"ދަތްދޮޅި ދުއްވާލާ" ވާހަކަ ދެއްކި މައްސަލަ އިމްތިޔާޒުތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާނަން: އަސްލަމް

މަޖިލީހުގެ ރައީސް އަސްލަމް ރިޔާސަތު ބަލަހައްޓަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް އަސްލަމް ރިޔާސަތު ބަލަހައްޓަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެމްބަރެއްގެ ގޮތުގައި މިއަދު ވެސް ހުންނެވި ނަމަ މަޖިލިސް މެމްބަރެއްގެ "ދަތްދޮޅި ދުއްވައި ނުލައި" ހުރެވިދާނެތޯ ސުވާލު އުފައްދަވައި ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް ދެއްކެވި ވާހަކައަކީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށާއި އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު ދެއްކެވި ވާހަޖައާ ގުޅޭ ގޮތުން އަސްލަމް "އަދަދު" އަށް ވިދާޅުވީ މަޖިލިސް މެންބަރުންނަށް ތަފާތު އެކި އިންޒާރުތައް އަންނަމުންދާ ދުވަސްވަރެއްގައި ޒިންމާދާރު މަގާމެއްގައި ހުންނަވާ ބޭފުޅަކު މަޖިލިސް ތެރޭގައިވިޔަސް މަޖިލީހުން ބޭރުގައިވިޔަސް އެއްވެސް ބަޔަކަށް އަނިޔާވެރިވާ ގޮތަށް އަމަލު ކުރަން ހިތްވަރުދިނުން އެއީ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ އަވަހަށް އޮންނަ ދުވަހެއްގައި މަޖިލީހުގެ އިމްތިޔާޒްތަކާ ބެހޭ ކޮމެޓީއަށް އެ މައްސަލަ ހުށަހަޅުއްވާނެކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ގަބޫލު ކުރެވޭތީވެ، މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީއަށް އެ މައްސަލަ އަޅުގަނޑު ހުށަހަޅާނަން، ދެން މަޖިލީހުގެ ޖަލްސާއެއް އެންމެ ފުރަތަމަ އޮންނަ ދުވަހެއްގައި އަޅުގަނޑު ފޮނުވާނަން، ދެން އިމްތިޔާޒުތަކާ ބެހޭ ކޮމެޓީން ނިންމާ ގޮތަކަށް އަޅުގަނޑު އަމަލު ކުރާނަން، ތަކުރާރުކޮށް އެބޭފުޅާ އެގޮތަށް ބަސް ވިދާޅުވަމުން ގެންދިޔުމަކީ ކަންބޮޑުވާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

"އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން، އަދި ދައުލަތުގެ އެފަދަ މަގާމެއްގައި ހުރެފައި މާރާމާރީއަށް ހިތްވަރުދެވޭ ގޮތަށް ވާހަކަދެެއްކުމަކީ ވަރަށް ނުރައްކާތެރިކަމެއް،،" އޭނާ ވިދާޅުވި އެވެ.

ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިނު ދަތުރުތަކުގެ ތެރެއިން މ. ދިއްގަރުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށާއި މަޖިލީހުގައި މިއަދު ހުންނެވި ނަމަ މަޖިލިސް މެންބަރެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެތޯ ސުވާލު އުފެދޭ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ހަމަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު އެތަނުގައި މިއަދުވެސް ހުންނަ ނަމަ އެއިން މީހެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެބާއޭ،" މަޖިލީހުގައި ތިއްބެވީ ވަރަށް އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް އިއްޔެ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ވަޒީރުުންނަކީ މަޖިލީހުން ރުހުން ދީފައި ތިބޭ ބައެއް ކަމަށާއި އެ ބާވަތުގެ ވާހަކަތައް ދައްކަވާ ނަމަ ވަޒީރުންގެ އިތުބާރު ނެތްކަމަށް ނިންމުމުގެ ބާރު ވެސް މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

"މަޖިލިސް މެންބަރުންނަށް ރައްދުވާ ގޮތަށް އަދި މަޖިލިސް މެންބަރުކަން ކޮށްފައި ހުރި ބޭފުޅަކު އެގޮތަށް ޕަބްލިކްގައި ވާހަކަދައްކައިގެން ނުވާނެ، އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ވިދާޅުވި ވާހަކައެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ،" އަސްލަމް ވިދާޅުވި އެވެ.

އާދަމް ޝަރީފް މި މޭރުމުން ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި، ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ޝަރީފް ހުންނެވިއިރު، ސިފައިންގެ އެތެރޭގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް މަޖިލިސް މެމްބަރެއްގެ ދަތްދޮޅި ދުއްވާލެވިދާނެ ކަމަށް ވިދާޅުވެ ވާހަކަދެއްކެވި އެވެ. އެ ވާހަކައާ ގުޅިގެން އޭރު ޝަރީފް ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓުނެވެ.

އޭގެފަހުން 2022 ވަނަ އަހަރު ޕީޕީއެމްގެ ކެމްޕޭނު ހަރަކާތެއްގައި ވާހަކަދައްކަވަމުން ވެސް އާދަމް ޝަރީފު ވަނީ މަޖިލިސް މެންބަރުންގެ ދަތްދޮޅި ދުއްވާނުލައި ނުހުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިސް މެންބަރުންގެ "ދަތްދޮޅި ދުއްވާނުލައި" ހުރެވިދާނެތޯ ސުވާލު އުފައްދަވައި އާދަމް ޝަރީފު އިއްޔެ ވާހަކަ ދެއްކެވީ ރައީސް އައްޔަން ކުރެއްވި ބައެއް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމުންނާއި ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ފައިސާ ބަޖެޓުން އުނި ކުރުމާ ގުޅުވަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން، ވަޒީރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިނީ ބަންޑާރަ ނައިބު، އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދުއާއި ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަށެވެ.

ނަމަވެސް ސަރުކާރުން ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން އެންމެ ބޮޑު އިދިކޮޅު ދެ ޕާޓީ، އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެމްޑީޕީން ބުނީ އާދަމް ޝަރީފުގެ އެ ވާހަކަތަކުން ދޭހަވަނީ ސަރުކާރުގެ އަނިޔާވެރި ވިސްނުން ކަމަށެވެ. ޑިމޮކްރެޓްސް އިން ބުނީ މަޖިލީހަކީ ވަކި މީހަކު ބޭނުންވާހައި ގޮތަކަށް ކަން ކުރަން އޮންނަ ތަނެއް ނޫން ކަމަށާއި އާދަމް ޝަރީފުގެ ވާހަކައަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ދެއްކެވި ވާހަކައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox