މެޑްރިޑް (ފެބްރުއަރީ 2) - ހޮސޭލޫ ޖެހި ދެ ގޯލުން 2-0 އިން ގެޓަފޭ ދަނޑުގައި މޮޅުވެ، ރެއާލް މެޑްރިޑް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 22 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޖިރޯނާ އަށް 22 މެޗުން ވަނީ 55 ޕޮއިންޓް ލިބިފަ އެވެ. ތިނެއްގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަަތަރެއްގައި އޮތް ބާސެލޯނާ އަށް ވަނީ 22 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ.
ގެޓަފޭ ދަނޑުގައި ކުޅުނު މެޗުގެ 14 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ލޫކަސް ވަޒްކޭޒް ނެގި ހުރަހަކުން ހޮސޭލޫ ބޮލުން ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ރެއާލުން ލީޑުފުޅާކުރި ގޯލު ހޮސޭލޫ ކާމިޔާބުކުރީ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުންނެވެ.
މި މެޗުގައި ގޯލު ޖަހަން ގެޓަފޭ އިން ވެސް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ބޯހާ މަޔޮރާލް އާއި މޭސަން ގްރީންވުޑް ފޮނުވާލި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެެވެ.
ޖުމްލަކޮށް ބަލާއިރު މި މެޗުގައި، ރެއާލްގެ ޑިފެންޑަރުންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.
ރެއާލުން ދެން ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ރެއާލާ ދެކޮޅަށެވެ. މި ސީޒަނުގައި ރެއާލް ބަލިވި ދެ މެޗަކީ، ވެސް އެތުލެޓިކޯއާ ވާދަކުރި މެޗުތަކެވެ. އެއީ، ލީގާއި ސްޕެނިޝް ކަޕްގެ މެޗުތަކެވެ. ރެއާލުން ވަނީ ސުޕަ ކަޕްގައި އެތުލެޓިކޯ ބަލިކޮށްފަ އެވެ.












