ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުތައް: 1932 ވަނަ އަހަރު އޮތްގޮތް މާ ރަނގަޅު!؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުތައް: 1932 ވަނަ އަހަރު އޮތްގޮތް މާ ރަނގަޅު!؟

ދިވެހިން ފުރަތަމަ ފަހަރަށް ގާނޫނުއަސާސީއެއް ލިބިގަތްއިރު، އުނގެނުމާއި، އުނގަންނައި ދިނުމަށް އެ ގާނޫނުއަސާސީގައި ދީފައިވަނީ ހާއްސަ ސަމާލުކަމެކެވެ. ދުނިޔެވީ ހިލްމުތަކުގައި އޭރުވެސް ހޭލުންތެރި، އެހެން ނަމަވެސް ހާލަތު ނިޔާކުރި ގޮތުން ރަސްމީ ތައުލީމު ލިބިފައި ނެތް މީހުން ގިނަ މި ރާއްޖެއަށް އޭރު ތައުލީމަކީ ހުރުމަތްތެރި އެއްޗެކެވެ. ގާނޫނުއަސާސީއެއް އޮތުމުގެ މުހިންމުކަމާއި ބޭނުންތެރިކަން ދެނެގަތް ތައުލީމުޔާފުތާއިންވެސް ގާނޫނުއަސާސީގެ މާއްދާތަކުގައި މި ހަގީގަތް ބޭއްވީ އެންމެ އުހުގަ އެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ 14 ވަނަ މާއްދާގައި އޮންނަނީ "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ގުރުއާން ކިޔެވުމާއި، އަރަބި އަކުރާއި، ތާނަ އަކުރު ލިޔާން ކިޔާން ދަސްކުޅައުމަކީ މި ގާނޫނުއަސާސީން ލާޒިމުކުރާ ކަމެކެވެ." މިހެންނެވެ. ރަސްކަލެއް ކަމަށް އިސްކުރެވޭ ބޭފުޅެއްގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމީ ޝަރުތަކަށް އޮންނަނީ "ދިވެހި ބަސް ލިޔުއްވާން ކިޔުއްވާން ދެނެވަޑައިގަތުން" އެކަންޏެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޝަރުތުތައް، އެ ގާނޫނުއަސާސީން އުފެއްދި ހުރިހާ މަގާމުތަކުގެ ޝަރުތުތަކަށްވުރެ ހުރިހާ ގޮތަކުންވެސް ހަރުކަށްޓެވެ. ފުރަތަމަ ގާނޫނު އަސާސީގެ ދަށުން ދައުލަތް ހިންގަނީ ތިން މަޖިލީހަކުންނެވެ. އެއީ ގާނޫނު ހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހެވެ. މީގެ ތެރެއިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޝަރުތުތައް ބަޔާންކުރެވިފައި އޮންނަނީ އެ ގާނޫނުއަސާސީގެ 72 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ކަނޑައަޅާފައި ޝަރުތުތަކަކީ؛

  1. އިސްލާމަކު ކަމުގައިވުން.
  2. ސުންނީއަކު ކަމުގައިވުން.
  3. އުމުރުން ފަންސަވީސް އަހަރު ފުރިފައިވުން.
  4. މިނިވަނަކު ކަމުގައިވުން.
  5. ދިވެހިރައްޔިތަކު ކަމުގައިވުން.
  6. ބުއްދި ހަމައަށް ހުރި މީހެއް ކަމުގައިވުން.
  7. ޝަރުއީ ހައްދެއްގައި ބެދި ސާބިތުވެފައި އެ ޝަރީއަތް ނުނިމި ހުރި މީހެއްކަމުގައި ނުވުން.
  8. މީސްތަކުންގެ މެދުގައި ބަދުނާމުވެ، އަބުރު ނެތް މީހަކު ކަމުގައި ނުވުން.
  9. އަމާނާތްތެރިޔަކު ކަމުގައިވުން.
  10. ތާނައާއި އަރަބި ލިޔާންކިޔާން ދަންނަ މީހަކު ކަމުގައިވުން.
  11. ހިސާބު ދަންނަ މީހަކު ކަމުގައިވުން.
  12. ދިވެހި ދައުލަތަށް ހިޔާނާތްތެރިވެއްޖެ ކަމަށް ސާބިތުވެގެން އެކަމުގެ އަދަބުގައި ހުރި މީހެއްކަމުގައި ނުވުން.
  13. އެ މެންބަރަކު އެތަނެއްގެ ނަމުގައި އިންތިހާބުވާ ތަނެއްގެ ހަބަރު ރަނގަޅަށް ދަންނަ މީހެއްކަމުގައިވުން.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، އެ ބަޔަކަށް ރައްޔިތުން ގަދަރުކުރާ ބަޔަކަށް ވާންޖެހޭނެ އެވެ. ރައްޔިތުން ކުރާން ޖެހޭ ކަންކަމާއި ކޮށްގެން ނުވާނޭ ކަންކަމަކީ ކޮބައިކަން ބުނެދެނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރެވޭ މަންދޫބުން ފާސްކުރާ ގާނޫނުތަކުންނެވެ. އެހެންކަމަށްވާއިރު، އެ ގޮތް ބުނެދޭން ތިބޭ ބަޔަކީ ރައްޔިތުންގެ މެދުގައި ބަސްވިކޭ ބަޔަކަށް ވާންޖެހެ އެވެ. އެމީހުންނަށް އެމީހުންގެ މަސައްކަތް އެނގޭކަން ރައްޔިތުންނަށް ގަބޫލުކުރެވެންޖެހެ އެވެ. ފުރަތަމަ ގާނޫނުއަސާސީގައި އެއޮތީ އެކަންކަމަށް ބާރުއަޅާފަ އެވެ.

ވަރަށް އުމުރުކުރު އެ ގާނޫނުއަސާސީއަށްފަހު ދެން އެކުލަވާލެވުނު ގާނޫނުއަސާސީތަކުގައިވެސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޝަރުތުތައް ލުއިކޮށްފައެއް ނުވެ އެވެ. 1934 ވަނަ އަހަރުގެ ގާނޫނުއަސާސީގައި އޮތީ އިތުރު ޝަރުތެއް ހިމަނާފަ އެވެ. އެއީ "ވާހަކަ ދެއްކޭ ކަހަލަ ވިސްނޭ ފިރިހެނަކު ކަމުގައިވުމުގެ" ޝަރުތެވެ.

ޖުލައި 10، 1967 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހަތަރު ވަނަ ގާނޫނުއަސާސީއަށް ދެވަނަ އިސްލާހު ގެނެވުނުއިރު ގެނެވިފައި އޮތީ ބޮޑު ބަދަލެކެވެ. އޭގެ ކުރީގެ ގާނޫނުއަސާސީތަކުގައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަކީ ތާނަ އަކުރާއި، އަރަބި އަކުރު ލިޔާންކިޔާން ދަންނަ ބައެއްކަމުގައި ވާންވާނޭކަމަށް އޮތް ނަމަވެސް މި ގާނޫނުއަސާސީގައި އެ ޝަރުތު ހިމަނާފައެއް ނުވެ އެވެ. އެހެންނަމަވެސް، އަސާސީ ހައްގުތަކާއި ޒިންމާތަކުގެ ބާބުގައި، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި އޮންނަ ގޮތުން، ތާނަ އަކުރާއި، އަރަބި އަކުރު ލިޔާންކިޔާން ދަސްކުޅައުން ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމެވެ. އެ އިލްޒާމީ ޝަރުތު ފުރިހަމަކޮށްފައި ހުރި މީހާ ނޫން މީހަކަށް ގާނޫނު ހަދާ މަޖިލީހަށް ނުވަދެވޭ ގޮތަށް އޮތް ޝަރުތު އޮތީ އުވާލާފަ އެވެ.

އޭގެ ފަހުން އަނެއްކާވެސް، އޭޕްރިލް 21، 1975 ގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ފަސް ވަނަ ގާނޫނުއަސާސީއަށް ފުރަތަމަ އިސްލާހު ގެނެވުނުއިރު އެ ގާނޫނު އަސާސީގެ 63 ވަނަ މާއްދާގެ (ބ) ގައި އެއްކަލަ ޝަރުތު ހިމަނައިފި އެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރެވޭ ކޮންމެ މެންބަރަކީ އަރަބި އަކުރާއި ތާނައަކުރު ލިޔާންކިޔާން ދަންނަ މީހަކު ކަމުގައި ވާންޖެހެ އެވެ.

