ތައުބާވެރި އާދަމް އާއި ބޮޑާވެރި އިބުލީސް

ތައުބާވެރި އާދަމް އާއި ބޮޑާވެރި އިބުލީސް

ސާދަސަތޭކަ ސާޅީސް ފަސްވަނަ އަހަރުގެ ރަމްޟާން މަސް ނިމި މި އަހަރުގެ ޝައްވާލް މަހަށް ހަނދުބަލައި، ވޭތުވެދިޔަ ހަފުތާގެ ބުދަ ދުވަހު އަޅުގަނޑުމެންނާ ބައްދަލުކުރި ފިތުރު އީދުގެ ހެޔޮވެދުމާއި ތަހުނިޔާ އެންމެ ބޭފުޅުންނަށް އަރިސްކުރަނީ، ރަމްޟާން މަހުގައި ކުރެވުނު ހެޔޮ އަމަލުތަކުގެ އަސަރުތަކާއި ނިޝާންތައް ސިކުނޑިއާއި ހިތާއި ފުރާނައިގައި އަށަގެންނެވުމަށް ދައުވަތުދެމުންނެވެ. ކިތަންމެ ގިނަ އަދަދަކަށް ޤުރުއާން ޚަތިމްކުރިޔަސްވެސް، އެ ޤުރުއާނުގެ އެންމެ އާޔަތަކާއި ނުވަތަ އާޔަތްތަކަކާމެދު ވިސްނާ ފިކުރު ހިންގާލުމުގެ އެންމެ ދިހަ މިނިޓުން މިދެންނެވި މަގުސަދާ ދިމާއަށް ކައިރިކުރާ މިންވަރު އެއްހާސް ގުނަ އިތުރުވާނެކަމުގައި ފިކުރުކޮށް އުޅޭ މީހުން ބުނެ އެވެ.

ހަރާން ކަމެއް ކުރުމާއި އަމުރުކުރެއްވި ކަމެއް ނުކުރުމާއި މިދެ ކަމުގެ ތެރެއިން ނުބައިކަން ބޮޑީ ކޮން ކަމެއްތޯ، މިއީ ވެސް ފަލްސަފީ ފެންވަރެއްގައި ދީނުގެ އިލްމުވެރިން ހާއްސަކޮށް އުސޫލުލްފިޤުހިގެ އިލްމުވެރިން ފިކުރުކުރައްވައި ބަހުސްކުރައްވާފައި އޮންނަ މައުލޫއެކެވެ. އެގޮތުން ބައެއް އިލްމުވެރިން ދެކެވަޑައިގެންނެވި ގޮތުގައި، ހަރާން ކަމެއް ކުރުމަށްވުރެ އަމުރުކުރެއްވި ކަމެއް ނުކުރުން މާ ބޮޑު ތަނުންވެސް ނުބައިވާނެ އެވެ. އެހެނީ އާދަމްގެފާނަށް އޮތީ އެގަހަކާ ކައިރިވުން ހަރާންކުރެއްވިގެންވާ ގަހާ ކައިރިވުން ހަރާންކުރައްވާފަ އެވެ. އަދި އިބުލީހަށް އައިސްފައި އޮތީ އަމުރުފުޅެކެވެ. އެއީ އާދަމްގެފާނަށް ސަޖިދަކުރުމަށް މާތް ﷲ ކުރެއްވި އަމުރުފުޅެވެ. އިބުލީސް ހިލާފުވީ މި އަމުރުފުޅާ އެވެ. އާދަމްގެފާނު ހިލާފުވީ ހަރާންކުރެއްވި ނަހީބަސްފުޅާ އެވެ. އަމަލުގެ ނަތީޖާއަށް ބަލާއިރު، ދެ އަމަލުގެ ނަތީޖާއިންވެސް ސުވަރުގެއިން ބޭރުކުރެއްވުނެވެ. ނަމަވެސް، އާދަމްގެފާނުގެ ތައުބާ މާތް ﷲ ގަބޫލުކުރެއްވި އެވެ. އަދި އިބުލީހަކީ، ދެ ދުނިޔޭގައި ލައުނަތްލެއްވިގެންވާ ލަޢީނެއްކަމުގައި ލެއްވެވި އެވެ.

އެއީ ބައެއް އިލްމުވެރިން ދެކެވަޑައިގެންނެވި ގޮތެވެ. އެޔާ ހިލާފަށް ދެކެވަޑައިގަންނަވާ އިލްމުވެރިންގެ ނަޒަރުގައި އާދަމް އާއި އިބުލީސް ތަފާތުވެގެން ދިޔައީ، ހިތްތިރިކަމާއި ބޮޑާކަމުގައި ހުރި ތަފާތެއްގެ ސަބަބުންނެވެ. އެހެނީ އާދަމްގެފާނު ތައުބާވެވަޑައިގަތެވެ. ނަމަވެސް އިބުލީސް ތައުބާއެއް ނުވެ އެވެ. އޭނާއަށް މާތް ﷲ ލައުނަތް ލެއްވުމުން ވެސް އިތުރަށް ބޮޑާވެގަނެ އެބޮޑާވެރިކަމުގައި މާތް ﷲ އަށް ޗެލެންޖުކުރި އެވެ. އިލްމުވެރިންގެ މިދެންނެވުނު ބަހުސް ހުއްޓިފައިހުރި އާޔަތްތަކާމެދު ބުއްދީގެ ނަޒަރެއް ދެއްވާށެވެ.

އަލްބަޤަރާ ސޫރަތުގެ 34 ވަނަ އާޔަތުގައިވެއެވެ. "އަދި އާދަމްގެފާނަށް ތިޔަބައި މީހުން ސަޖިދަކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަހީކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، އިބުލީސް ފިޔަވައި، އެ މަލާއިކަތުން ސަޖިދަކުރެއްވި އެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، ބޮޑާވެގަތީއެވެ. އަދި ކާފަރުންގެ ތެރެއިން އެކަލޭގެވި އެވެ."

އަލްއަޢުރާފް ސޫރަތުގެ 12 ވަނަ އާޔަތުގައިވެއެވެ. "އެކަލާނގެ ވަހީކުރެއްވި އެވެ. ތިމަންރަސްކަލާނގެ ކަލެޔަށް އަމުރުކުރެއްވިހިނދު، ސަޖިދަކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ." އަދި އަލްޙިޖްރު ސޫރަތުގެ 33 ވަނަ އާޔަތުގައިވެއެވެ. "އެކަލޭގެ ދެންނެވިއެވެ. ތަޣައްޔަރުވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށިން އިބަރަސްކަލާނގެ ހެއްދެވި އިންސާނަކަށް ސަޖިދަކުރާކަށް ތިމަން ނެތީމެވެ."

މިހާވަރަށް އިބުލީސް ދެކޮޅުހަދައި ބޮޑާވެގަތުމުން މާތް ﷲ އޭނާ ސުވަރުގެއިން ބޭރުކުރެއްވިއެވެ. އެޔަށްފަހު އޭނާ އެދުނު އެދުމުގެ މައްޗަށް އޭނާ ދުނިޔޭގައި ފަހު ދުވަހާ ހަމައަށް ލަހައްޓަވާނެކަމަށް މާތް ﷲ އެންގެވީ އޭނާ އެދުނު އެދުމެއްގެ މަތީންކަމަށްވާއިރު، އެޔާއެކުވެސް އޭނާ އިތުރަށް ބޮޑާވެގަތެވެ. އޭނާގެ ބަސް އަލްއަޢުރާފު ސޫރަތުގެ 16 ވަނަ އާޔަތުގައިވެއެވެ. "އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް ވާސިލުވުމަށް ހުރަސް އަޅާހުށީމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނެއެވެ."

މިއީ އިބުލީސް ބޮޑާވެގަތް ގޮތެވެ. މިއާޔަތްތަކާމެދު ފިކުރު ހިންގާއިރު، މީގައި އަމުރަކަށް ނުކިޔަމަންތެރިވުމަށްވުރެ ހާމަކަންބޮޑުކޮށް ފެނިގެންދަނީ އަމުރުފުޅަށް ނުކިޔަމަންތެރިވީ ގޮތެވެ. ތިމާ ނޫން އަނެކާއަށް މާތް ﷲ ދެއްވާ މަތިވެރިކަމަކަށްޓަކައި ނުވަތަ އެހެންވެސް ދެއްވުމަކަށްޓަކައި އަނެކާއާމެދު ތިމާގައި އޮންނަ ހަސަދަވެރިކަމާއި ބޮޑާކަން ކުރިޔަށް ނެރެ ދިއްކުރުމުގެ ނުބައިކަމެވެ. އަދި ކިބުރުވެރިކަމާއި ބޮޑާވެރިކަމުގެ ހުރި ކަސިޔާރުކަމާއި ގޯސްކަމެވެ.

އާދަމްގެފާނު މިޔާ ތަފާތުވީ ގޮތް ވިދާޅުވާށެވެ. އަލްބަޤަރާ ސޫރަތުގެ 35 ވަނަ އާޔަތުގައިވެއެވެ. "އަދި ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. އޭ އާދަމްގެފާނެވެ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެ، އުޅުއްވާށެވެ! އަދި ތަނަވަސްކަމާއި ފަހިކަމާއެކު، ތިޔަ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް އެތަނުން ފަރިއްކުޅުއްވާށެވެ! އަދި ތިޔަ ދެކަނބަލުން މިހިރަ ގަހާ ކައިރިވެވަޑައި ނުގަންނަވާށެވެ! އޭރުން (އެބަހީ: އެގަހާ ކައިރިވެވަޑައިގެންފިނަމަ) ތިޔަ ދެކަނބަލުންވާހުށީ، އަނިޔާވެރިވާ މީހުންގެ ތެރެއިންނެވެ."

ކޮންމެއަކަސް އޭގެ ދެކަނބަލުންނަށް މިގަހާ ކައިރިވެވިއްޖެއެވެ. އެހިނދު އެދެކަނބަލުންނަށް މާތް ﷲ އިއްވެވި ނިދާ އަލްއަޢުރާފު ސޫރަތުގުގެ 22 އަދި 23 ވަނަ އާޔަތުގައިވެއެވެ. "އަދި އެ ދެކަނބަލުންގެ ވެރިރަސްކަލާނގެ، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، ޝައިޠާނާއީ، ތިޔަ ދެކަނބަލުންނަށް ފާޅުވެގެންހުރި އަދާވާތްތެރިއެއް ކަމަށް ވަޙީނުކުރައްވަން ހެއްޔެވެ؟"

މިނިދާ އިއްވެވުމާއެކު އެދެކަނބަލުންގެ ފުރަތަމަވެސް ޖަވާބަކަށްވީ؛ "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފުސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި އޯގާވެރިކަން ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

އޭގަ ނަތީޖާ އަލްބަޤަރާ ސޫރަތުގެ 37 ވަނަ އާޔަތުން ފެނިވަޑައިގަންނަވާނެއެވެ. "ފަހެ، އާދަމްގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަޒުރަތުން ކަލިމަފުޅުތަކެއް ބާވާލެއްވި، (އެ ކަލިމަފުޅުތައް ވިދާޅުވެ، ތައުބާވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް ތައުބާލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ."

އާދޭހެވެ. ތަފާތަކީ އާދަމްގެފާނު އެކަލޭގެފާނުގެ ކުށް ގަބޫލުކުރައްވައި، ތައުބާވެވަޑައިގަތުމެވެ. އަދި ލައުނަތް ލެއްވި އިބުލީސް އޭނާގެ ބޮޑާކަމުގެމައްޗަށް ބޮޑާވެރިކަން އިތުރުކުރަމުން ގެންދިއުމެވެ. އެކަމަކު މިކަމެއް ހިނގިއިރު އިބުލީހުގެ އަޅުވެރިކަމާއި މާތް ﷲ އަށް ޒިކުރުކުރުން ގިނަކަމަށްޓަކައި، އޭނާވީ މަލާއިކަތުންގެ ތެރޭގައިވެސް ދަރަޖަ އުފުލެވިގެންވާ މީހެއްގެ ގޮތުގައެވެ. އޭނާގެ ކިބައިގައި މިރަނގަޅު ކަންކަން ކުރުމުގެ ބާރު ލައްވާފައިވާ ގޮތަށް، އާދަމާއި އޭނާގެ ދަރިންގެ ކިބައިގައި، ބޮޑާވެގަތުމުގެ ބާރުވެސް ލައްވާފައިވެއެވެ. އާދަމް އާއި އިބުލީސް ތަފާތުވީ، އާދަމް އެ ބޮޑާވެރިކަމުގެ މައްޗަށް ހިތްތިރިކަމާއި ތައުބާވެރިކަން އިސްކުރެއްވިއިރު، ބޮޑާކަމުގެ މައްޗަށް ބޮޑާކަން އިބުލީސް ނެގެހެއްޓީމަ އެވެ.

އެކަމަކު އާދަމުގެ ދަރިންގެ ތެރެއިން އެތައް ބަޔަކު، އާދަމްގެފާނުގެ އެއަމަލުފުޅުން އިބުރަތް ލިބިގަތުމެއް ނެތި، ބޮޑާކަމުގެ މައްޗަށް ބޮޑާކަން އިސްކުރަނީ މަދެއްކޮށެއް ނޫނެވެ. އޭރަށް އެމީހަކު އެހިނގަނީ އިބުލީހުގެ މަގުންނެވެ. އިބުލީސް ބޮޑާވެގަތީ ﷲ ގެ އަމުރުފުޅުތަކުގެ ކުރިމަތީގައިކަމަށްވިޔަސް، އެކަލޭގެ ބޮޑާކަމުގެ ފެށުން އައީ އޭނާ ނޫން އަނެކާއަށް މާތް ﷲ ދެއްވި ދެއްވުމުގެ މައްޗަށް އާދަމްގެފާނާމެދު އޭނާގެ ހިތުގައި އުފެދުނު ހަސަދަވެރިކަމާއި ބޮޑާކަމުގެ ސަބަބުންނެވެ. އަދި ތިމާ ނޫން އަނެކާއީ މާތް ﷲ ތަފާތުކުރައްވާ ކުރެއްވުމަކަށް ބެލުމެއް ނެތި، ތިމާއަށްވުރެ މާދެރަ ނިކަމެތި މީހެއްކަމަށް ގަބޫލުކުރުމުގެ ކުށް ވިސްނުމުގެ ތެރެއިންވެސްމެ އެވެ. އިބުލީސް ވާ ހެއްދެވުނީ މާމޮޅު އަލިފާނަކުންކަމަށް އޭނާ އެބުނަނީއެވެ. އެކަމަކު މަށިން ހެއްދެވުނު އިންސާނާ އޭނާ ފަދަ އަނެއް އިންސާނާގެ މައްޗަށް ހަސަދަވެރިވެ ބޮޑާވެގަންނައިރު، އެކަމުގެ ނުބައިކަން ހާދަހާވާ ބޮޑުކަމާ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox