ގާޒާގެ ރަފާއަށް ދޭ ހަމަލާތައް ހުއްޓާލަން އދ. ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލުގެ މައްޗަށް މިއަދު ކުރި އަމުރު ތަންފީޒުކުރަން ރާއްޖެއިން ބާރުއެޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައިިފި އެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ކުރި އަމުރު ތަންފީޒުކުރުމަށް ރާއްޖެއިން ބާރު އެޅުމަށް ގޮވާލާ, ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އިޒްރޭލުގެ ލާއިންސާނީ އުދުވާނު ވަގުތުން ހުއްޓާލުމަށް ކުރި އެ އަމުރަކީ ފަލަސްތީނަށާއި މުސްލިމް އުއްމަތަށް ލިބުނު ނަސްރެކެވެ.
އައިސީޖޭއިން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ރަފާގެ ދިރިއުޅޭ ފަަލަސްތީނުގެ ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އިޒްރޭލުން ހިންގާ މިލިޓަރީ ހަރަކާތްތައް ހުއްޓާލުމަށެވެ. އެ އަމުރު ނެރުނީ 13 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އަމުރު ނެރުމާ ދެކޮޅުވީ ދެ ފަނޑިޔާރެކެވެ.
ރަފާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ރަފާ ކްރޮސިން ހުޅުވާފައި ބެހެއްޓުމަށް ވެސް އައިސީޖޭއިން އަމުރު ކުރި އެވެ. ރަފާ ކްރޮސިންއަކީ މިސްރުން ރަފާއަށް ވަންނަން އޮންނަ ހަމައެކަނި މަގެވެ. އދ. އިން ކަނޑައަޅާ އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކާއި ފެކްޓު ފައިންޑިން މިޝަންތަކާއި ތަހުގީގު ކުރާ ފަރާތްތަކަށް ގާޒާއަށް ވަނުމުގެ މަގު ފަހިކޮށްދިނުމަށް ވެސް ކޯޓުން އަމުރު ކުރި އެވެ.

ކޯޓުން އަމުރު ކުރި ފިޔަވަޅުތައް އަޅަން ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓެއް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ދޭންޖެހޭނެ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.
އޭގެ އިތުރުން، ފަލަސްތީނުގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ވެސް ކޯޓުން ފާހަގަ ކުރި އެވެ. އަދި ގާތްގަނޑަކަށް މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާކަން ވެސް ކޯޓުން ފާހަގަ ކުރި އެވެ.
އޮކްޓޯބަރު، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 35،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި ގާތްގަނޑަކަށް 80،000 މީހުން ޒަހަމްވެފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު 10،000 އިން މައްޗަށް އަރަ އެވެ.














