ވެލެންސިއާ އިން އާ ބޯޑެއް ރަޖިސްޓްރީ ކުރުމާ އެކު، ކްލަބްގައި ބައްސާމްގެ ބާރު ގެއްލިއްޖެ

ވެލެންސިއާ އިން އާ ބޯޑެއް ރަޖިސްޓްރީ ކުރުމާ އެކު، ކްލަބްގައި ބައްސާމްގެ ބާރު ގެއްލިއްޖެ

ކްލަބް ވެލެންސިއާ އިން އާ ބޯޑެއް ރަޖިސްޓްރީކޮށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ގުޅުން އޮންނަ މެމްބަރުން މަގާމުން ދުރުކޮށްފި އެވެ.

މި ކަމާ މެދު ހިތްހަމަނުޖެހި، އެ މެމްބަރުން ހިމެނޭ ގޮތަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ދިރިއުޅޭ ގެ ކައިރީގައި ރޭ ވަނީ އެއްވުމެއް ބާއްވައިފަ އެވެ.

އެފްއޭއެމްގެ ރައީސްކަމަށް އަންނަން، މިހާރު އެ މަގާމުގައި ހުރި، ބައްސާމް އަށް މަގުކޮށައިދިން ކްލަބަކީ ވެލެންސިއާ އެވެ. ކުރިން ވެލެންސިއާ އަށް ކުޅުނު ބައްސާމް ވަނީ އެ ކްލަބް ހިންގުމުގައި އެކި މަގާމުތައް ފުރައިފަ އެވެ.

މިދިޔަ 11 ވަރަކަށް އަހަރަށް ބަލާއިރު، ވެލެންސިއާ ހިންގުމުގައި އަންނަ ކޮންމެ ބޯޑެއްގައި ބައްސާމްގެ ބާރު އޮތެވެ. އެ ޓީމަށް ކުޅުންތެރިން ހޯދަން ބައްސާމް ވަނީ މަޝްވަރާތަކުގައި ވެސް ބައިވެރިވެފަ އެވެ.

މިދިޔަ މަހު ވެލެންސިއާގެ ޗެއާމަނަކަށް/ރައީސަކަށް، ކުރީގެ ނޫސްވެރިޔާ، އަބްދުﷲ އަޒުމީން، އިންތިހާބުވިއިރު، އޭނާ މަގާމުން އިސްތިއުފާދިން ކަމަށް، ބައްސާމަށް ތާއީދުކުރާ ވެލެންސިއާގެ ބޯޑު މެމްބަރުން ވަނީ ބުނެފަ އެވެ.

އެކަމަކު، އަޒްމީން ވަނީ އެކަން ދޮގުކޮށްފަ އެެވެ.

ބައްސާމްގެ ކޮއްކޮ، ރަސްލާން އަދީލް ޖަލީލް، ވެލެންސިއާގެ ޗެއާމަން ކަމުން ވަކިވުމުން އެ މަގާމަށް އައި، އަޒްމީނާ މެދު ވެލެންސިއާގެ ބައްސާމަށް ތާއީދުކުރާ ބޯޑު މެމްބަރުން ހިތްހަަމަނުޖެހުނީ، އަޒްމީން، އެފްއޭއެމް އިންތިހާބުގައި ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އަށް ތާއީދުކުރަން ނިންމި ހިސާބުންނެވެ.

އެ ފަހުން، ބައްސާމަށް ތާއީދުކުރާ މެމްބަރުން އަންނަނީ އަޒްމީން މަގާމުން ވަކިވެފައިވާ ކަމަށާއި އޭނާ އަށް މަގާމުގައި ހުންނަން ހައިސިއްޔަތެއް ނެތް ކަމަށް އެކި ފަހަރު މަތިން ބުނަމުންނެވެ.

ވެލެންސިއާގެ ބޯޑުން ވަނީ، އެ ކްލަބްގެ އާސާސީ ގަވާއިދުގެ ތެރެއިން ލިބޭ ބާރުގެ ތެރެއިން، ބައްސާމަށް ތާއީދުކުރާ ތިން މެމްބަރުން ވަކިކޮށް، އާ މެމްބަރުން އައްޔަނުކޮށްފަ އެވެ.

ވެލެންސިއާ ބޯޑުން ވަކިކޮށްފައިވާ މެންބަރުންނަކީ އެ ކްލަބްގް ފައިނޭންސް ޑައިރެކްޓާގެ މަގާމުގައި ހުރި ހުސައިން ވަހީދު (ދޮނާ) އާއި ބޯޑްގެ އެންމު މެންބަރުންގެ ގޮތުގައި ތިބި އަލީ މަމްދޫހް މުހައްމަދު އާއި މިސްބާހް މުހައްމަދު އެވެ.

މި ތިން މެމްބަރުންނަކީ ވެސް ބައްސާމާ އާއިލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ގާތްގުޅުމެއް އޮތް މެމްބަރުންނެވެ.

ވަކިކުރި މެމްބަރުންގެ ބަދަލުގައި އައްޔަންކުރި މެމްބަރުންނަކީ ވެލެންސިއާގެ އެކަޑަމީގެ ކޯޗުކަން ކުރަމުން އަންނަ ކުރީގެ ކުޅުންތެރިޔާ ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި ވެލެންސިއާގެ ޓީމުގެ މެނޭޖަރުކަން ކޮށްފައިވާ އަހްމަދު ޝަރީފް (މާޑޭ) އެވެ.

ވެލެންސިއާގެ މެމްބަރުން ރޭގެ އެއްވުމުގައި ގެންގުޅުނު ޕޯސްޓަރެއް މަގު މަތީގައި: ސްޕޯޓްސް ކޮމިޝަނަރު ތޮލާލް އާއި ބޯޑަށް އައްޔަންކުރި މާޑޭގެ މައްޗަށް، ވެލެންސިއާގެ ބައެއް ފަރާތްތަކުން ތުހުމަތުތަކެއް ކުރޭ.

އެނގިފައިވާ ގޮތުގައި ވެލެންސިއާގެ ބޯޑަށް މި ބަދަލު ގެނެސް، އެ ބޯޑް ވަނީ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީކޮށްފަ އެވެ. އެ ކަން ކޮށްފައި ވަނީ، ބައްސާމަށް ތާއީދުކުރާ މެމްބަރުން، ވެލެންސިއާގެ އާންމު ޖަލްސާއެއް ބާއްވަން، ސްޕޯޓްސް ކޮމިޝަނަރު ތޮލާލް އަށް ދައުވަތު ދިނުމުގެ ކުރިންކަން އެނގިފައިވެ އެވެ.

އެ ޖަލްސާ ބާއްވައި، ވެލެންސިއާ އިން ވަނީ ދެ ވަނަ ފަހަރަށް، ކްލަބްގެ އަޒްމީން މަގާމުން ވަކިކޮށްފައިވާ ކަމަށް ހާމަކޮށްފަ އެވެ.

އެ ޖަލްސާ އަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ހާޒިރެއް ނުވެ އެވެ. ސަބަބަކީ ވެލެންސިއާ އިން އާ ބޯޑެއް ރަޖިސްޓްރީ ކޮށްފައިވާއިރު، އެ އާންމު ޖަލްސާ ބާއްވަނީ ފަހުން އައްޔަންކުރި ބޯޑުގައި ނުހިމެނޭ މެމްބަރުން ކަމަށް ވުމެވެ.

ތޮލާލް، ދިރިއުޅޭ ގެ ކައިރިއަށް ވެލެންސިއާގެ އާންމު މެމްބަރުންތަކެއް ރޭ އެއްވީ، ކްލަބް މެމްބަރުންނަށް ނޭނގި، އޮޅުވާލައިގެން އާ ބޯޑެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ އެވެ. މި އެއްވުމުގައި ވަނީ ތޮލާލްގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ.

މި އެއްވުމުގައި އެއް ހަރަކާތްތެރިއެއްގެ ގޮތުގައި ހުރީ ވެލެންސިއާގެ ބޯޑުން ވަކިކުރި ދޮނާ އެވެ. އޭނާ، އެ ތަނުގައި ހުރެ "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުނީ، މިއީ އޮޅުވާލައިގެން، ވެލެންސިއާގެ އާ ބޯޑެއް ރަޖިސްޓްރީ ކޮށްފައިވާތީ އެކަމާ ދެކޮޅަށް ޝުއޫރުފާޅުކުރަން ވެލެންސިއާގެ މެމްބަރުން ކުރާ ކަމެއް ކަމަށެވެ.

ރޭގެ އެއްވުމުގައި ބައެއް ފަރާތްތަކުން ހުރީ ތޮލާލްގެ އިތުރުން ވެލެންސިއާ ބޯޑަށް އިތުރު ކުރި މާޑޭގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރުތަކެއް ހިފައިގެންނެވެ. އެ ފަރާތްތަކުން ފާޅުކުރި ޝުއޫރަކީ، އޮޅުވާލައިގެން، ވެލެންސިއާގެ އާ ބޯޑު ރަޖިސްޓްރީ ކުރުމުގައި ތޮލާލްއާ އެކު ގަވާއިދާ ހިލާފަށް ކަންކަން ކުރުމުގައި މާޑޭ ބައިވެރިވެފައިވާ ކަމަށެވެ.

ވެލެންސިއާގެ މައްސަލަ ގުޅިފައި އޮތީ އެފްއޭއެމްގެ އިންތިހާބާ

ވެލެންސިއާގެ މައްސަލަ ހޫނުވެފައި މި ވަނީ އެފްއޭއެމް އިންތިހާބާ ދިމާކޮށެވެ.

މި މަހު 31 ވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބުގެ ކަންކަން ފީފާ އާއި އޭއެފްސީން ވަނީ ހުއްޓުވައިފަ އެވެ. އެއީ، އިންތިހާބުގެ ކަންކަން ކުރަން އޮތް އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އެކުލަވާލާފައި އޮތީ ގަވާއިދާ ހިލާފަށް ކަމަށްވާތީ އެވެ.

އިލެކްޓޯރަލް ކޮމިޓީން، ވަނީ ވެލެންސިއާ އިން، އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދީފައި އޮތުމުން ދެ ސިޓީ ވެސް ކެންސަލްކޮށްފަ އެވެ.

ވެލެންސިއާގެ ސިޓީ ކެންސަލްކުރުމުން، ތޯރިގުގެ ކެންޑިޑެސީ އަށް ބޭނުންވާ ފުރަތަމަ ޑިވިޝަނުގެ ތާއީދު (މަދުވެގެން ފުރަތަމަ ޑިވިޝަންގެ ތިން ކްލަބްގެ ތާއީދު) އަދަދު ހަމަނުވާތީ، އިލެކްޓޯރަލް ކޮމިޓީން ނިންމީ ތޯރިގުގެ ކެންޑިޑެސީ ބާތިލް ކަމަށެވެ.

އިލެކްޓޯރަލް ކޮމިޓީގެ މި ނިންމުން އެޕީލް ކުރަން ތޯރިގު ހުށަހެޅިއިރު، އިލެކްޓޯރަލް އެޕީލް ކޮމީޓީއެއް ނެތެވެ. މި މައްސަލަ، މިހެން އޮތުމުން، ތޯރިގު އާއި އެފްއޭއެމް އިން ލަފަޔަކަށް އެދުމުން، ފީފާ/އޭއެފްސީ އިން އަންގާފައިވަނީ، ކުރިން ކުރި އިންތިހާބުގެ ކަންކަން ކެންސަލްކޮށް، އަލުން ކޮމިޓީތައް އެކުލަވާލައިގެން، ކަންކަން ކުރުމަށެވެ.

މިހާރު މި ކަންކަން ދަނީ ސީދާ އޭއެފްސީ އާއި ފީފާ އިން ވެސް ހާއްސަ ސަމާލުކަމެއް ދީގެން ކަން ވަނީ އެނގިފަ އެވެ.

އެފްއޭއެމް އިން އާ އިންތިހާބަކަށް ގޮވާލާފައި މި ވަނީ، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ތަހުގީގަކީ އެފްއޭއެމަށް ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ އަށް ބޭނުންކޮށްފައިވާ މައްސަލައިގެ ކަންކަމެވެ. މި މައްސަލައިގައި ތުހުމަތުކުރަނީ ބައްސާމް އިސްކޮށް ހިމެނޭ ގޮތަށް އޭނާގެ ލީޑަޝިޕް އަށެވެ.

ބައްސާމް، އެފްއޭއެމް ރައީސްގެ މަގާމުގައި ފުރަމުން މި އަންނަ ދެ ވަނަ ދައުރު ހަމަވާން ފަސް މަސް އޮއްވައި، އަވަސް އިންތިހާބަކަށް ގޮވާލާފައިވާތީ، އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ވަނީ އެދިފަ އެވެ. އެކަމަކު، އެ އަށް އެކަށީގެންވާ ޖަވާބުތަކެއް އެފްއޭއެމް އިން ދީފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox