މެޑްރިޑް (ފެބްރުއަރީ 11) - ސްޕެނިޝް ލީގުގެ އެންމެ ކުރީގައި އޮތް ދެ ޓީމުގެ ކުރިމަތިލުމުގައި ރޭ ރެއާލް މެޑްރިޑުން 4-0 އިން ޖިރޯނާ ބަލިކޮށްފި އެވެ.
މި މޮޅާ އެކު، ރެއާލުން އެއް ވަނައިގައި އޮތީ، 24 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވަނީ 24 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރެއާލަށް ރޭގެ މެޗުގެ ހަ ވަަނަ މިނިޓްގައި ލީޑުނަގައިދިނީ އޭރިއާބޭރުން ޖެހި ބޯޅައަކުން ވިނީޝިއުސް ޖޫނިއާ އެވެ. މިއީ ފެޑޭ ވަލްވޭޑޭ ދިން ބޯޅައަކުން ވިނީޝިއުސް ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، 35 ވަނަ މިނިޓްގައި ވިނީޝިއުސް ދިން ބޯޅައަކުން ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ނުވަ މިނިޓް ތެރޭ، ބެލިންހަމް ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މިއީ މި ސީޒަނުގައި ރެއާލަށް ބަދަލުވި އިނގިރޭސި މިޑްފީލްޑަރު، ބެލިންހަމް، އެ ޓީމަށް ޖަހައިދިން 20 ވަނަ ގޯލެވެ. މި މެޗުގައި ބެލިންހަމްގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ހެދި ވަނީ ބަދަލުކުރަން ޖެހިފަ އެވެ.
ރެއާލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ބުނީ ޗެމްޕިއަންސް ލީގުގެ މެޗަށް ބެލިންހަމް ފިޓްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
މެޗުގައި ރެއާލްގެ ފަހު ލަނޑު ޖެހީ، 61 ވަނަ މިނިޓްގައި ރޮޑްރީގޯ އެވެ. އިތުރު ގޯލެއް ޖަހަން ވެސް ރެއާލަށް ފުރުސަތު ލިބުނެވެ. އެ ގޮތުން، ލިބުނު ޕެނަލްޓީ އަކުން، ހޮސޭލޫ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.












