ތޯރިގް އެޕީލްކޮށްފި، ސުވާލަކީ މައްސަލަ ބަލާނެ ފަރާތެއް!

ތޯރިގް އެޕީލްކޮށްފި، ސުވާލަކީ މައްސަލަ ބަލާނެ ފަރާތެއް!

ވެލެންސިއާ އިން ދީފައިވާ ތާއީދު ސިޓީ ކެންސަލް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިލެކްޓޯރަލް ކޮމިޓީން ނިންމުމާ އެކު، އިންތިހާބުގައި ވާދަކުރާ އެއް ކެންޑިޑޭޓް ކަމަށްވާ، އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ކަނޑައެޅި ނިންމުން އެޕީލްކޮށްފައިވާއިރު، އޭނާ މުހިންމު ސުވާލެއް ކުރިމަތިކޮށްފި އެވެ.

މި މަހު 31 ވަނަ ދުވަހު އެފްއޭއެމް އިންތިހާބު ބާއްވަން ތާވަލުކޮށްފައިވާއިރު، ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.

އެ އިންތިހާބުގައި، ކޮންމެ ކްލަބަކަށް ތާއީދު އެއް ސިޓީ ދެވޭ ގޮތަށް، އެފްއޭއެމްގެ ފަހުގެ އަސާސީ ގަވާއިދުގައި އޮތްއިރު، ތޯރިގަށް ވެލެންސިއާގެ ތާއީދު ސިޓީ ދިނީ، އެ ކްލަބްގެ ޗެއާމަން، އަބްދުﷲ އަޒްމީން ސޮއިކޮށް، ބޯޑް މެމްބަރުންގެ ރިޒޮލިއުޝަން އެކެވެ. މުފާ އަތުގައި އޮތް ސިޓީ އަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ބޯޑު މެމްބަރުންގެ ތާއީދު ހިމެނޭ ސިޓީ އެކެވެ.

ވެލެންސިއާގެ މި ދެ ތާއީދު ސިޓީގެ މައްސަލައިގައި، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ މި ކަމުގައި އަމަލުކުރާނެ ގޮތެއް އޮޅުންފިލުވަން ގާނޫނީ ލަފަޔަކަށް އޭއެފްސީ ކިބައިން އެދިފަ އެވެ. އެ ލަފާ ހޯދުމަށް ކަނޑައެޅި މުއްދަތަށް ފަހު، އިލެކްޓޯރަލް ކޮމިޓީގައި ނިންމާފައިވަނީ، ވެލެންސިއާ އިން ދިން ދެ ސިޓީ ވެސް ކެންސަލް ކުރުމަށެވެ އެ ނިންމުމާ އެކު، ތޯރިގު އަތުގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބްގެ ތާއީދެވެ. މުފާ އަތުގައި، ފަސް ކްލަބްގެ ތާއީދު އެބައޮތެވެ. ކޮންމެ ކެންޑިޑޭޭޓަކު އަތުގައި ވެސް މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު އޮންނަން އާސާސީ ގަވާއިދު ލާޒިމް ކުރާއިރު، ތޯރިގު އަތުގައި އެ އަދަދަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތާއީދު ނެތުމުން، އޭނާގެ ކެންޑިޑެސީ ވަނީ ސައްހަ ނޫން ކަމަށް، އިލެކްޓޯރަލް ކޮމިޓީން ނިންމައިފަ އެވެ.

އިލެކްޓޯރަލް ކޮމިޓީން އެޕީލް ކުރުމަން ލިބުނު ފުރުސަތުގެ ބޭނުންހިފައި، ތޯރިގު ވަނީ އެޕީލްކޮށްފަ އެވެ. އަދި އެޕީލާ މެދު ގޮތެއް ނިންމުން އޮތީ، އެޕީލް ހުށަހަޅާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުހުލަތެކެވެ.

އެކަމަކު، މި އެޕީލް މަރުހަލާއާ މެދު، ތޯރިގު ވަނީ މުހިންމު ސުވާލެއް ކުރިމަތިކުރައްވައިފަ އެވެ.

"އެޕީލް ކޮމިޓީ އެއް ނެތީމަ ސުވާލަކަށް ވަނީ ކާކުތޯ (މި ކަން) ބަލަނީ،" ތޯރިގު، މިއަދު، "އަދަދު" އަށް ވިދާޅުވި އެވެ.

އެފްއޭއެމްގެ މީޑިއާ ވަޓްސަޕް ގްރޫޕްގައި، އެޕީލް ކޮމިޓީގެ މައުލޫމާތު ހޯދަން ނޫސްވެރިން ކުރި ސުވާލަށް އަދި އެފްއޭއެމްގެ އޮފިޝަލަކު ޖަވާބެއް ދީފައިނުވެ އެވެ. އެކަމަކު، ރާއްޖޭގެ ނޫހަކުން އެފްއޭއެމްގެ އޮފިޝަލަކާ ހަވާލާދީ މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި، ތޯރިގަށް އެޕީލްކުރުމުގެ ހައްގު ކަށަވަރުކޮށްދޭނެ އެވެ.

އެފްއޭއެމްގެ މިދިޔަ އަހަރުގެ ކޮންގްރެސް (އަހަރީ އާންމު ޖަލްސާ)ގައި ނަގާފައިވަނީ އިލެކްޓޯރަލް ކޮމިޓީއެއް އެކަނިކަން، އެ ޖަލްސާގެ ޔައުމިއްޔާ އިން އެނގިފައިވެ އެވެ. އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑުގައި ބުނާގޮތަށް، ތިން މެމްބަރުންގެ އެޕީލް ކޮމިޓީއެއް، އެ ޖަލްސާގައި އިންތިހާބުކޮށްފައިނުވާއިރު، މިހާރު، އެ ޖަލްސާގެ ޔައުމިއްޔާ ބަދަލުކޮށްގެން، އެޕީލް ކޮމިޓީއެއް އޮތް ކަމަށް ދައްކަން އެފްއޭއެމް އިން މަސައްކަތް ކުރާ ކަމަށް ޓޮމްގެ ޓީމުން ވަނީ ބުނެފަ އެވެ.

ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރަން ނިންމި ގޮތް "ރަނގަޅެއް ނޫން!"

އިލެކްޓޯރަލް ކޮމިޓީގެ މި ނިންމުން ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރުމާ ހަމައަށް އައީ، އޭއެފްސީ ކްލާސް ޕޯޓަލްގައި ހިމަނާފައިވާ ވެލެންސިއާގެ މައުލޫމާތަށް ބަލައިގެންނެވެ. އެ ސިސްޓަމްގައި ހިމަނާފައިވާ މައުލޫމާތަށް ބަލާއިރު، ވެލެންސިއާގެ ރައީސް/ޗެއާމަން އަކީ ރަސްލާން އަދީލް ޖަލީލް އެވެ. އަދި ނައިބު ރައީސް/ވައިސް ޗެއާމަން، އިލްމާއު އަދި ޖެނެރަލް ސެކްރެޓަރީ އަަކީ އަޒްމީން ކަމަށެވެ. މި މައުލޫމާތަށް އަލި އަޅުވާ ގޮތެއް ނިންމާއިރު، މުފާ އާއި ތޯރިގަށް ދީފައިވާ ތާއީދު ސިޓީ އަކީ، ފީފާގެ ގަވާއިދުގެ ދަށުން ބަލައިގަނެވޭނެ ކަމަކަށް ނުވާތީ، ދެ ސިޓީ ވެސް ކެންސަލްކުރުމަށެވެ.

މި މައްސަލައިގައި ވެލެންސިއާގެ ޑިސިޕްލިނަރީ މައްސަލައެއް ކުރިއަށްދާނެ އެވެ. އެފްއޭއެމް އިންތިހާބާ ދިމާކޮށް، ވެެލެންސިއާގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، އެއް ފެކްޝަނުން ވަނީ އަޒްމީން، މިދިޔަ މަހު 26 ގައި މަގާމުން އިސްތިއުފާ ދީފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު، އަޒްމީން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރާ ނިންމުމާ ދިމާކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް، އެފްއޭއެމް އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެ ކޮމިޝަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށެވެ. ވެލެންސިއާ އިން އަޒްމީން މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނާ ބުނުން ގަބޫލުކުރެވެން ނެތް ސަބަބަކީ އެ ކްލަބްގެ އަސާސީ ގަވާއިދުގައި ބުނާ އިޖުރާތްތައް ފުރިހަމަކޮށްފައިނުވާތީ ކަމަށް ތޮލާލްގެ ސިޓީގައި ވަނީ ހިމަނުންވައިފަ އެވެ.

އޭގެ އިތުރުން، ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެ ސިޓީގައި ވަނީ ވެލެންސިއާގެ ތާއީދު ސިޓީ ފަދަ މުހިންމު ލިޔުންތަކުގައި ސޮއިކުރުމުގެ ބާރު އޮތީ ޗެއާމަން އަތުގައި ކަމަށާއި ވައިސް ޗެއާމަންގެ ޒިންމާ އަކީ ކްލަބްގެ ޗެއާމަން އަށް ހިންގުމުގައި އެހީތެރިވެދިނުން ކަމަށެވެ.

ވެލެންސިއާގެ މަގާމުތައް ކަނޑައެޅުމަށް، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ބަލާފައިވަނީ އޭއެފްސީ ކްލާސް ޕޯޓަލް އަށް ކަމަށް ބުނެފައިވެ އެވެ. އެކަމަކު، އެ ޕޯޓަލް އަކީ، ކްލަބެއްގެ މަގާމުތަށް ކަށަވަރުކުރަން ބޭނުންކުރާ ޕޯޓަލެއް ނޫން ކަމަށާއި އެއީ އޭއެފްސީ ކްލަބް ލައިސަންސިން ކަންކަން ފުރިހަމަ ކުރަން ވަކި މުއްދަތެއްގެ ތެރޭގައި ސީޒަން ފެށުމުގެ ކުރިން ލިބޭ ފުރުސަތެކެވެ.

މި ކްލާސް ސިސްޓަމަށް ކްލަބްތަކުން މައުލޫމާތު ލުމާ އެކު، އެފްއޭއެމް އިން ކްލަބް ލައިސަންސިންގެ އެ މައުލޫމާތު އެޕްރޫވް ކުރަން ޖެހޭނެ އެވެ. އެފްއޭއެމް އިން މި މައުލޫމާތު އެޕްރޫވްނުކޮށްގެން، 2019 ވަނަ އަހަރު ރާއްޖޭގެ އެއްވެސް ކްލަބަކަށް ލައިސަންސް ނުލިބި ދިޔަ އެވެ. ކްލަބްތަކަށް ކްލާސް ސިސްޓަމަށް މައުލޫމާތު އަޅަން ލިބޭ މުއްދަތު ފަހަނައަޅައިދާ ފަހުން، ކްލަބް ލައިސަންސިންގެ ކަމެއް ކުރެވެން އޮންނަނީ، އެފްއޭއެމް އިން އެ ޒިންމާ ހަވާލުވެފައި އޮންނަ އޮފިސަރަށެވެ. އެއީ، މި ވަގުތު އެފްއޭއެމްގެ، އެކްސްކޯ އަށް އެންމެ ފަހުން، އިތުރު ކުރި މެމްބަރު، އަބްދުﷲ ޝިބާއު (ޝިބާ) އެވެ.

ވެލެންސިއާ އަށް މިދިޔަ މަހުގެ އެ ކްލަބްގެ މަގާމުތަކަށް އައި ބަދަލުތަކުގެ މައުލޫމާތުތައް އެންމެ އަވަހަށް ވެސް އޭއެފްސީ ކްލާސް ސިސްޓަމް އަށް ރަޖިސްޓްރީ ކުރަން ފުރުސަތެއް އޮންނާނީ އަންނަ ސީޒަން ފެށުމުގެ ކުރިން އެ ލިބޭ މުއްދަތުގެ ތެރޭގަ އެވެ. އަދި އެ ފުރުސަތެއް ނުލިބެ އެވެ. އެހެންކަމުން، މި ފަދަ ގޮތަކަށް ހިނގާ ކްލާސް ސިސްޓަމަކަށް ބަލައިގެން، ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ލަފަޔެއް ވެސް އެހުމެއްނެތި، ކްލަބެއްގެ މަގާމުތައް ކަނޑައަޅައި، އިންތިހާބެއްގެ ކެންޑިޑެސީ އެއް ބާތިލްކުރުން، އުސޫލުތަކާ ހިލާފު ކަމަށް ގިނަ ފަރާތްތަކެއް އަންނަނީ ބުނަމުންނެވެ.

އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، ޝާހް އިސްމާއިލް (ސާޔާ)، ވަނީ ވެލެންސިއާގެ މި މައްސަލައިގައި އެފްއޭއެމް އިން ކޮމިޝަނާ އޮފް ސްޕޯޓްސްއާ ގުޅިގެން، ޓްރައިޕާޓައިޓް ކޮމިޓީއެއްގެ ތެރެއިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން އެއީ ކްލަބެއްގެ ސައްހަ ރައީސެއް ކަނޑައެޅުމަކީ،" ދާދި ފަހުން ވެސް އެފްއޭއެމްގެ އެކި ޒިންމާތައް އަދާކުރެއްވި ޝާހު، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވެ އެވެ.

ޝާހު، ރާއްޖެ.އެމްވީ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީގެ ނިންމުން ވަކި ފަރާތަކަށް ޖެހިގެން އަންނަ ކަމަށް ބެލުމުގެ ހުރިހާ ޖާގައެއް އެބައޮތް ކަމަށެވެ. އަނެއްކޮޅުން، "މިހާރު" ނޫހަށް މުފާ، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ވެސް އަމަލުކުރަމުން އަންނަނީ ވަކި ފަރާތަކަށް ޖެހިގެން ކަމަށް ބެލެވޭނެ މަންޒަރު ފެންނަ ކަމަށެވެ.

އެޕީލްކޮށްގެން ތޯރިގުގެ ކެންޑިޑެސީ ސައްހަ ކަމަށް ކަނޑަނޭޅިއްޖެނަމަ، އެފްއޭއެމް އިންތިހާބުގައި ކުރިއަށްދާނީ، މުފާގެ ޓީމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox