އަންހެން ފަނޑިޔާރުން "އައުރަ ނިވާނުކޮށް" ތިބެ ޝަރީއަތްކުރާ ކަމަށް ގާޒީ ނައީމް ވިދާޅުވެއްޖެ

ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމް: އޭނާއަކީ ކުރިން ވެސް ޖޭއެސްސީން ނަސޭހަތްދީފައިވާ ފަނޑިޔާރެއް -- ފޮޓޯ: ޖޭއެސްސީ

ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމް: އޭނާއަކީ ކުރިން ވެސް ޖޭއެސްސީން ނަސޭހަތްދީފައިވާ ފަނޑިޔާރެއް -- ފޮޓޯ: ޖޭއެސްސީ

ރާއްޖޭގެ ކޯޓުތަކަށް އަންހެން ފަނޑިޔާރުން އައްޔަނުކުރާތީ ކަންބޮޑުވެވަޑައިގެން، އަންހެން ފަނޑިޔާރުން "އައަރު ނިވާނުކޮށް" ތިބެ ޝަރީއަތް ކުރުމަކީ މައްސަލައެއް ކަމަށް ޑްރަގު ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވެއްޖެ އެވެ.

ގާޒީ ނައީމް މި ވާހަކަތައް ދެއްކެވީ ފަނޑިޔާރުންގެ ޖަމިއްޔާ، ދިވެހި ފަނޑިޔާރުންގެ ގުޅުމުގެ ރަސްމީ ވައިބާ ގްރޫޕުގަ އެވެ. އެ ގްރޫޕުގައި ގާޒީ ނައީމް ފާޅުކުރެއްވި ޝުއޫރުތައް ފެންނަ ސްކްރީންޝޮޓުތަކެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ.

އެ ސްކްރީންޝޮޓުތަކުން ފެންނަ މެސެޖުތަކުގައި ގާޒީ ނައީމް އަންހެން ފަނޑިޔާރުން އަޅާ ހެދުމުގެ މައްސަލަ ނެންގެވީ މުޖުތަމައުގެ ގިނަ ބަޔަކު ބަލައިނުގަންނަ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.

"މުޖުތަމައުގެ އާންމު މިންގަނޑާއި އެއްގޮތަށް ހެދުން ނާޅާ އަންހެން ފަނޑިޔާރުން ދާއިރާގައި ތިބުމަކީ ސުލޫކީ ވާނެ ކަމެއް އަދި ލަދުވެތި ކަމެއް ނޫންތޯ" ލެޓިނުން ލިޔުއްވި މެސެޖުގައި ގާޒީ ނައީމް ވިދާޅުވެފައިވެ އެވެ.

އެ މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ނައީމް އިތުރަށް ވިދާޅުވީ ބައެއް އަންހެނުން ހިތްހަމަ ނުޖެހުނަސް އެ ވާހަކަ ދައްކަން ޖެހޭ ކަމަށާއި، "މިގޮތަށް" ހެދުން އެޅުމުން ކޯޓުގެ ކަރާމާތާއި އިހުތިރާމަށް އުނިކަން އަންނަ ކަމަށެވެ.

ނައީމް މިހެން ވިދާޅުވުމުން ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވަނީ، އަންހެން ފަނޑިޔާރުންނަށް ހާއްސަ ޔުނީފޯމެއް ހުށަހަޅުއްވަނީތޯ އޭނާ ކުރެން ސުވާލު އައްސަވާފަ އެވެ. ރައްދުގައި ނައީމް ވިދާޅުވީ އިސްލާމް ދީނުގައި އަޅާ ހެދުމުގައި ފުރިހަމަވާ ކޮންމެ ހެދުމެއް ވެސް "އޯކޭ ވާނެ" ކަމަށެވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫޥޭ ބޯހާވާލައިގެން އަދި ބައެއް ފަހަރަށް ކަރު ގޮށް ނެއްޓިފައިވާ ހާލަތުގައި ތިބެގެން ޝަރީއަތް ކުރާ މަންޒަރު ބަލަން" އެއާ ވިއްދާ އޭނާ ލިޔުއްވި އެވެ.

މި މައްސަލައިގައި ގްރޫޕުގައި ތިބި އެހެން ފަނޑިޔާރުން، ބައެއް އަންހެން ފަނޑިޔާރުން ހިމެނޭ ހެން ކަންބޮޑުވުމުން ދޫދިނުމުގެ ބަދަލުގައި މިއީ މުޖުތަމައުގެ ގިނަ ބަޔަކު އެދޭ ގޮތް ކަމަށް ބުނެ ނައީމް ވަނީ އޭނާގެ ވާހަކަތައް ކުރިއަށް ގެންދަވާފަ އެވެ. އަދި ހެދުމުން ފެށި ވާހަކައިގެ ތެރެއިން "ފެމިނިޒަމް" އާއި ކުޑަކުދިންނަށް މަރުގެ އަދަބު ތަންފީޒުނުކުރަން ފާސްކޮށްފައިވާ ގާނޫނާ ދެކޮޅަށް ވާހަކަ ފެއްޓެވި އެވެ.

އެގޮތުން، ގާބިލު ފިރިހެން ފަނޑިޔާރުން ތިއްބައި އަންހެނުންނަށް ފުރުސަތު ދިނުމުގައި ނަމުގައި އަންހެން ފަނޑިޔާރުން ނަގަމުންދާ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވަމުން ފެމިނިޒަމްގެ ވަކި ހިއްޕަން ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި ކުޑަކުދިންނަށް މަރުގެ އަދަބު ތަންފީޒުކުރަން ހުރަސްއަޅާ މާއްދާ ގާނޫޏުން އުވާލަން ވެސް ނައީމް ގޮވާލެއްވި އެވެ.

"ފެމިނިޒަމްއަށް ހިތްވަރުދޭ ބަޔަކު މިއަދު ޖުޑީޝަރީގެ މަތީ ފަޑީގައި ތިއްބަސް އަބަދު އެ މީހުން އެ ގޮނޑި ތަކުގައި ތިބޭނެ ކަމަށް ބެލުމަކީ މޮޔަ ކަމެއް. ބޮޑު ތަނުން ގާބިލު ފިރިހެން ބޭފުޅުން ކުރިމަތިލާފައި ވަނިކޮށް ވަކި ޕަސެންޓެއް ހަމަ ކުރަން ކަމަށް ބުނެ ތަޖުރިބާ އެއް ނެތް އަދި އޮޑި ދުއްވަން ނޭނގޭ އަންހެން މާލިމީއަކަށް ވަޒީފާ ދިނުމަކީ ހެޔޮވެގެން ވާނެ ކަމެއް ނޫން،" އޭނާ ލިޔުއްވާފައިވެ އެވެ.

މިހެން އޭނާ ވިދާޅުވަމުން، ރައްދުގައި ބައެއް ފަނޑިޔާރުން ވަނީ ވަކި މީހަކަށް ނިސްބަތްކޮށް ދައްކާ ވާހަކަ ދައްކާށާއި އަމިއްލައަށް ކުރި ބުރަ މަސައްކަތުން އެ މަގާމަށް އައި ކަން ހަނދުމަކޮށްދީ، އެކަމާ އަޅުވައި ފުރައްސާރަ ނުކުރުމަށެވެ. އެވަރުން ވެސް ނައީމް ވަނީ އޭނާގެ ކޮޅު ދޫދިނުމެއް ނެތި، އިތުރަށް ވާހަކަ ދައްކަވާފަ އެވެ.

ގާޒީ ނައީމަކީ ވައިބާ ގްރޫޕެއްގައި ހިއްސާކުރި އެހެން މެސެޖުތަކެއްގެ މައްސަލަ ހޫނުވެ، ޖޭއެސްސީން މައްސަލަ ބަލައި ނަސޭހަތް ދީފައިވާ ފަނޑިޔާރެކެވެ. އެފަހަރު އޭނާއަށް ނަސޭހަތް ދިނީ ފަނޑީޔާރުންނަށް ފްލެޓު ހަމަޖައްސައިދެން ދެން އިހުތިޖާޖު ކުރަން ގޮވާލި މައްސަލައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox