އައްޑޫ މީދޫ އައިސާބީގެ ދަރު ދޮންބެއްޔާ، ހުސައިން ސަލާހުއްދީނަށް ކިޔައިދެއްވި އެވެ. ތިމަންނާމެން ކުޑައިރު މާލޭގެ ފަނޑިޔާރުގޭގައި އުޅޭއިރު އެތަނުގެ ބަނޑޭރިއަކަށް ހުންނަނީ ކަޅު އިބްރާހީމް ކަލޭފާނޭ ކިޔުނު މީހެކެވެ.
މި ވާހަކަ އިހަށް ނުފަށައި، މި ވާހަކަ ކިޔައިދިން އައްޑޫ މީދޫ އައިސާބީގެ ދަރު ދޮންބެއްޔާއަކީ ކޮން ބޭފުޅެއްކަން އެނގެން ޖެހެ އެވެ. އެއީ އައްޝައިހު އަލްހާފިޒު އިބްރާހީމް ތަކުރުފާނެވެ. ބައްޕާފުޅަކީ އައްޑުއަތޮޅު މީދޫ ގަނޑުވަރު ކަތީބު ހުސައިން ތަކުރުފާނެވެ. މަންމާފުޅަކީ މީދޫ ދޮންދިޔެގެ ހައްވާފާނެވެ.
ދޮންބެއްޔާއަކީ ރާއްޖޭގައި އޭރު ތިއްބެވި ނަންހިނގާ އިލްމުވެރިންގެ ތެރެއިން ބޭކަލެކެވެ. ގުރުއާން ހިތުދަހެވެ. ކިއްސަރުވަޑާމާއި ތެދުއުއި ވަޑާމާއި ތިލޭރުކަންވެސް ކުރެއްވި މަސައްކަތްތެރި ފަންނުވެރިއެކެވެ. މީގެ އިތުރުން ބޭސްވެރިކަން ދަންނަ ހަކީމެކެވެ. އޭނާ ކައިރިން އެތައް ބަޔަކު އިލްމުވެރިވި މޮޅު އެދުރެކެވެ. އޭގެ ތެރޭގައި ހުސައިން ސަލާހުއްދީނާއި، އައްޝައިހު އަހުމަދު ދީދީއާއި އައްޝައިހު އަބްދުއްރަހުމާން އަލްއަޒުހަރީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އުނގަންނައި ދެއްވުމުގެ ހުރިހާ މަސައްކަތެއް ކުރެއްވީ މުޅިން ދަރުމަ އަށެވެ. މި ހިދުމަތްތެރި ޝަހުސިއްޔަތު އަޅުގަނޑުމެންނާ ވަކިވެދިޔައީ އޮގަސްޓް 28، 1916 ގަ އެވެ. މާތްﷲ އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި އެވެ.
ދޮންބެއްޔާ ހުސައިން ސަލާހުއްދީނަށް ކިޔައިދެއްވި ގޮތުން، އޭރު ފަނޑިޔާރުގޭ ބަނޑޭރިއަކަށް ހުރިި ކަޅު އިބްރާހީމްއަކީ ވަރަށްވެސް ލޮނުހެޔޮވަރު، ބުއްދިވެރި މީހަކު ކަމުގައި ވިއެވެ. މީނާ ފަނޑިޔާރުގެއަށް އަންނަ މީހުންނަށް ގޮވައި ބުނެ އެވެ. ކުދީންނޭވޭ ދުނިޔެވީ ހިކުމަތާއި ދުނިޔޭގައި އުޅޭންވީ ގޮތް ދަސްކުރާން ބޭނުންނަމަ މަ ގާތަށް އަންނާށެވެ. ދެން ފަނޑިޔާރުގޭގައި ތިބޭ މީހުން މީނާ ކައިރިއަށް ދިއުމުން އެންމެން އެއްކޮށްގެން އިނދެ ކިޔަ އެވެ.
އަހާށެވެ! ކޮންމެ މީހަކުވެސް މައިބަނޑުން ބޭރުވާއިރު އޭނާގެ ރިޒުގު ހުންނަނީ އެއްވެސް އުނދަގުލަކާނުލައި ލިބިފަ އެވެ. އެ ކުޑަ ކުއްޖާފުޅަށް އޭނާގެ ރިޒުގު ދެއްވަނީ އޭނާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން މެދުވެރިކޮށެވެ. އެމީހުން މެދުވެރިކޮށް ދެވޭ ރިޒުގު އެކުއްޖާއަށް އެ ހަވާލުކުރަނީ ހިތްއުފާކަމާއެކުގަ އެވެ. އެހާހިސާބުގައި އެކުއްޖާގެ މައްޗަށް އޮތް އެއްވެސް ޒިންމާއެއް ނެތެވެ. ކުރާންޖެހޭ ހުރިހާ ކަމެއް ކޮށްދޭނީ އޭނާގެ ބެލެހެއްޓުންތެރީންނެވެ.
ދެއަހަރެއް ވީމާ ކުއްޖާގެ ދަތް ފެޅުމުން ހަފައި ކާ އުމުރަށް އެޅީ އެވެ. ދެން އެވީ ހަފައި ކާށެވެ. ހަތް އަހަރުވާއިރު ތަންދޮރު އެނގެން ފަށަ އެވެ. 'ދެންވަނީ ތަންދޮރު ބަލައިގެން އުޅޭން ފަށާށެވެ.' މައިންބަފައިން ތިބީވިއްޔާ އުނގަންނައިދޭ އެއްޗެއް ވިއްޔާ އުނގެނެން ފަށާންވީ އެވެ. އެހެނީ މީހާގެ މުޅި ދިރިއުޅުން ބައްޓަންވެގެންދާނީ އޭނާގެ އުމުރުން ހަތްއަހަރާ ފަނަރަ އަހަރާ ދެމެދުގެ މުއްދަތުގައި ލިބޭ ތައުލީމުގެ ބިންގަލުގެ މައްޗަށެވެ. އެ ތައުލީމުގެ ބިންގަލުގެ މައްޗަށް މެނުވީ އޭނާއަށް އެއްވެސް އެއްޗެއް ދަސްވާ ކަމަކަށް ނުވާނެ އެވެ.
މި ހިސާބަށް ވިދާޅުވެދެއްވާފައި ދެއްކެވީ މައިންބަފައިންގެ ހައްގު ބޮޑުކަމުގެ މައްޗަށް އޮތް ހުއްްޖަތަކަށް މިކަން ވާ ގޮތެވެ. ވިހޭ ދުވަހުން ފެށިގެން މި ހޭދަވި ފަނަރަ އަހަރު ތިޔަ އުޅެނީ މައިންބަފައިންގެ ހެވަތުގަ އެވެ. އެމީހުން ދެއްކި ގޮތެއްގަ އެވެ. އުގަންނައިދޭ އެއްޗެއް އުނގެނުން ފިޔަވައި އެހެން ޒިންމާއެއް ނެތެވެ. ހުރިހާ ބުރައެއް ބޮލުއަޅައިގެން އުޅުނީ މައިންބަފައިން ކަމަށްވުމީ އެމީހުންގެ ހައްގު ތިބާގެ މައްޗަށް ބޮޑުވާ ސަބަބެވެ.
ދެން އެފެށުނީ ފަނަރަ އަހަރާއި ވިހި އަހަރާ ދެމެދުގެ އުމުރުފުރާ އެވެ. މި އުމުރުފުރާގައި އުޅޭންވީ މައިންބަފައިން ދެއްކި މަސައްކަތެއް ކުރުމުގައި ކަމަށް ދޮންބެއްޔާ ވިދާޅުވެ އެވެ. އެހެނީ ރަނގަޅު މައިންބަފައިން ވިއްޔާ އެމީހުން ކުދީންނަށް ދައްކާނީ އެކުދީންނަށް މަންފާ ހުރެފައި އެމީހުންނަށްވެސް ފައިދާހުރި މަސައްކަތްތަކެވެ.
ވިހި އަހަރަށް އެޅީމާ ދިރިއުޅުމުގެ ކަންތަކާ ލައިގަތީ އެވެ. މި އުމުރުފުރާގައި އެއްބައި މީހުން 'އިބިލީހުގެ ވަސްވާސް'ކަމަށް ބުނާ ކަންތަކާ ކުރިމަތިލާން ޖެހިދާކަމަށް ވިދާޅު ވެއެވެ. އެކަމަކީތޯ އެވެ؟ މީހުންނާ ހިތާވުމެވެ. އެ ހިސާބުން އެވީ ހިތާވާނޭ މީހުން ހޯދައި، މީހުންނާ ހިތާވެ މީހުންނާ އިނދެ އުޅުމަށް ފަށާށެވެ. މީހުން ހޯދުމުގައި ހޭދަކުރާ ވަގުތު އުމުރުން ފަންސަވީސް އަހަރު ފުރޭއިރު ނިމޭން ޖެހެ އެވެ. އެހިނދަށް ހުންނާންވާނީ ތިމާއާއެކު ދިރިއުޅުމުގެ ބާކީ އޮތް ބައެއް ވެއަތުކުރާނޭ ބައިވެރިޔާ ހޯދައި އޭނާއާ ކައިވެނިކޮށްގެންނެވެ.
ދެން ޖެހެނީ މާބޮޑު ކަމެކެވެ. ދަރިން ހޯދުމެވެ. ދެން އެވީ އެކުދިން ބަލައި، ދަރީންނާއި އަނބިން އުޅޭނޭ ތަނެއް ދައްކައި، ދަރިން ތަރުބިއްޔަތު ކުރުމުގައި އުޅޭށެވެ. އެއާއެކުއެކީ ދިރިއުޅުމަށް މަސައްކަތް ކުރާށެވެ.
މިހެންއުޅެ އުމުރުން ސާޅީސް އަހަރު ވާއިރު ހުންނާނީ އެމީހަކަށް ދުނިޔެއިން ލިބޭނޭ މޮޅު ނަސީބަކާއި ދުނިޔެއުޅުން ލިބި އަވަދިވެފަ އެވެ. އޭގެ ފަހަށް ކުރިފަޅައި ހެދެމުން ދިޔަސް ދާނީ މި ބުނި މުއްދަތުގައި އިންދި އޮށަކުންނެވެ.
އެހިސާބަށް ދިޔައިމާ އެންމެ އިސްކުރާންވީ މަރުވުމަށް ފަހު އަލުން ދިރިގެން ދާން އޮތްތަނެއް އޮތަތީ އެތަނަކާމެދު ފިކުރުކޮށްގެން އުޅުމެވެ. އެހައިތަނުން ތިމާއަށް ލިބިހުރި މޮޅެއްގެ މަންފާ އެހެން މީހުންނަށް ފޯރުވައި، ވިޔާނުދާ އުޅުންތަކާ ދުރުވެ، މީހުންގެ ތެރޭގައި ކަމުދާ މީހަކަށް ވެވޭތޯ ހިންމަތް ކުރާންވީ އެވެ.
ދެން އިރާދަކުރައްވައިގެން ދުނިޔޭގައި ލަހައްޓަވައި އުމުރުން ފަސްދޮޅަސް ފުރިއްޖެނަމަ އެވީ ޝަހާދަތް ކިޔައިގެން ގިބުލައަށް އޮށޯންނާށެވެ. އެހެން އޮއްވާ މަރުވިއިރަކުން ދިރިތިބީން އެމީހަކު ވަޅުލާފާނެ އެވެ.
ބަނޑޭރި ކަޅު އިބްރާހީމް ކިޔައިދިނެވެ. މި ކިޔައިދިނީ ދިރިއުޅުމުގެ ތަރުތީބެވެ. މިއާ ހިލާފަށް އެއް އުމުރެއްގައި ކުރާން އޮތްކަމެއް އަނެއް އުމުރުގައި ކުރާ މީހާއަކީ މަޖުނޫނަކު ކަމުގައި މެނުވީ ނުވާނޭ ކަމަށް ތިމަންނާ ދެކެމެވެ. އެހެންނާ އުމުރުން ވިހި އަހަރު ވެފައި ހުރި މީހަކު އަމާ ވައްޓާލައިގެން ގާތުން ކިރު ބޯން އުޅެގެންފީވިއްޔާ އެމީހާއަށް މީހުން ކިޔާނީ ފަހެ ކީކޭ ހެއްޔެވެ؟ އަމުދުން އަމާ އެމީހާއަށް ރުހުމުގައި ކިރު ދީފިނަމަ އެހިނގީ އަދި މާބޮޑު ގޯހަކަށް ވާނެ އެވެ. ކަންހުރި މަގަކީ މިއީ އެވެ. ކަޅު އިބްރާހީމް ވާހަކަ ކުރުކޮށްލި އެވެ.
ބަނޑޭރި ކަޅު އިބްރާހީމް ދިރިއުޅުމުގެ އުމުރުފުރާތައް ތަރުތީބުކޮށް ދެއްކެވި ވާހަކައިގެ އަސަރަކީ އޭގެ އެތައް ޒަމާނެއް ފަހުން އައްޑޫ މީދޫ އައިސާބީގެ ދަރު ދޮންބެއްޔާ އޭނާގެ ދަރިވަރު، ހުސައިން ސަލާހުއްދީނަށްވެސް އެ ވާހަކަ ކިޔައިދެއްވުމެވެ. އަދި ހުސައިން ސަލާހުއްދީން އެ ވާހަކަ އައްސަވައި، 'ދިވެހީންގެ ވާހަކަ' ޖަމާގައި އެ ވާހަކަވެސް ހިމެނުއްވުމެވެ.
ކަޅު އިބްރާހީމް ވިދާޅުވެދެެއްވި ތަރުތީބަކީ މިޒަމާނާ އެންމެ އެކަށޭނަ އެންމެ ފުރިހަމަ ތަރުތީބެއްކަމާމެދު މީހަކު ދެބަސްވެދާނެ އެވެ. އެހެންނަމަވެސް އެ ވާހަކަ ދެއްކެވި މަގުސަދާއި އޭގެ ތާސީރު ހަމަ އެގޮތުގައި އެބައޮތެވެ. އެއީ އުޅުން ފައްތާންވީ ތައްގަނޑު ބިނާވާނީ އުމުރަށް ކަމެވެ. އެއް އުމުރު ފުރާގައި އަނެއް އުމުރުގެ މީހަކަށް ހެދިގެން އުޅެފި މީހާއަކީ މަޖުނޫނަކަށް މެނުވީ ނުވާނެ ކަމެވެ.








