ކޮލާއިން ފުރޭތަ ފެނުން؛ ކޮލަމާފުށީ އިސް ރަށްވެހިންނަށް ހަގީގަތެއް!

ކޮލަމާފުށި. -- ފޮޓޯ: ޓޫ ތައުސަންޑް އައިލްސް

ކޮލަމާފުށި. -- ފޮޓޯ: ޓޫ ތައުސަންޑް އައިލްސް

ކޮލަމާފުށީގެ ނަން އެކަށައެޅިފައި އެއޮތީ އެރަށާ ކައިރީގައި އޮތް ކޮލާ ކިޔާ ރަށާ ގުޅުވައިގެންނެވެ. 'މާފުށި' ނުވަތަ 'މަލުގެ ފުށި' ގެ ނަމުން ނަން ދެވިފައިވާ ކިތަންމެ ރަށެއް ރާއްޖޭގައި އެބަހުއްޓެވެ. މާލެ އަތޮޅުގައި މިއޮތް މާފުށްޓަށް އެނަން ދެވުނީވެސް އެހެންނެވެ. ރަށް ވަށައިގެން ހުރީ ކާނި ގަހެވެ. އެ ގަސްތަކުން ފޮޅޭ މާތަކާއެކު ރަށުގެ މަލަމަތި ފެންނާނީ މާތަކުން ޖަރީކޮށްފައި އޮއްވަ އެވެ. އެރަށާ ކައިރިން ދަތުރުކުރާ އުޅަނދުތަކަށް އެރަށް ފެންނާނީ މާ ބަގީޗާއެއް ގޮތަށެވެ. އެރަށަކީ މަލުގެ ރަށް، ނުވަތަ މާފުށްޓަށް ވީ އެހެންވެގެންނެވެ.

އެހެންވީމާ، 'މާފުށި' ކިޔާ ރަށްރަށް ވަކިކުރުމަށް އެއީ ކޮން މާފުށްޓެއްކަން ބުނެދިނުމަށް ނަން އިތުރެއް ބޭނުން ކޮށްއުޅެ އެވެ. 'ފަޅުމާފުށި' އެއީ މާ+ފުށްޓެވެ. އެކަމަކު ފަޅު ރަށަކަށްވާތީ އެރަށަށް ހާއްސަ ބަޔާނެއް ދިނުމުގެ ގޮތުން އިތުރުކުރީ 'ފަޅު' މި ބަހެވެ. ކޮލަމާފުށީގެ ނަންވެސް އުފެދިފައި އެއޮތީ އެގޮތަށެވެ. އެއީ މާ އަޅާ ގަސްތައް ގިނަ، ކޮލާ ކިޔާ ރަށް ކައިރީގައި އޮންނަ ފުށްޓެވެ. އެހެންވީމާ އެއީ ކޮލަ+މާ+ފުށްޓަށް ވީ އެވެ.

ކޮލާ ކިޔާ ރަށް ކޮލަމާފުށްޓާ ވަކިން އޮތްއިރު ހިކި ދިޔަވަރުގައި ހިނގާލާފައި އެރަށަށް ދެވޭނެ އެވެ. އޭރު އެރަށަކީ ކޮލަމާފުށީ މީހުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައި އޮތް ރަށެކެވެ. ރަށު މީހުން ބޭނުންވާ އެކިއެކި ޒަރޫރަތްތަކަށް ކޮލާ ބޭނުންކުރަމުން ގެންދިޔަ އެވެ. ކާށި ކުރުނބާ އެޅުމާއި، ހަކުރު ހިލުމާއި، އުވަދެވުން ފަދަ މަސައްކަތްތަކަށްވެސް ކޮލާއަށް މީހުން ގޮސް އުޅެ އެވެ.

ކޮލާއަކީ ކޮލަމާފުށީގެ ރައްޔިތުންނަށް ކިތަންމެ މުހިންމު ތަނަކަށް ވިޔަސް އެރަށަށް ގޮސް އުޅޭ މީހުންގެ މެދުގައި އެތަނާމެދު އޮންނަނީ މާ ރަނގަޅު ވިސްނުމެއް ނޫނެވެ. އެރަށަށް ދިއުމަކީ ބިރުވެރި ކަމެކެވެ. ކޮލަމާފުށީ ކުރީގެ ކަތީބު، އެސްޕީވިލާ އަލީ ޒާހިރު ވިދާޅުވި ގޮތުން، ކޮލާގައި އުޅޭ 'ދެފާބެދިޔާ' ކިޔާ ފުރޭތައިގެ ދުއްތުރާ ކޮލަމާފުށީގެ އެތައް ރައްޔިތުންނަށް ކުރިމަތިވި އެވެ. ފުރޭތަ ކަމެއްގެ ސަބަބުން ބައެއް މީހުން މަރުވެފައިވާކަމަށްވެސް އަލީ ޒާހިރު ވިދާޅުވި އެވެ.

ކޮލާއަށް އަލީ ޒާހިރު ވަރަށް ގިނައިން ވަޑައިގަންނަވަ އެވެ. އެރަށް އޭރު ލިޔުއްވައިގެން އުޅެނީ އަލީ ޒާހިރުގެ ބަފައިބެ، އަލިތައްކާނު އެވެ. އެހެންވެ، އެރަށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެގެންނާއި، އެރަށުގައި އެކިއެކި މަސައްކަތްތައް ކުރުމަށް އަލީ ޒާހިރަށް އެރަށަށް ވަޑައިގަންނަވަން ޖެހެ އެވެ. އަލީ ޒާހިރު ވިދާޅުވާ ގޮތުން އެރަށުގައި ގާއިމުވެގެން ދިރިއުޅޭ ފުރޭތައިގެ އިތުރުން، އެ އެއްޗެއް ކައިރިއަށް އިތުރު ފުރޭތަތައް ވެސް އާދެ އެވެ. މިކަން އެނގެނީ މި ފުރޭތަ ތައް އަންނަނީ ކޮލަމާފުށި މަތިން ލާފައި ކަމަށްވާތީ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. ފެންނާނީ ކޮލަމާފުށި މަތިން ހުރަސްކޮށް ކޮލާއަށް ގޮސް ގެއްލޭ އަލިގުޅަ އެކެވެ. ކޮލާގެ 'ކަޅެހުތާ ރުއްގަޑާ' އަކީ އެ ފުރޭތަ ތަކުގެ ގުންޒަރެވެ. އެހެންވެ، ކޮލާއަށް ދިޔަޔަސް 'ކަޅެހުތާ ރުއްގަޑާ' އަށް ނުދިއުމަށް އަބަދުވެސް އިރުޝާދު ދޭނެ އެވެ.

އަލީ ޒާހިރު ވިދާޅުވާ ގޮތުން، ކޮލަމާފުށީ ތަރިވިދާގޭ އަހުމަދު ޝާކިރުގެ މަންމަ، މަރިޔަންދިޔެ ނިޔާވީވެސް ޖިންނިފަރާތު ކަމެއްގަ އެވެ. އެ ހާދިސާއެއް ހިނގީ މީގެ 45 ނުވަތަ 50 އަހަރު ކުރިންނެވެ. މަރިޔަންދިޔެ، އޭނާގެ އެކުވެރިންނާއެކު އެރަށަށް ދިޔައީ ހަކުރު ހިލާށެވެ. އެ މަސައްކަތުގައި އުޅެނިކޮށް ދިޔަވަރު ބޮޑުވުމުން، އެރޭ އެނބުރި ނާދެވި ކޮލާގައި މަޑުކުރަން ޖެހުނީ އެވެ. ވީގޮތެއް ވެގެން އެރޭ މަރިޔަންދިޔެއަށް ގަދަ ހުމެއް އައީ އެވެ. ހުން އައުމުން ދީ އުޅޭ އެއްވެސް ފަރުވާއަކުން ލުޔެއް ނުލިބި އެ ހުމުގައި މަރިޔަންދިޔެ ނިޔާވީ އެވެ. މިއީ ރޭގަނޑު ކޮލާގައި މަޑުކުރުމުން، އެރަށުގައި އުޅޭ ފުރޭތައިގެ ސަބަބުން ދިމާވި ކަމެއްކަމަށް އޭރު ކޮލަމާފުށީގެ ހުރިހާ ރައްޔިތުން ގަބޫލުކުރި އެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަވަނަ އަހަރު، އިލްޔާސް އިބްރާހީމްގެ އެޓޯލްސް މިނިސްޓަރުކަމުގައި ކޯޒްވޭ އަކުން ކޮލާއާއި ކޮލަމާފުށި ގުޅާލި އެވެ. އޭގެ ފަހުން، ކޮލާއަށް ގޮސް އުޅުން ވަރަށް ބޮޑަށް އާންމުވި އެވެ. އެކަމަކު އޭރުވެސް 'ކަޅެހުތާ ރުށްގަނޑާ' އަށް ދިއުން އޮންނަނީ މަނާކުރެވިފަ އެވެ.

އަލީ ޒާހިރު ވިދާޅުވާ ގޮތުން ކޮލާ އަމާންވީ ކޮލަމާފުށީ އަލްމަރުހޫމު އަލީ ޝާކިރުގެ ގޭގައި އުޅުނު އަހަންމައިދީ ކިޔާ މީހަކު ފަންޑިތަ ހެދި ފަހުންނެވެ. އެއީ ފުވައްމުލަކު ދޫޑިގަމު މީހެކެވެ. އޭނާ ކޮލަމާފުށްޓަށް ފައިބައި ހުރީ އަލީ ޝާކިރުގެ ރަހުމަތްތެރިކަމުގަ އެވެ. ކޮލާ އަމާން ކުރުމަށް ކިޔެވިފަހުން 'ދެފާބެދިޔާ' އަދި އެހެން ފުރޭތަތަކަށް ކޮލާ އެއޮތީ ގެއްލިފަ އެވެ. އޭގެ ފަހުންވެސް ކޮލާއިން ޖިންނިފަރާތު ކަންކަން ފެނިގެން ބައެއް މީހުން އެ ވާހަކަ ދެއްކި ނަމަވެސް، އެއީ އާންމު ކަމެއް ނޫނެވެ.

މިހާރު ކޮލާއަކީ ކޮލަމާފުށީގެ ބައެކެވެ. ދެހާސް ދިހަވަނަ އަހަރު ކޮލަމާފުށީގައި އެޅި ފުލެޓުތައް އެޅީ ކޮލާއަށް ދިއުމަށް އޮންނަ ހަނި ކޯޒްވޭ މަތީގަ އެވެ. އޭރު ވިސްނުމަކަށްވީ، އެ ސަރަހައްދުގައި އަޅާ ފުލެޓުތަކުގެ ރައްކާތެރިކަމަށްޓަކައިވެސް އެތަން ހިއްކުން ސަރުކާރަށް މަޖުބޫރު ކުރުމެވެ. މިހާރު އެއޮތީ އެތައް ފަހަރެއްގެ މަތިން ހިއްކައި، އިހުއޮތްވަރަށްވުރެ މާބޮޑު ޖާގައެއް ރަށުގެ ބަޔަކަށް ހަދާފަ އެވެ. ނުހިއްކައި ބާކީ އޮތް ތަންކޮޅުވެސް މިހާރު ހިއްކަން ފަށައިގެން ކުރިއަށް އެބަ ދެ އެވެ.

ކޮލާއިން ފުރޭތަ ފެންނަ ވާހަކަ އަކީ ކޮލަމާފުށީގެ މިހާރުގެ ޖީލުގެ ވަރަށް ގިނަ މީހުން ގަބޫލުކުރާ ވާހަކައެއް ނޫނެވެ. އަލީ ޒާހިރު ވިދާޅުވީ 'ޒަމާނާއެކު މީހުންގެ ވިސްނުމަށް ކޮންމެ ބަދަލެއް އަޔަސް އެ ވާހަކަތަކަކީ ތެދުކަމަށް ކޮލަމާފުށީގެ އިސްރަށްވެހިން ހެކިވާނެ' ކަމަށެވެ. ޖިންނި ޝައިތާނުންނަކީ އުޅޭ މަހުލޫގެއްކަން ގަބޫލުކުރުމަކީ މުސްލިމުންގެ ހައިސިއްޔަތުން ލާޒިމުވެސް ކަމެކެވެ. އެހެންނަމަވެސް، ޖިންނި ޝައިތާނުންނާ ގުޅުވައި ދައްކާ ހުރިހާ ވާހަކަތަކަކީ ހަގީގަތަކަށް ނުވެ އެވެ. ހީވާ ހީވުންތަކާއި ސިކުނޑިން ލޮލަށް ދައްކާ މަންޒަރުތަކަކީވެސް ޖިންނި ޝައިތާނުން ކަމަށް ބައެއް ފަހަރު ގަބޫލުކުރެވިފައި ހުންނަކަން ސާބިތުވާތީ މިޒަމާނުގެ ވިސްނުންތަކާ އެ ވިސްނުން މުޑިއަރާ ގޮތް ވަނީ އެވެ. ކޮލާއިން ޖިންނި ފުރޭތަ ފެންނަ ވާހަކައަކީ މިޒަމާނުގެ ކުދިންނަށް ކުދިންނަށް ފުލޯކު ވާހަކައެކެވެ. އެކަމަކު ކޮލަމާފުށީގެ އިސްރަށްވެހިންނަށް އެއީ ހަގީގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox