ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުންގެ މާލީ ހަރަދުގެ ދެފުށް ނުފެންނާތީ އީޔޫގެ ކަންބޮޑުވުން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުން؛ ކެންޑިޑޭޓުންގެ މާލީ ހަރަދުތަކުގެ ދެފުށް ނުފެންނާތީ އީޔޫއިން ކަންބޮޑުވުން ފާޅުކުރި -- ފޮޓޯ: އިޔާން/އަދަދު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުން؛ ކެންޑިޑޭޓުންގެ މާލީ ހަރަދުތަކުގެ ދެފުށް ނުފެންނާތީ އީޔޫއިން ކަންބޮޑުވުން ފާޅުކުރި -- ފޮޓޯ: އިޔާން/އަދަދު

ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުން ފަންޑު ހޯދި ގޮތާއި ކުރި ހަރަދުގެ ދެފުށް ނުފެންނާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސެޕްޓެމްބަރު ނުވައެއް އަދި 30ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ކަންކަން އޮބްޒާވްކުރުމުގެ މިޝަން ނިންމައި، އާންމުކުރި ފައިނަލް ރިޕޯޓުގައި މަލްޓި ޕާޓީ ޑިމޮކްރަސީ ހަރުދަނާކޮށް ކުރިއެރުވުމަށް 20 ރެކޮމެންޑޭޝަނެއް އީޔޫއިން ދިނެވެ.

"ސިޔާސީ އަދި ކެމްޕެއިން ފަންޑު ހޯދުމާއި މާލީ ހަރަދުތަކުގައި ދެފުށް ފެންނަ އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައި ނުވާކަން ފާހަގަކުރެވޭ" އީޔޫގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާނުން ފެންނަން ހުރި ހަރަދުތައް

  • އަހުމަދު ފާރިސް މައުމޫން - 1،166،064ރ.
  • އިބްރާހިމް މުހައްމަދު ސޯލިހު - 10,476,127ރ.
  • އިލްޔާސް ލަބީބު - 2،518،508ރ.
  • މުހައްމަދު ނާޒިމް - 13،075،900ރ.
  • ޑރ. މުހައްމަދު މުއިއްޒު - 21،228،817ރ.
  • ހަސަން ޒަމީލު - 16،259ރ.
  • އުމަރު ނަސީރު - 285،950ރ.
  • ގާސިމް އިބްރާހިމް - 20،421،050ރ.

ރަނގަޅުކުރުމަށް ގިނަ ކަންތައްތަކެއް ހުރި ނަމަވެސް މި އިންހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ރަނގަޅު އިންތިހާބު ކަމަށް ވެސް އީޔޫއިން ބުންޏެވެ.

"ރިޔާސީ އިންތިހާބަކީ ޓެކްނިކަލް ގޮތުން ވަރަށް ރަނގަޅަށް ހިންގައި ޕްރޮފެޝަނަލްކޮށް އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ އިންތިހާބެއް. ހަގީގީ އިންތިހާބެއް ބޭއްވޭނެ ގޮތަށް ގާނޫނީ އޮނިގަނޑުގެ އިންތިޒާމު ވަނީ ހަމަޖައްސާފައި" އީޔޫގެ ޕާލަމެންޓު މެންބަރު، ޗީފް އޮބްޒާވަރު ނަޗޯ ސަންޗޭޒް އަމޯރް ވިދާޅުވި އެވެ.

މި އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ވާދަކުރި އިންތިހާބުކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައި އަންހެނުން ފެންނަ މިންވަރު އަދިވެސް ދަށް ކަމަށެވެ. އިންތިހާބު ހިންގުމުގައި ވެސް އަންހެނުންގެ ދައުރު ހަނިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންތިހާބުތައް ހަރުދަނާކުރުމަށް ހަތް ދާއިރާއަކުން ލަފާދީފައި ވެއެވެ.

ހަރުދަނާކުރުމަށް ލަފާދިން ދާއިރާތައް

  1. ސިޔާސީ ހައްގުތައް ހަރުދަނާކުރުމަށާއި ވޯޓު ގަތުން ހުއްޓުވުމަށް ވޯޓާސް އެޑިއުކޭޝަން ހަރުދަނާކުރުން
  2. ކެމްޕޭންތަކުގައި ދައުލަތުގެ ވަސީލަތައް ބޭނުންކުރުން ހުއްޓުވުން
  3. ކެމްޕޭން ފައިނޭންސިންގެ ގާނޫނު އިސްލާހުކޮށް ގަވަދުތައް ހިންގުން ހަރުދަނާކުރުން
  4. އިންތިހާބަށް އިތުރު އެތިކަލް ކަވަރޭޖް ކުރިއެރުވުމަށް ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީން ދިނުން
  5. މިސް އިންފޮމޭޝަން ހުއްޓުވުމަށް ފެކްޓު ޗެކިންއަށް އެއްބާރުލުން ދިނުން
  6. އާންމު އަދި ސިޔާސީ ކަންކަމުގައި އަންހެނުން ލީޑާޝިޕް މަގާމުތަކަށް އަހުލުވެރިކުރުން
  7. ވޯޓްލާ މަރުހަލާގައި ނިޔަތް ސާފުވާން އޮންނަ ހާލަތްތަކުގައި ވޯޓު ކަރުދާސްތައް ބާތިލު ނުވާނެކަން ކަށަވަރުކުރުން

ރާއްޖޭގައި މީޑިއާތަކުގެ މިނިވަންކަން ހަނިކަމާއި، މީޑިއާތަކުން ވަކި ކޮޅަކަށް ބުރަވާތީ އީޔޫއިން ކަންބޮޑުވުން ފާޅުކުރި އެވެ. އެގޮތުން ސަރުކާރުންނާއި، ކެންޑިޑޭޓުން މީޑިއާތަކަށް އިސްތިހާރު ގަތުމުގެ ބޭނުމުގައި ކަމަށް ބުނެ ގިނަ ފައިސާތަކެއްދިންކަން ފާހަގަކުރި އެވެ.

އިންތިހާބުގެ ދެވަނަ ބުރު ނިމުނުތާ ދެ ދުވަސް ފަހުން އީޔޫއިން ނެރުނު އިބްތިދާއީ ބަޔާނުގައި ވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ މީޑިއާތަކުގެ މިނިވަންކަން ކުޑަވުމާއި، ދޮގު ހަބަރު ފެތުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިޔަކަން ފާހަގަކޮށެވެ.

އެކްސް/ޓުވިޓާ އަދި މެޓާގައި އެކައުންޓު ގެންގުޅޭ ކިތަންމެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ދޮގު މައުލޫމާތު ފަތުރައި، ޒާތީ ގޮތުން ބަހުގެ ހަމަލާދީ، ދެ ކެންޑިޑޭޓުންނާއި ދެކޮޅަށް ވެސް ހަގީގަތް ހޯދާފައިނުވާ ތުހުމަތުތައް ފަތުރާފައިވޭ،" އެ ބަޔާނުގައިވެ އެވެ.

"އޮންލައިންކޮށް ހިންގާ ނޫހެއް ކަމުގައިވާ ދިޔަރެސް އިން މިހާރު ހުންނެވި ރައީސްއާ ދެކޮޅަށް ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ހިންގާފައިވާކަން ފާހަގަ ކުރެވުނު." އީޔޫގެ ބަޔާނުގައި ވެ އެވެ.

ފޮރިން މިނިސްޓްރީއާއި އިލެކްޝަން ކޮމިޝަނުގެ ދައުވަތަކަށް އީޔޫއިން އިންތިހާބު އޮބްޒާވްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ، ޖުލައި 31 އިން އޮގަސްޓު 15ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox