ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައި އޮތް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު މިއަދު ފާސްކޮށްފި އެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން މި ބިލު މަޖިލީހަށް ހުށަހެޅީ އޮގަސްޓު 2021, ގަ އެވެ. މިއަދު ބޭއްވި 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި މި ބިލު ފާސްކުރީ 47 މެމްބަރުންގެ ވޯޓާއެކު އެވެ.
މި ބިލަކީ ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ހިމެނޭ ބިލެކެވެ.
ބިލު ގާނޫނަކަށް ވެގެން ދިއުމުން ކާބޯތަކެތި އުފައްދާ، ގުދަންކޮށް އަދި ވިއްކާ ތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަން ކަށަވަރުކުރުމަށްޓަކައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރެވިގެންދާނެއެވެ.
މި ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކޮށް ނުވަތަ އުފެއްދުމާއި ގަނެ ވިއްކުން މަނާވާނެ ތަކެތި
- ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި ނުވަތަ ގަޑިބަޑުކުރުމަށް ބޭނުންކުރާ ބާވަތްތައް ނުވަތަ އެޑަލްޓްރަންޓް
- އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތިި,
- މި ގާނޫނުގެ ދަށުން ވިޔަފާތި ކުރުން މަނާކޮށްފައިވާ ކާބޯތަކެތި, އަދި,
- ސިއްހަތަށް ގެއްލުމެއް ދޭ ކާބޯތަކެއްޗެވެ.
ބިލުގައި ބުނެފައިވަނީ މިއިން ކުށެއް ކުރާ މީހެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލާ، 10،000ރ. 300،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލާ ފާސްކުރާނެ އުސޫލެއްވެސް މި ބިލުގައި ކަނޑައަޅާފައިވާއިރު އެފަދަ ތަންތަނުގައި ފުރިހަމަވާން ޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަނުވާ ހާލަތްތަކުގައި ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.












