. މާލޭގައި ވޯރާވިޔަފާރިވެރިން ތިބޭން ފެށުމުންވެސް އެކިލެގެ ގެ ވިޔަފާރިއަކަށް ތިޔަހާބޮޑު ބަދަލެއް ނާދެ އެވެ. ގަލޮޅުގޭ އަލީ ދޮށިމޭނާ ކިލެގެފާނު ލަންކާގެ ގާލީއަށް ހިޖުރަކޮށް އެތާގައި ހިމެނޭ އެންމެ ބޮޑު ވިޔަފާރިވެރިންގެ ތެރޭގައި ހަރަކާތްތެރިވަމުން ގެންދިޔަ އެވެ. ވީމާ، އަލީ ދޮށިމޭނާ ކިލެގެ ރާއްޖޭގައި ވޯރާވިޔަފާރިވެރިން ތިބުމާ އިންކާރުކުރި ސަބަބުތަކުގައި އެފަދައިން ބޭރުގެ ވިޔަފާރިވެރިން ރާއްޖޭގައި ވަޒަންވެރިވެއްޖެ ނަމަ، ދިވެހި ފައިސާގެ ދުނިޔެއަށާއި މިނިވަންކަމަށް ކުރާނެ އަސަރު ދެނެވަޑައިގަތީކަމަށްވެސް ބަލާންޖެހޭނެ އެވެ. އެ އިންކާރު ކުރުމަކީ ރާއްޖެއަށް ލިބިދާނެ ގެއްލުމެއްގެ މަންޒަރު ފެނިވަޑައިގަތުމުން ކުރެއްވި އިންކާރެއްކަން ކޮންމެވެސް ދަރަޖައެއްގައި ޖެހޭނީ ގަބޫލުކުރާށެވެ."
ކޮންމެއަކަސް، އަތިރީގޭ ސިޔާސީ ބާރު ކުޑަކުރުމަށް، ރާވައިގެން ހިންގުނު ހަރަކާތްތަކުގެ ސަބަބުން، އަލީ ދޮށިމޭނާކިލެގެފާނު ރާއްޖޭގެ ސިޔާސީ ޖައްވަށް އަލްވަދާއު ވިދާޅުވެ ތާއަބަދަށް ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ އެވެ. އަވަހާރަވަންދެންވެސް އުޅުއްވީ ގާލީގަ އެވެ.
ދެން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ވާހަކަ އެވެ. އެކިލެގެފާނުގެ ބައްޕާފުޅަކީ އަތިރީގޭ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އެވެ. ކާފާފުޅަކީ އަލީ ދޮށިމޭނާ ކިލެގެފާނެވެ.
އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ބޮޑުވަޒީރުކަމުގައި، އެހީތެރިއެއްގެ ގޮތުގައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ސިޔާސީ މަސައްކަތަށް ނުކުމެ ވަޑައިގެންނެވި އެވެ. ޒަމާނާ އެކަށޭނަ ތައުލީމެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވުމުން، ރާއްޖޭގެ ސިޔާސީ ޖައްވުގެ ކުރިބޯއްޓަށް އެރުއްވުމަކީ އެމަނިކުފާނަށް ދަތިފުޅު ކަމަކަށް ނުވި އެވެ.
އިމާދުއްދީން ރަދުން ސުވޭހަށް ވަޑައިގެން އުޅުއްވަނިކޮށް، ރާއްޖޭގެ ވެރިކަމުގެ ކަންކަން ބޮއްސުންލައިގެން ދިއުމުން އެކަން ހަމައަކަށް އަޅުއްވައި، މުލީގޭ މަނިއްޕުޅު ވެރިކަމަށް އިސްކުރެއްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. އޭރުގެ ހާލަތު އޮތްގޮތުން، އެމަނިކުފާނު ބޭނުންފުޅުވީނަމަ އަމިއްލަފުޅަށް ވެސް ވެރިކަމަށް އިސްވެވުނީހެވެ. އެހެން ނަމަވެސް ހިޔާރު ކުރެއްވީ ރާއްޖޭގެ ވެރިކަން ހިންގުމަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ހުންނަވާށެވެ.
ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އެކުލަވާލުމުގެ އެންމެ އިސް މޭސްތިރިއަކީވެސް އެމަނިކުފާނެވެ. އެ ގާނޫނުއަސާސީ އެކަަށައަޅައި، ފުރަތަމަ އެކުލަވާލެވުނު ރައްޔިތުންގެ މަޖިލީހުގައި ކަންކަން ހިނގަމުންދިޔަ ގޮތާއި، ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ވެރިކަމުގެ ފަރާތުން ރާއްވަމުންދިޔަ ރޭއްވެވުންތައް އެންމެ ގާތުން ފެނިވަޑައިގަތީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށެވެ. އޭރު ހިނގަމުންދިޔަ ހައިޖާނުތައް ހުއްޓުވޭތޯ އެމަނިކުފާނު އެތައް މިންނަތެއް ކުރެއްވި އެވެ. އެހެންނަމަވެސް، ވެރިންގެ މެދުގައި އާންމުވަމުންދިޔައީ ހަސަދަވެރިކަމާއި ފިތުނަފަސާދަވެރިކަމެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރަމުންދިޔަ އަސަރަކީ ކޮބައިތޯ ވިސްނައިލެވުނު ބަޔަކަށް އެކަން ވިސްނައިލާން ވަގުތުވީވެސް މާ ފަހުންނެވެ.
ހިނގަމުންދިޔަ އޮއިވަރު ހުއްޓުވާލެވޭނޭ އެއްވެސް ގޮތެއް ނެތްކަން ކަށަވަރުވެ، އަމުދުން އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނުންގެ ނަސޭހަތްޕުޅަށް ވެސް ބީރުކަންފަތެއް ދޭން ފެށުމުން އެ ކިލެގެފާނު ރާއްޖޭގެ ސިޔާސީ މަސްރަހާ އެހިނދަށް ވަކިވެވަޑައިގަތެވެ. މިސްރަށް ވަޑައިގަތުމަށްޓަކައި 1933 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ރަންނަބަނޑޭރިކިލެގެފާނު ކޮޅުނބަށް ފުރާވަޑައިގަތީ އެވެ.
އެމަނިކުފާނު ފުރާވަޑައިގަތުމުން ރާއްޖޭގެ ސިޔާސީ ކަންކަން ހިންގާން ތިބި މީހުންނަށް ލިބިގެންދިޔައީ މާބޮޑު މިނިވަންކަމެކެވެ. ސިއްރުންނާއި ފާޅުގައި ކުރަމުން ގެންދިޔަ އެތައް ކަމެއްގެ ސަބަބުން، އަދި ފޮރުވިފައިވީ ކިތަންމެ ސިއްރެއްގެ ހިޔަނީގައި ނުކުތް ނަތީޖާއަކީ ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އުވިދިޔުމެވެ. ކަމުވޮށިގެންވީ އެތައް ބޭފުޅަކު މިފަސްގަނޑުން ފައްސާ ނަގާލެވުމެވެ. އެތައް ބަޔަކު ހައްޔަރުކުރެވި އަރުވާލުމެވެ.
ސިޔާސީ މި ހަލަބޮލިކަމަށްފަހު، ދެން ރާއްޖެ ހަމައަކަށް އެޅުއްވޭނޭ ހަމައެކަނި ބޭފުޅެއްކަމަށް ދިވެހި ރައްޔިތުންނަށް އިއްތިފާގުވެވުނު ބޭފުޅަކީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ދިވެހިން ކުޅަ އާދޭހަށްޓަކައި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެން، އަލުން ގާނޫނުއަސާސީއެއް އެކުލަވާލަދެއްވައި، ރާއްޖެއިން 'ފައްސާ ނަގާލެވުނު' ބޭބޭފުޅުންނަށް މައާފު ހޯއްދަވައިދެއްވައި އަލުން ރާއްޖެ ގެންނަވައި، އެ ބޭފުޅުންނާ އެކަށީގެންވާ ހައްގު މަގާމުތަކަށް ރުޖޫއަކުރެއްވުމަށްފަހު، ގާނޫނުއަސާސީއާ އެއްގޮތަށް އުޅުއްވުމަށް ބޮޑުންނަށް ވަސިއްޔަތް ކުރެއްވި އެވެ. އޭގެ ފަހުން އަނެއްކާވެސް ކޮޅުނބަށް ވަޑައިގެންނެވީ އެވެ. އޭގެ ފަހުންވެސް ރާއްޖެއަށް ހިދުމަތެއް ކޮށްދެއްވަން ވަޑައިގަންނަވަނީ އެކަން ވާނޭ އިތުރު އެއްވެސް ގޮތެެއް ނެތިގެން، ދިވެހިންގެ ފަރާތުން އެދިގެންނެވެ. ރާއްޖެއާ ދުރުގައި ހުންނެވި ނަމަވެސް، ބޭނުން ޖެހިއްޖެ ކޮންމެ ދަނޑިވަޅެއްގައި، ކޮންމެ ކަމަކަށްވިޔަސް، ރަންނަބަނޑޭރިކިލިގެފާނުންގެ އޯގާތެރި ހިދުމަތް ދިވެހިރާއްޖެއަށް ދިޔައީ ލިބެމުންނެވެ. އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެނގެފާނު އަވަހާރަވީ ފެބުރުއަރީ 21، 1952 ގައި ކޮޅުނބުގަ އެވެ.
ލިބެމުންދިޔަ ހިދުމަތުގެ އަގުވަޒަންކުރެވޭނީ އެ ހިދުމަތެއް ލިބުން ހުއްޓުނީމަ އެވެ. ސިޔާސީ މަސްރަހުގައި ކޮންމެ ފަރާތެއްގައިވެސް ހަރަކާތްތެރިވާ މީހާއަކީ އޭގެ ޒާތުގައި މުހިންމު މީހެކެވެ. ސަރުކާރުގައި، ނުވަތަ އިދިކޮޅުގައި ހުންނަންޖެހޭ ކުޅުންތެރިއެކެވެ. ސިޔާސީ މައިދާނުގައި ގަދަ ނުފޫޒެއް އުފެއްދުމަށްފަހު، މީހަކު އެކީއެކަށް ހިމޭންވުމަކީ ވަރަށް ގިނަފަހަރު އެކަމުގެ ސީދާ ގެއްލުން ގައުމަށް ލިބިދާނޭ ކަމެކެވެ. އެ ސިޔާސީ އަޑަކީ، އެތައް ބަޔަކު ކުރަމުންދިޔަ ނޭއްގާނީ އެތައް ކަމެއް ހުއްޓިފައި އޮތް އަސްލު ސަބަބަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެއަޑު ނެތްނަމަ އެފަދަ ބަޔަކަށް ލިބޭނީ އެބަޔަކު ހަންމަތަ ކުރެވޭނޭ މީހަކު ނެތްކަމުގެ އިތުބާރާއި ހިތްހަމަޖެހުމެވެ. ނޭނގި ތިއްބައި އޭގެ ގެއްލުން ތަހައްމަލުކުރާން ޖެހޭނީ ރައްޔިތުންނަށެވެ.