ދެން އައީ 1997 ވަނަ އަހަރުގެ ޒަމާނީ ގާނޫނުއަސާސީ އެވެ. ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކޮށްގެން 17 އަހަރުގެ ބުރަ މަސައްކަތުން ހަދައި ނިންމާލި ގާނޫނުއަސާސީގައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ ތައުލީމު ހުރުމުގެ ޝަރުތު އުވާލާފަ އެވެ. ތައުލީމީ ނުވަތަ ގާބިލުކަން ވަޒަންކުރުމުގެ ޝަރުތެއް އަމުދުން ނެތީ އެވެ. އެ ގާނޫނު އަސާސީގެ ކުރިން، ދިވެހި ކޮންމެ ރައްޔިތެއްގެ ލާޒިމުކޮށްފައި އޮތް، އަރަބި އަކުރާއި ތާނަ އަކުރު ލިޔާންކިޔާން ދަސްކުޅައުމުގެ މަސްއޫލިއްޔަތު ބަދަލުވީ ހައްގަކަށެވެ. އެމީހަކު ބޭނުންނަމަ ކިޔަވާންވީ އެވެ. އެ ނޫންނަމަ ނުކިޔަވައި ތަންދޮރު ނުދަނެ، 'ނައްކަވާރު ހެދިގެން' އުޅޭން ބޭނުންމީހާ އެގޮތަށް އުޅޭންވީ އެވެ.

އެ ގާނޫނުއަސާސީއަށް ހައެއްކަ އަހަރު ވީއިރު، އެނގުނީ އެ ގާނޫނުއަސާސީ ހެދުމަށް 17 އަހަރު ކުރި މަސައްކަތުން ގައުމަށް ލިބުނު ހެވެއް ނެތް ކަމެވެ. ދެން ގައުމަށް ހެޔޮއެދޭހައި ބަޔަކު ނުކުމެ ގަދަބަދަވިކަމުން އައު ގާނޫނުއަސާސީއެއް ހޯދައިގެންފި އެވެ. ނުލާހިކު އިލްމީ ބޭފުޅުން ތިއްބެވި މަޖިލީހުން ފާސްކުޅަ އެ ގާނޫނުއަސާސީގައި އޮތްގޮތުން، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މިހާއަކީ ދިވެހި ރައްޔިތެއްގެ ގޮތުގައި ހުރި، ނޭވާ އިންސާނަކަށްވުމުން ފުދެ އެވެ. އުޑެއްބުޑެއް ނުދަތަސް ހެވެވެ. އެ ބޭފުޅުންގެ އިލްމުން ކުރެއްވި ޖަދަލަކީ، އިލްމު ލިބިފައިވާ މީހާއަކީ އެންމެ އިހުލާސްތެރި މީހާއަށް ނުވެދާނެ ކަމެވެ. އެހެންކަމުން، ވޯޓު ދޭ މީހުންނަށް ޗޮއިޒްއެއް އޮންނާނީ، ތައުލިމުޔާފުތާއިންނަށް އޮންނާނޭ ފުރުސަތު އުޑިކިބަ ނުފިލާ މީހާއަށްވެސް އޮވެގެން ކަމެވެ.

ފުރަތަމަ ގާނޫނުއަސާސީއެއް ހަދައި ޝަރުތުތައް ކަނޑައެޅިއިރު، ގާނޫނު ހަދާމީހާއަކީ އަބުރުވެރިޔަކު ކަމަށް ވުން އޮތީ ލާޒިމުވެފަ އެވެ. އަރަބި، ތާނަ ދަތުން އޮތީ ލާޒިމުވެފަ އެވެ. ދާއިރާގެ ރައްޔިތުންނާ ގުޅުން ބޭއްވުން ލާޒިމެވެ. އެ ގާނޫނުއަސާސީތަކުން ލާޒިމުކޮށްގެން އުނގެނުނު ތައުލީމުން ދަސްވީ ކަމެއްކަމަށް މިހާރު ފެންނަނީ ތައުލީމާއި، އަބުރުވެރިކަމުގެ މުހިންމު ކަމެއް ނެތް ކަމާއި، ބޭނުން ކުޑަކަމެވެ. ރަހުމަތަކީ، ގާނޫނުއަސާސީ މިހެން އޮތަސް، ގޮތް ނިންމުމުގެ ބާރު އަޅުގަނޑުމެން އަތުގައި އޮތް ކަމެވެ. އަޅުގަނޑުމެން ދޭ ވޯޓަކީ ގައުމަށް ހެޔޮގޮތް އެދިގެން ދޭ ވޯޓަކަށް ހަދައިފިނަމަ އަޅުގަނޑުމެންނަށް ލިބޭނީ ފުރަތަމަ ގާނޫނުއަސާސީން ތަސައްވުރު ކުރިކަހަލަ އިލްމުވެރި އަބުރުވެރި މަޖިލީހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox