މީގެ 10 އަހަރު ކުރިން ރިޔާސީ އިންތިހާބަކަށް އޮފިޝަލުން ތަމްރީން ކުރުމަށް ބޭއްވި ވޯކްޝޮޕެކެވެ. ވަރަށް ކައިރިން އިސްމާއީލް ހަބީބުގެ މަސައްކަތް ފުރަތަމަ ފަހަރު ފެނުނީ އެ ދުވަހެވެ. އޭރު ކޮމިޝަނުގެ މެންބަރަކަށް ހުންނެވި ހަބީބު އުޅުއްވީ، މުވައްޒަފެއް ފަދައިން އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތުގަ އެވެ. އެންމެންނާ ވެސް ގުޅޭ، އެކުވެރި މިޒާޖެއްގައި މީހުންނަށް އުނގަންނައިދިނުމަށެވެ.
މިދިޔަ 21 އަހަރު، އިލެކްޝަންސް ކޮމިޝަނުގައި ވަޒީފާ އަދާ ކުރެއްވި ހަބީބަކީ، ހަގީގަތުގައި ތައުލީމީ ހިދުމަތުގެ ބޭފުޅެކެވެ. 1995، ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ ރިސޯސް ޓީޗަރަކުން ފެށިގެން އޭނާގެ ވަޒީފާގެ ހަޔާތުގައި ކުރިއަށް ވަޑައިގެން އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އެވެ.
ދެން އިލެކްޝަންސް ކޮމިޝަނުގެ ބައެއް އިދާރީ މަސައްކަތަށް، އޭރު އެޑިއުކޭޝަނުގައި ހުންނެވި ވަޒީފާއިން ވީއްލިގެން، ވަގުތު ދެއްވަން ފެއްޓެވީ އެވެ. ހަބީބް ވިދާޅުވާ ގޮތުން، ޑިމޮކްރެޓިކް ފަލްސަފާ ދިރުވަން ވެސް ބޭނުންވާ ބޭފުޅެއްގެ ހައިސިއްޔަތުން، ކޮމިޝަން ވެގެން އައީ ހިތާ ވަރަށް ގާތް ތަނަކަށެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު ޝައުގެއް މި ހުރީ އުނގަންނައިދިނުމާއި ހޭލުންތެރިކަން އިތުރު ކުރުމާއި، އޭގެ ޕްރޮގްރާމްތައް ހިންގުމަށް. އިލެކްޝަންސް ކޮމިޝަނަށް އައިސް ވެސް ހަމަ އެ މަސައްކަތް ކުރަން ޖެހުނީ. އެކަމަކު އެއީ ވަރަށް ބޮޑު އިއްތިފާގެއް،" ހަބީބް ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ނިޒާމެއްގައި ރާއްޖެ 16 ވަރަކަށް އަހަރު ހޭދަކުރިއިރު އިންތިހާބީ ނިޒާމަކީ ރައްޔިތުންގެ އިތުބާރު އޮތް ނިޒާމަކަށް ހެދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. މި މަސައްކަތުގެ އެއް ހިއްސާދާރަކީ ވެސް ހަބީބެވެ.
މިނިވަން މުއައްސަސާގެ މެންބަރު ކަމަކީ ދައުރަކަށް ފަހު ބަދަލުވާ ތަނެއްގެ ގޮތުގައި ފެނިގެން ދިޔަސް، އިލެކްޝަންސް ކޮމިޝަނުގައި ހަބީބް ދެމިހުންނެވުނު އެއް ސަބަބަކީ، އޭނާ ވިދާޅުވާ ގޮތުން، އަހުލާގެއް ބެހެއްޓުމުންނެވެ. ކޮންމެ ސިޔާސީ ފިކުރަކަށް ވެސް އިހުތިރާމު ކުރުންނެވެ.
ނަމަވެސް ގައުމީ ހިދުމަތުގެ ޖުމުލަ 38 އަހަރު ފަހުން ހަބީބް އެ ނުކުމެވަޑައިގަތީ "ހުސް އަތާ" އެވެ. އޭނާއަށް ލިބިވަޑައިގެންނެވި ހަމައެކަނި މުދަލަކީ އިލްމީ ގޮތުން ފިކުރަށް ލިބުނު ކުރިއެރުމާއި ކޮންމެ މަހަކު އޭނާއަށް ދައުލަތުން ދިން އުޖޫރަ އެކަންޏެވެ.
އެހެންވިޔަސް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގެން، "އަދަދު" ނޫހަށް އޭނާ ދެއްވި ހާއްސަ އިންޓަވިއުގައި ހޯއްދެވުނު ކުރިއެރުންތަކުގެ ވާހަކަ ދެއްކެވި އެވެ. އަދި މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ކޮންމެ ވެސް ސަބަބަކާ ހުރެ "އަތުން ދޫވި" ކަންކަން ވިދާޅުވުމުގެ ހިތްވަރު ވެސް ހުންނެވި އެވެ.

އަދަދު: ކޮމިޝަނަށް ނުކުންނެވި ފުރަތަމަ ދުވަސް އަދި ދުވަސްވަރުގެ ތަޖުރިބާއަކީ ކޮބައި؟
ހަބީބް: އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ގުޅުނީ 2003، ގައި. އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވަޒީފާއަށް ނުކުތީ އޮގަސްޓް 15، 2007، ގައި. އެއީ ނިޒާމީ ވޯޓާ ގުޅިގެން.
އޭގެ ކުރިން ނުރަސްމީ ތައުލީމު ދޭ މަރުކަޒުގަ މަސައްކަތް ކުރި އިރު ވީއްލައިގެން ގެންދަނީ. އިލެކްޝަނުގެ މަސައްކަތާ ގުޅުމަށް ފަހު، ކޮމިޝަނުގެ ޖަލްސާތަކުގެ ޔައުމިއްޔާ ބަލަހައްޓަން ޖެހުނީ. އަޅުގަނޑަކީ ޓީޗަރެއް ވީމަ، ޕަބްލިކް އެވެއާނެޒް ކަންތަކާ އުޅުނީ.
އޭރު ކޮމިޝަނަރެއް ހުންނަވާނީ. އޮނަރަބަލް އިބްރާހިމް ރަޝާދު. މިނިވަން މުސްތަގިއްލު ކޮމިޝަނެއް ނޫން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، މިހާރެކޭ އެއް ގޮތަށް، އެންމެ ކޮމިޝަނަރަކު ހުންނެވިއަސް، މިހާރެކޭ އެއް ގޮތަށް ކޮމިޝަން ވަރުގަދަ ކުރުން ވިސްނުމަކަށް އޮތީ. ވޯޓު އޮޅުވާލައި މަކަރު ހެދުމެއް ނޫން.
އޮނަރަބަލް އިބްރާހިމް ރަޝާދު ގެންދެވީ ދުނިޔޭގެ އެކި ގައުމުތަކުގައި އޮތް އިންތިހާބީ ނިޒާމު ދިރާސާކޮށް، ބައެއް ގައުމުތަކަށް ޒިޔާރަތް ވެސް ކޮށް، އެ އެއްޗެހި ދިވެހި ބަހަށް ތަރުޖަމާކޮށް، ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ބަދަލު ކުރައްވަން ފެއްޓެވި މަންޒަރު އަޅުގަނޑަށް ފެނުނީ. އަޅުގަނޑު ވެސް އުޅުނިން.
އަދަދު: މިއަދު އީސީ ގެނެސްދެވިފައިވާ ހިސާބާ މެދު ދެކޭ ގޮތަކީ ކޮބާ؟
ހަބީބް: މިހާރު ދުނިޔޭގެ ނިސްބަތުން، ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަކީ ވިދައިލެވޭ ތަނަކަށް ވާނެ. އެ ތަނުގެ މަސައްކަތްތަކަކީ ހަމަ، ވަރަށް ފަހުރުވެރިކަމާއެކު، ދަންނަވާނަމަ، ދުނިޔޭގެ ހަމަ މިސާލީ ތަނެއްގެ ގޮތުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ގުނޭނެ.
މި ދެންނެވީ ވަރަށް ގިނަ ގައުމުތަކުގެ އިންތިހާބީ ނިޒާމުތައް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން، ސީނިއާ ސްޓާފުން، އަޅުގަނޑު ވެސް ހިމެނޭހެން، އޮބްޒާވް ކުރެވިފައި އެބަ ހުރި، ސްޓަޑީ ޓުއާތަކަށް އަޅުގަނޑުމެންނަށް ދެވިފައި އެބަ ހުރި، އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވެފައި އެބަ ހުރި، މި ކަންކަމުގެ އަލީގައި، އަޅުގަނޑުމެންގެ ނިޒާމުން ބަދަލު ގެންނަން ޖެހޭ ކަންކަން ބަދަލުކޮށް، އެއް ހަމައެއްގައި އެބަ ގުނޭ.

އަދަދު: އީސީގެ ވަޒީފާއަށް ހިތް ޖެހުނީ ކިހިނެއް؟
ހަބީބް: ފެށުނީއްސުރެން އަޅުގަނޑުގެ ވަޒީފާގެ ހަޔާތުގައި، ހިދުމަތުގެ މައިދާނުގައި، ވަރަށް ބޮޑަށް އާންމު ހޭލުންތެރިކަން ދިނުމާއި، ތަމްރީނަކީ، ވަރަށް ބޮޑަށް ކުރެވެމުން އައި ކަންކަން. ތައުލީމީ ދާއިރާއަށް އަޅުގަނޑު ގުޅުނީ ވެސް ޓީޗަރެއް ގޮތުގައި.
އަޅުގަނޑުގެ ވަރަށް ބޮޑު ޝައުގެއް މި ހުރީ އުނގަންނައިދިނުމާއި ހޭލުންތެރިކަން އިތުރު ކުރުމާއި، އޭގެ ޕްރޮގްރާމްތައް ހިންގުމަށް. އިލެކްޝަންސް ކޮމިޝަނަށް އައިސް ވެސް ހަމަ އެ މަސައްކަތް ކުރަން ޖެހުނީ. އެކަމަކު އެއީ ވަރަށް ބޮޑު އިއްތިފާގެއް.
ކޮމިޝަންގެ މެންބަރަކަށް އަޅުގަނޑު އެންމެ ފަހުން ހުރި އިރު ވެސް އަބަދުވެސް އޮފިޝަލުންގެ ޓްރެއިނިން ގެންދާއިރު ވެސް، ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ގެންދާއިރު ވެސް، ވަރަށް ގިނައިން އުޅެވޭ އެއް މެންބަރަކަށް އަޅުގަނޑު ވާނެ، އެއީ އަޅުގަނޑުގެ ޝައުގުވެރިކަން އެ ކަމަށް ހުރީމަ.

އަދަދު: ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭތަ؟
ހަބީބް: ފުރަތަމަ ދުވަހެކޭ އެއް ގޮތަށް ނިމިގެން ދިޔައިރު ވެސް އަޅުގަނޑަށް ކުރެވުނު އިހުސާސަކީ ވަރަށް ރަނގަޅަށް އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ މައްޗަށް ލާޒިމުކޮށްފައިވާ މަސައްކަތާއި މަސްއޫލިއްޔަތުތައް ވަރަށް ރަނގަޅަށް އަދާ ކުރެވިފައޭ މި އޮތީ.
އެންމެ ބޮޑު ހިތްހަމަޖެހުމަކީ 2008، ގައި އަމަލުކުރަން ފެށި އާ ގާނޫނު އަސާސީގައި ވަރަށް ތަފްސީލްކޮށް އިލެކްޝަނުގެ ކަންކަން ކުރަން އޮތް ގޮތް އޮތީމަ، މިހާ ތަފްސީލްކޮށް ދުނިޔޭގެ އެހެން ގައުމެއްގައި އިންތިހާބާ ބެހޭ ކަންކަން ގާނޫނު އަސާސީގައި ލިޔެވިފައެއް ނޯވޭ. އެހެންވީމަ މިއީ ވަރަށް ރަނގަޅު ކަމެއް.
މި ބަދަލު ކުރަން އުނދަގޫ ވާނެ. މިހާ އާންމުކަން ބޮޑު ސިސްޓަމެއް. މި އެހެން ގޮތަކަށް ބަދަލު ކުރަން އުނދަގޫ ވާނެ. އެއީ ދެން ވަރަށް ބޮޑު ހިތްހަމަޖެހުމެއް.
އަދަދު: ވަރަށް ބޭނުންވި، އެކަމަކު ހާސިލްނުވި މަސައްކަތެއް އެބަ އޮތް ތޯ؟
ހަބީބް: އިލެކްޝަންސް ކޮމިޝަނަކީ މިހާރު ވެސް ވަރުގަދަ މުއައްސަސާއެއް. އެ މުއައްސަސާގެ ތެރޭގައި އަޅުގަނޑަށް މަދު ވަނީ އިންސްޓިޓިއުޝަނެއް.
ދުނިޔޭގެ ހުރިހާ އިލެކްޝަންސް ކޮމިޝަނެއްގައި ހުރޭ އެ މީހުންގެ ޕްރޮގްރާމްތައް، އެ މީހުންގެ މަސައްކަތްތައް، ދިރާސާކޮށް، ބަލަހައްޓާނެ ވަކި ބޮޑީއެއް އޮވޭ.
ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގައި ވެސް އޮންނަން ޖެހޭ، ދުނިޔޭގެ އެހެން ތަންތަނުން ތަޖުރިބާކާރުން ވެސް ގެނެސްގެން، އެ މީހުންގެ އެކި ސެމިނާތަކާއި ވޯކްޝޮޕްތަކާއި، އެކި ޖަލްސާތައް، އެކި ފޯރަމްތައް، ބޭއްވޭނެ، އެ ފެންވަރު އެބަ ހުރި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގައި.
ވަރަށް މުހިންމު އަޅުގަނޑުމެންނަށް މި ގާއިމު ކުރެވުނު ޓްރާންސްޕޭރެންޓް ނިޒާމު. މި ނިޒާމު ދުނިޔެއަށް ވިއްކުން. މި ކަން ކުރެވޭނީ މި ބުނާ އިންސްޓިޓިއުޝަން ރަނގަޅަށް ގާއިމުވެ، ރަނގަޅަށް މި ކަން ހިންގައިގެން.
އޭރުން އެ ތަނުގެ ފަރާތުން ރިސާޗުތައް ވެސް ހަދާނީ. އިލެކްޝަނާ ގުޅުން ހުރި، ޑިމޮކްރެސީއާ ގުޅުން ހުރި ރިސާޗުތައް ހަދާނީ. އެ ތަނުން އޮފިޝަލުން ތަމްރީން ކުރާނީ ވެސް. އެއީ އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ތަނެއް. އެ ވާހަކަ ވަރަށް ގަދައަށް ދައްކަން ވެސް ދެއްކިން.

އަދަދު: ހިތާމަ ކުރަން ޖެހޭ ނޫނީ ހިތް ދަތިވާ ކަމެއް އެބަ އޮތް؟
ހަބީބް: ޑިމޮކްރެސީއެއްގައި ވަރަށް ބޮޑު ހަރަކާތެއް ހިންގާ ތަނެއް އިލެކްޝަންސް ކޮމިޝަނަކީ. އެއީ ދުނިޔޭގެ ނިސްބަތުން ވެސް، އަދި ރާއްޖޭގެ ނިސްބަތުން ވެސް އެންމެ ބޮޑު ކަންތައް. އެއީ ދިވެހިރާއްޖޭގެ ވަލިއްޔުއްއަމްރު މި ހޮވަނީ އިލެކްޝަންސް ކޮމިޝަނުން.
އެ މަސައްކަތް ކުރާ ބަޔަކު، އެއީ ޕެންޝަނުން މަހުރޫމު ވެފައި ތިބޭ ބަޔަކަށް ވުމުން، އެއީ ވަރަށް ބޮޑު ޖޯކެއް ނޫންތޯ. ހަގީގަތުގައި މި ކަން އެބަ ޖެހޭ ރަނގަޅު ވާން.
އަޅުގަނޑު މި ކަން ދަންނަވައިފިން، ދައުލަތުގެ ކަމާ ބެހޭ އަށް މުއައްސަސާއެއްގައި. މި ކަން މިހެންނޭ މި އޮތީ. މިއީ އެހާ އިންސާފުވެރިކޮށް ދާ ކަމެއް ނޫނޭ.
އަޅުގަނޑުގެ މުޅި ހަޔާތުގައި، އަޅުގަނޑަށް ތެދުވެރިކަމާ އެކު ދައުލަތަށް މަސައްކަތް ކުރުމުގައި ދެމި މި ހުރީ. އޭގެ ނަތީޖާ އެހާ ފޮންޏެއް ނޫން. ފޮނި ކަމަކަށް ގަބޫލެއް ނުކުރެވޭ.

އަދަދު: ގައުމީ ހިދުމަތުގައި ދެމިހުންނަން ލިބުނު ހިތްވަރަކީ ކޮބައި؟
ހަބީބް: އަޅުގަނޑުގެ އާއިލާގެ ފަރާތުންނާއި އަޅުގަނޑުގެ އެކުވެރިންގެ ފަރާތުން އަބަދުވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭ. ތެދުވެރިކަމާއެކު މަސައްކަތް ކުރުމުގެ މައްޗަށް.
އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިންގެ ގޮތުގައި ތިއްބަވާނެ ތިންހަތަރު ބޭފުޅުން. އަބަދުވެސް އިންތިހާބަކާ ދިމާވީމަ ނަސޭހަތް ދޭ ބަޔަކު ތިއްބަވާ.
އަޅުގަނޑާއެކު އެޑިއުކޭޝަނުގައި މަސައްކަތް ކުރެއްވި ދަމާސް އަބްދުﷲ ސޯލިހު، އަބްދުﷲ މުހައްމަދާއި ހަބީބާ، މި ބޭފުޅުން، ހަމަ ކޮންމެ ދުވަހަކު ވެސް އެ ނަސޭހަތް ދެއްވާނެ. ހިތްވަރު ދެއްވާނެ. އެ ބޭފުޅުންނަކީ އަބަދުވެސް އަޅުގަނޑަށް ހެޔޮ ނަސޭހަތް ދެއްވާ ބޭފުޅުން.
ދެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން، އިންތިހާބެއް ގާތްވާއިރަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވެސް އަޅުގަނޑަށް ނަސޭހަތް ދެއްވާނެ، ހަބީބޭ، ތިއީ ވަރަށް ބޮޑު އަމާނަތަކާއޭ ހަވާލުކުރައްވަނީ. އެ ބޭފުޅާ ކުރިމަތިލިޔަސް ދަންނަވާނެ، ވަރަށް ރަނގަޅަށޭ ތި ކަން ގެންދަން ވާނީ.
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަކީ ވެސް އަޅުގަނޑަށް ނިކަން ނަސޭހަތް ދެއްވާ ބޭފުޅެއް. ވިދާޅުވާނެ، ވަރަށް ބޮޑު އާމަނާތެކޭ. ރަނގަޅަށް ނުކޮށްފިއްޔާ ހަމަ ނަރަކައަށޭ ދާނީ. ދެން ހުސައިން މަނިކު ދޮންމަނިކު، ކުރީގެ މެންބަރެއް، އެ ބޭފުޅާ ވެސް ވަރަށް ރަނގަޅަށް ނަސޭހަތް ދެއްވާނެ.
މި އެކުވެރިން ތިބުން ހިތްވަރަކަށް ވީ. ވިސްނުނީ، ރަނގަޅަށް މަސައްކަތް ކުރާށޭ. ރަނގަޅަށް މަސައްކަތް ކުރާ މީހަކަށް ނެތޭ ގެއްލުމެއް. އަޅުގަނޑު ދެކެނީ، އަޅުގަނޑަށް ހަމަ ސަވާބު ލިބޭ މަސައްކަތެއް ހަމަ ކުރެވުނު ކަަމަށް.












