މެންބަރުންނަށް ﷲ ގެ ނަންފުޅުގެ ހުރުމަތް ދަސްކޮށްދިނުން

މެންބަރުންނަށް ﷲ ގެ ނަންފުޅުގެ ހުރުމަތް ދަސްކޮށްދިނުން

ހުސްވަމުން މިދާ ހަފުތާގައި އަޅުގަނޑަށް ހަބަރުން ފެނުނު ވާހަކައަކީ، އިންތިހާބު ވާއިރު ހުރި ޕާޓީ ބަދަލުކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އޮތް އޮތުމަށް މިހާރު އިސްލާހެއް ހުށަހަޅައި، އެކަން މަޖިލީހުން ފާސްކުރަންއުޅޭކަމުގެ ހަބަރެވެ. ހަބަރުގައި އޮތްގޮތުން، އެފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ މެންބަރަކު އިސްތިއުފާ ދިނުމަށް ގާނޫނުން ލާޒިމުކުރަނީ އެވެ. އަދި ދާއިރާގެ ރައްޔިތުން އަލުން ވޯޓަކަށް ގޮސްގެން އެކަމުގައި ގޮތެއް ނިންމާގޮތަށް ކަނޑައަޅަނީ އެވެ. ވަރަށް މާތް މަގުސަދުގައި ކުރެވޭ މި މަސައްކަތަށް އަޅުގަނޑުވެސް ހިތާއި ފުރާނައިން ތާއީދެވެ. އަދި މިއީ މިވާހަކައެއް ދައްކާތާ މިހާރު ދިހަ ވަރަކަށް އަހަރުވެފައި އޮތް މައްސަލައެއްކަން ވެސް އަޅުގަނޑަށް ވެސް އެނގެ އެވެ.

ކޮންމެ މުޖުތަމައެއްގައި ވެސް ކުށްވެރިން އުޅެ އެވެ. އެ މުޖުތަމައުގެ ހަރުދަނާ މީހުން އެފަދަ ކުށްވެރިންގެ ކިބައިން މުޖުތަމައު ސަލާމަތްކުރުމަށް ތަފާތު އިންތިޒާމުތައް ހަމަޖައްސަމުންދެ އެވެ. މިޒަމާނުގައި ނަމަ ގާނޫނުތަކުގެ ނަމުގަ އެވެ. މާރާމާރީއާއި ވައްކަމާއި މަސްތުވާއެއްޗެހި ވިއްކުމާއި މިފަދަ އެތައް ކުށްތަކަކަށް އަރައިގަންނަ މީހުންގެ ކިބައިން މުޖުތަމައު ރައްކާތެރިކުރުމަށް އެމީހުންނަށް އަދަބު ދިނުމަށާއި އެމީހުންނަށް އެކިއެކި ފިޔަވަޅުތައް އެޅުމަށް ގާނޫނުތައް ހަދަނީ އެވެ. އެކަމާ އަޅުގަނޑު ހައިރާނެއް ނުވެ އެވެ.

ހައިރާންވެގެން މިއުޅެނީ މިފަދަ ފިޔަވަޅުތައް އަޅަންތިބި މީހުން އެބައިމީހުންގެ ނަފުސު ވިއްކާލުން، ހައްލުނުކުރެވޭވަރުގެ ގައުމީ ބޮޑު މައްސަލައަކަށްވެ، އެކަމާ ގުޅިގެން ބޮޑެތި ބަހުސްތައްކޮށް ގާނޫނުތައް ހަދަންޖެހޭ ހިސާބަށް އަޅުގަނޑުމެންގެ ކަންތައް ގޮސްފައިވާތީ އެވެ. ރައްޔިތުންގެ މަޖިލީހޭ އަޅުގަނޑުމެން ކިޔާފައި އެތަނަށް މިހޮވަނީ މިގައުމުގެ އެންމެހާ ކަމެއް ރަނގަޅުކުރުމަށް އެތަނަށް ހޮވާ ބަޔެއްކަމަށްވާތީ އެވެ. އަދި އެބަޔަކު ތިބެނީ މާތް ﷲ ގަންދީ ނުހަނު ވަރުގަދައަށް ހުވާކޮށްގެންކަމަށްވެސްވާތީ އެވެ.

އަޅުގަނޑު ހަނދާނަށް އަންނަނީ، ހަށިވިއްކާ ތަނެއްގައި އުޅުނު ދެ މީހަކު އެކަކުގެ މައްޗަށް އަނެކަކު، ކޯޓުގައި ކުރި ދައުވާއެއްގެ ހާދިސާ އެވެ. ލާރިއަށް ހަށިވިއްކާ އުޅުނު އަހުލާގެއް ނެތް މިދެމީހުން ކުރެ އެކަކު އަނެކެއްގެ މައްޗަށް ދައުވާކުރީ، ދަރަންޏެއްގެ ގޮތުގައި ނަގާފައިވާ ފައިސާ އަނބުރާ ހޯދުމަށެވެ. ދައުވާކުރުމާއެކު ދައުވާ ރައްދުވި މީހާއަށް ޖަވާބުދިނުމަށް ފަނޑިޔާރު ފުރުސަތުދެއްވައިފި އެވެ. އެޔާއެކު އެމީހާ ބުންޏެވެ. އޭނާގެ އަތުން އަހަރެން ދަރަންޏެއް ނެގީމެވެ. އެކަމަކު މިހާރު އެ ދަރަނި އަހަރެން އަދާކޮށްފީމެވެ. ފަނޑިޔާރު ދެވަނަ ފުރުސަތެއް ދައުވާކުރި ފަރާތަށް ދީފައި ބުންޏެވެ. އަނބުރާ ނުލިބޭ ކަމަށް ބުނާނަމަ، ކުރިމަތީގައި ތިޔަ އޮތް ޚަތިމުގައި އަތްލާފައި އެކަމުގެ މައްޗަށް ހުވާކުރާށެވެ. އެހިނދު ހިނގައިދިޔައީ އާދަޔާ ހިލާފު އަހުލާގީ ފިލާވަޅެކެވެ. އެ އަންހެން މީހާ ބުންޏެވެ. އަހަރެން ކޯޓަށް އައީ ތާހިރުކަމެއް ވެސް ނެތި އެވެ. މާތް ﷲ ގެ ކީރިތި ވަންތަ ފޮތުގައި މިހެން ހުރެގެން އަތްލައި، އެކަލާނގެ ނަންފުޅުގައި ވާހަކަ ދައްކާކަށް އަހަރެންނަކަށް ނުކެރޭނެ އެވެ. އަދި އެޔަށްފަހު ގަދައަޑުން ރޯންފެށި އެވެ.

އެހިނދު ދައުވާ ރައްދުވީ މީހާއަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންވީއިރު އެފައިސާ އަނބުރާ ރައްދުކުރިކަމަށް ތިބާ ހުވާކުރާށެވެ. އެމީހާ ޖަވާބުގައި ބުންޏެވެ. ހުވައެއް ކުރާކަށް ނުކެރޭނެއެވެ. ﷲ ގެ ނަންފުޅުގައި ދޮގު ހުވާކުރާކަށް އަހަރެންނަކަށްވާ ލާހިކެއް ނޫނެވެ. އަހަރެން އެ އަނބުރާ ރައްދުނުކުރާކަމަށް އިއުތިރާފުވަމެވެ. މާދަމާ އެފައިސާ އޭނާއަށް އަނބުރާ އަދާކޮށްދޭނަމެވެ.

އެކި އެކި އިންތިހާބުތަކަށް ކުރިމަތިލައި އުޅޭ މީހުން، އަލްބަޤަރާ ސޫރަތުގެ 225 ވަނަ އާޔަތް ކިޔަވާނެ ނަމަ ކޮންފަދަހެއްޔެވެ؟ "...އެހެނެއްކަމަކު ތިޔަބައިމީހުން ހިތުގެ ގަސްދާއެކު ކުރާ ހުވަޔަށް (އެ ހުވަޔާ ހިލާފުވެއްޖެނަމަ) އެކަލާނގެ ތިޔަބައިމީހުންނަށް އުގޫބާތް ދެއްވާނެއެވެ..." އަންފާލް ސޫރަތުގެ 27 ވަނަ އާޔަތްވެސްމެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اﷲ އަށާއި، ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!" އަލްމާއިދާ ސޫރަތުގެ 1 ވަނަ އާޔަތްވެސްމެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، އަހުދުތަކަށް ވަފާތެރިވާށެވެ!" އަލްއިސްރާއު ސޫރަތުގެ 36 ވަނަ އާޔެތެވެ. "...ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެކަންކަމާމެދު (ޤިޔާމަތް ދުވަހުން މާތް ﷲ) ސުވާލު ކުރައްވާނެ ކަންކަންކަމުގައިވި އެވެ."

މިރަމްޟާން މަހު މި ކޮންމެ އާޔަތަކީ އޭގެ މާނައާއެކު ގިނަ މީހުން އަޑުއަހާ އުޅޭނެ އާޔަތްތަކެވެ. ވަރަށް ގިނަ މީހުން އަދިވެސް ރަމްޟާން މަހުގައި ޤުރުއާން ހަތިމެއް ކުރެވޭތޯވެސް ގަދައަޅާ މަސައްކަތްކުރާ މަންޒަރު ފެންނަމުންދަނީ މަދެއްކޮށެއް ނޫނެވެ. އަޅުގަނޑު ހިތުން އިންތިހާބުތަކުގައި ވާދަކޮށް މިއުޅޭ ގިނަ މީހުންވެސް ކީރިތި ޤުރުއާނާ އެހާ ދުރެއް ނުވާނެ އެވެ. އަދި އަމުދުން ކޮންމެ މީހަކީވެސް އެމީހެއްގެ ދަރީން ތިބި ނަމަ އެ ދަރީންނަށް ޤުރުއާން އުގަންނައިދެވޭތޯ ގަދައަޅާ މަސައްކަތްކުރާ ބަޔަކުކަމުގައި ދިވެހިން ހަމަ ގައިމު ދުނިޔޭންވެސް ފާހަގަކޮށްލެވޭނެ އެވެ.

މިއަދަކީ މިއަހަރުގެ ރަމްޟާން މަހުގައި އަންނާނެ އެންމެ ފަހު ހުކުރު ދުވަހެވެ. މި މާތް މައްސަރުގެ ބަރަކާތާއެކު ދިހަވަރަކަށް ދުވަސް ފަހުން އަހަރެމެން މި ކުރިމަތިލަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެވެ. މަށަށް ވޯޓުދޭށޭ ކިޔާފައި ލާރި ބަހަމުން އަންނަ މީހާ މި ރަމްޟާންމަހު ކޮށް އުޅުނީ ކޮން ކަމެއްތޯ އަޅުގަނޑުމެން ހިތަށް އަރުވަންވާނެއެވެ. ހަމައެހެންމެ އެ ލާރީގައި ހިފައިގެން ގޮސް ވަކި އަތަކަށް ވޯޓުދޭއިރު މިކުރަނީ ކީއްތޯ އަމިއްލަ ނަފުސާ ސުވާލުކުރާއިރު، ރޯދަ މަހެއް ނިމިގެންދިޔައީ އިހަށް ދުވަހުގައިކަން ހަނދާނުގައި ބަހައްޓަންވާނެ އެވެ.

ހަމައެކަނި ރިޝްވަތެއް ނޫނެވެ. ޕާޓީ މީހާއާއި ރަށު މީހާއާއި ތިމާގެ މީހާ މިކަމުގައި ނުބަލާށެވެ. މާތް ނަބިއްޔާގެ ޙދީޘް ބަސްފުޅަށް ބައްލަވާށެވެ. "ކަންކަމުގެ އަހުލުވެރިކަން ނެތް މީހުންނާ ކަންކަން ހަވާލުކުރެވިއްޖެނަމަ، ދެން ޤިޔާމަތަށް އިންތިޒާރުކުރާށެވެ!" އާދޭހެވެ! ބޮޑެތި މަސްއޫލިއްޔަތުތައް އެކަންކަން އަދާކުރަން ނޭނގޭ މީހުންނާ ހަވާލުކުރީމާ، އެހާރުން ރަނގަޅުވާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެއެވެ. ދެން އޮންނާނީ ޤިޔާމަތަށް އިންތިޒާރުކުރުން ނޫންތޯ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox