ކ. ކާށިދޫގައި އެހެލާފައި ހުރި ތިން ދޯންޏެއްގައި އަލިފާން ރޯވެ، އަނދާ ހުލިވެއްޖެ އެވެ.
ކާށިދޫ ކައުންސިލުގެ ރައީސް މުހައްމަދު އާމިރު "އަދަދު" އަށް ވިދާޅުވީ، ބޭނުން ނުކޮށް ގިނަ ދުވަސްވަންދެން އެހެލާފައި އޮތް ތިން ދޯންޏެއްގައި ރޯވީ މިރޭ 12:30 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން މިހާތަނަށް އެނގިފައި ނުވާ ކަމަށާއި، ބެލެވޭ ގޮތުގައި މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް މުހައްމަދު އާމިރު ވިދާޅުވި އެވެ.
"ކައުންސިލާ މި ދައުރު ހަވާލުވިއިރުވެސް އެ ދޯނިތައް ހުރީ އެހެލާފައި. އޭގެ ތެރޭގައި ހިމެނެނީ ބޮޑު ދެ ދޯންޏާއި އެއް ކުޑަ ދޯނި. އިންޖީނެއްވެސް އެއްޗެއް ނެތް މި ދޯނިތަކުގައި ރޯވާން ދިމާވި ސަބަބެއް ނޭގޭ. ނަމަވެސް ބެލެވޭ ގޮތުގައި މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް," މުހައްމަދު އާމިރު ވިދާޅުވި އެވެ.
މުހައްމަދު އާމިރު ވިދާޅުވީ އަލިފާން މާ ބޮޑަށް ރޯވެފައި އޮތުމުން އެ ސަރަހައްދާ ގާތް ނުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައި ކަމަށާއި، އަލިފާން ނިއްވުމަށް މާލެއިން މިހާރު އެމްއެންޑިއެފްގެ ޓީމެއް ވަނީ ފުރާފައި ކަމަށެވެ.

އަލިފާނުގެ މި ހާދިސާއާ ގުޅިގެން ރަށުގެ ގިނަ ރައްޔިތުން ހާދިސާ ހިނގި ސަރަހައްދަށް ޖަމާވެފައިވާއިރު، ރަށު ތެރެއަށް ދުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.












