ރާއްޖޭގައި ލިޔެވިފައިވާ ގާނޫނުތަކެއް ނެތް ޒަމާނުގައިވެސް އަދުލުއިންސާފު ގާއިމުކުރުމުގެ ކޮންމެވެސް އިންތިޒާމުތަކެއް އަބަދުވެސް ހަމަޖެހިފައި އޮވެ އެވެ. ރަދުންނާއި ފަނޑިޔާރު މަނިކުފާނާއި ވެރިންގެ ވިދާޅުބަސްފުޅަކީ ގާނޫނެވެ. ރައްޔިތުންގެ އަދަބު އަހުލާގާއި ސުލޫކު ހަމައެއްގައި ހިފަހައްޓަނީ މި 'ގާނޫނުތައްް' ތަންފީޒުކޮށްގެންނެވެ. އަދި އެ ގާނޫނުތަކާ ހިލާފުވާ މީހުންނަށް އަދަބު ދެވޭ މަންޒަރު އެހެން މީހުންނަށް ދައްކައިގެންނެވެ. އަދުލުވެރި ފަނޑިޔާރެއް ނަމަ އަދަބު ކަނޑައަޅާނީ އެ މީހަކު ކުޅަ ކުށެއްގެ ނިސްބަތުންނެވެ. އެ ނޫނީ އާންމު ހަމައަކީ 'ނިޔާ ފަނޑިޔާރުގެ ހިތޭ' ބުނާ ހަމަ އެވެ. ދޭނީ ފެނިވަޑައިގެންނެވި އަދަބެކެވެ.
ކޮންމެ ރަޖަބުމަހެއްގެ ހަވަނަދުވަހު ދައުލަތުން ބޮޑު ރަސްމީ ޖަމާއަތެއް ފޮނުވައިގެން ހަތަރު އަވަށު މައިޒާންގޭދޮށުގައި ދީނުގެ އަމުރު މައުރޫފު ހިންގެވުމަށް ހިންގާ ނައިބުކަމާ ހިނގުމަކީ ރާއްޖޭގައި 'ގާނޫނު' ގެ ހުކޫމަތު ހިންގައި ތަންފީޒުކުރެވެމުން ދިޔަ ގޮތުގެ މިސާލެކެވެ. ނައިބުކަމާ ހިނގާ ޖަމާއަތް އެކުލެވިގެންވަނީ ބޮޑުބޭކަލުންނާއި ކަތީބު ބޭކަލުންނާއި ފަނޑިޔާރުގޭ ނާއިބު ބޭކަލުންނާއި މަލިން ބޭކަލުންނާއި އަސްކަރު މުސްކުޅިން މަޖިލީހަށް އަރާބޭކަލުންނާއި މުދިން ބޭކަލުންނާއި ދޭވާނީންގެ މައްޗަށެވެ.
މި ހިންގެވުމަގައި ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންކަން މަނާކޮށް މީހުންނަށް ނަސޭހަތްތެރިވެ އިސްލާހުކުރުވަ އެވެ. އަދި ހަމަމިގޮތަށް މި ހިންގެވުމުގެ ތެރޭގައި އެއްވެސް އިސްތިސްނާއެއް ނެތި، ފެނުނު ކޮންމެ މީހަކު ލައްވައި އިސްލާމްކަމާއި، އީމާންކަމުގެ ރުކުންތައް ކިއުއްވަ އެވެ. އަދި ބައެއް ދުއާތަކާއި އޭގެ މާނަ ވެސް ކިއުއްވަ އެވެ. މިއެއްޗެހި ރަނގަޅަށް ނުކިޔިއްޖެ މީހަކަށް ނަމަ އަދަބު ދެއްވުމަށް ހަންމުށިން އެމީހުންގެ ގައިގައި ތަޅުއްވަ އެވެ. އަންހެނަކު ބުރުގާއެއްނެތި އައުރަ ނިވާނުކޮށް މަގުމަތީގައި ހިގަނިކޮށް ފެނިއްޖެނަމަ އޭނަގެ ބޯވެސް ބާލުވަފާނެ އެވެ. މިއީ އެހިނދަކަށް ފެނިވަޑައިގަތުމުން ދޭން ފެށުނު އަދަބުތަކެވެ. ފަހުން އެއީ އާންމު އުސޫލުކަމުގައި ވަނީ އެވެ.
އިހުއެވޭލާ ޒަމާނުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުގޭތަކުން ދީއުޅުނު އަދަބުތަކުގެ ތެރެއިން އެންމެ ބޮޑު އަދަބަކީ ގަންހިންގުވުމެވެ. މި އަދަބު ކަނޑައެޅިފައި އޮންނަ ކަމަށް ވަނީ މީހުން މެރުންފަދަ ބޮޑެތި ކުށްތަކަށެވެ. އެހެންނަމަވެސް އެހިނދެއްގައި ހުންނަވާ ފަނޑިޔާރު މަނިއްޕުޅަށް ފެނިވަޑައިގަތުމުން އެހެން ކުށްތަކަށްވެސް ގަންހިންގުމުގެ އަދަބު ދެއްވާފައި އެބަހުއްޓެވެ.
އިބުނު ބަތޫތާ ލިޔުއްވާފައި ގޮތުން، އޭނާގެ ފަނޑިޔާރުކަމުގައި ދިވެހިންގެ ކިބައިގައިހުރި ބައެއް ނުބައި އާދަތައް ނައްތާލެއްވުމަށްޓަކައި އޭނާގެ ފަނޑިޔާރުގެއިން ގަންހިންގުމުގެ އަދަބު ދީފައި ވެއެވެ. އޭގެ ތެރެއިން އެއް ކުށަކީ ވަރިކޮށްފައި ތިބޭ އަންހެނުން އިއްދަ ހަމަވުމަށްފަހުވެސް ވަރިކުރި ފިރިހެނާގެ ގޭގައި ގެންގުޅުމުގެ ކުށެވެ. އޭނާ ލިޔުއްވާފައިވާ ގޮތުން ވަރިކޮށް އިއްދަ ހަމަވުމަށްފަހު އަމިއްލަ ގޭގައި ކުރީގެ އަނބިމީހާ ގެންގުޅުނު ކަމުގެ ކުށުގައި ފަންސަވީސް ފިރިހެނަކު ތައުޒީރުކޮށް، ބާޒާރުމަތީގައި ގަންހިންގުވާފައި ވެއެވެ. އަދި ހަމައެގޮތަށް، ހުކުރު ނަމާދަށްފަހު މަގުތަކަށާއި ބާޒާރުމައްޗަށް ދޭވާނީން ފޮނުވައި، ނަމާދު ނުކުރާ މީހަކު ހުރިތޯ ބަލައި، އެފަދަ މީހަކު ފެނިއްޖެނަމަ ތައުޒީރުކޮށް ގަންހިންގުވައި ހެދިކަމަށްވެސް އިބުނު ބަތޫތާ ލިޔުއްވާފައި ވެއެވެ. މި ބަޔާނަށް ބެލުމުން، ގަންހިންގުމުގެ އަދަބަކީ އޭރު ހަމައެކަނި މީހުން މެރުމުގެ ކުށަށް ހާއްސަވެފައި އޮތް އަދަބެއް ނޫންކަން އެނގެ އެވެ.
ގަންހިންގުން ތަންފީޒުކުރުން
ފަނޑިޔާރުގޭގެ އުސޫލުތައް ހަރުދަނާވަމުން އައިވަރަކަށް އަދަބު ދިނުމުގެ އުސޫލުތަކަށްވެސް އައީ އިންތިޒާމުތައް ހަމަޖެހެމުންނެވެ. ފަހުން ހަމަޖެހިފައި އޮތްގޮތުން ގަންހިންގުމުގެ އަދަބަކީ މީހުން މެރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ޒިނޭކުރުމާއި މި ނޫނަސް ދީނާ ހިލާފު ބޮޑެތި ކުށްކޮށްގެން ވެރިކަމުގެ ފަރާތުން ދޭ އަބަދެއްކަމަށް ހަމަޖެހުނެވެ. އަދި އެ އަދަބު ދޭންވާނީ އެއިރަކު ތަހުތުގައި އިންނެވި ރަސްކަލެއްގެ ދެނެވަޑައިގަތުމުގެ މަތީން ކަމަށްވެސް ހަމަޖެހުނެވެ.
ގަންހިންގުވުމަށް ތައްޔާރުވުމަކީ ވެސް ބޮޑު އިޖުރާއަތެކެވެ. ގަންހިންގުވުމުގެ އަދަބެއް ތަންފީޒުކުރާން ވެއްޖެކަމުގެ އަމުރު ނެރޭނީ ބަނޑޭރިގެއިންނެވެ. އެކަމާ ގުޅުންހުރި ހުރިހާ 'މުއައްސަސާ' އަކަށް އެ އަމުރު ފޮނުވޭނެ އެވެ. މި އަމުރު ނެރެވުމާއެކު، މިކަމަށް ތައްޔާރުވުމުގެ ގޮތުން ގަނޑުވަރުތެރޭގެ ބޮޑުބަދިގޭގެ މުސްކުޅިފާނު ނުވަތަ ބަދިގެ މީހުންގެ ވެރިޔާ، އޮގަރުކަލޭގެ ނުވަތަ ރަދުންނާއި ގަނޑުވަރުތެރޭ ބޭފުޅުންނަށް ރާފޮދު ބާލާން ރަސްމީގޮތުން ހުންނަމީހާއަށް އަންގައިގެން ރުކު ފުޅަފި ހޯދާނެ އެވެ. މި އޮގަރުކަލޭގެ ބޮޑުބަދިގެއަށް ޖަމާކުރާ ހިކިފުޅަފިތައް ބޮޑުބަދިގޭ އުނދުނުގައި އަންދުވައި އަޅިއަށް ހަދާނެ އެވެ. އޭގެ ފަހުން އަޅި ނަގައި ހަލަނިން ފުރައި، ދެއްޔާއި ކާށިތެލާ އެއްކޮށް ގަށައި، ތަތްކިލާހެން ތައްޔާރު ކުރާނެ އެވެ.
މިކަން ނިމެންވާއިރަށް އޮގަރުކަލޭގެ ދިގުބޮންތި ފަނެއް ގެނެސް ފަނުގެ ވަތްތައް މިލުވައި ފަން ތައްޔާރުކުރާނެ އެވެ. އެހާރުން ބަނޑޭރިގެއިން އޮންނާނީ ދިހަބަމައިގެ ރޯނުވަލުގެ ދެ ވާ ބަދިގޭދޮށަށް ފޮނުވާފަ އެވެ. މި ހުރިހާ ކަމެއް ހިނގާނީ މެންދުރު ކުރީގަ އެވެ. ގަންހިންގުން އޮންނާނީ އަސުރުގެ ފަހަށެވެ.
ގަންހިންގަން ހަމަޖެހިފައި އޮންނަ ވަގުތުގެ މާ ކުރިން، އެކަމުގެ ތައްޔާރީތައް ހިނގަމުންދާއިރު އަވަށުވެރިޔާގެ އަމުރަށް މުދިމުން ދާނީ އަވަށުގައި އެކަން އިއުލާނު ކުރަމުންނެވެ. ގޮވާނީ "އޭތް އޯތް. މިއަވަށު ކުދިބޮޑު އެންމެތަކުންނޯތް. މިއަދު އަސުރުގެ ފަހުން ގަންހިންގުން އެބައޮތޯއި." މިހެންނެވެ. މިއަޑު އިވޭއިރު ގަންހިންގުމުގެ އަދަބު ލިބިގެން އުޅެނީ ކާކަށް ކަމެއް ނުބުނާނެ އެވެ. އެއީ ކަމުގެ ޝައުގުވެރިކަން އިތުރުކޮށް އެތަނަށް ގިނަ މީހުން ގެނައުމަށްޓަކައި ކަމަށްވުން އެކަށީގެން ވެ އެވެ.
ގަންހިންގަންވާ މީހާ ދުރާލާ ބަނޑޭރިގެއަށް ގެނެވޭނެ އެވެ. އޭނާ ހާޒިރުކުރުމާ ހަވާލުވާނީ ފަނޑިޔާރުގެއިން ނައިބު ބޭކަލަކާއި ދޭވާނީ އެކެވެ. ގަންހިންގަންވާ މީހާ ގެނެވޭއިރު ޖަޑިބު ހުންނާނީ ތައްޔާރަށެވެ. އަދި ގަނޑުވަރު ބަދިގޭގައި ތައްޔާރުކުރެވުނު ދެއްޔާއި، ފަނާއި ރޯނުވެސް ހުންނާނީ ގެނެސްފަ އެވެ. ޖަޑިބަކަށް އާންމުގޮތެއްގައި ހުންނާނީ ރަސްމީ ބެރިވެރިންގެ ތެރެއިން ބެރުވެރިއެކެވެ.
ގަންހިންގުމުގެ 'ރަސްމިއްޔާތު' ފަށައި އުޅުނީ 'މުއްދަތިލާ ގާގަނޑު' ދޮށުން ކަމަށް އަހުމަދު ޝަފީގު ލިޔުއްވާފައި އޮވެ އެވެ. އެއީ މެދުޒިޔާރަތްމަގު އެސްޖެހިގޭގެ ހުޅަނގުން ބަނޑޭރިގެއާ ދިމާލަށްވާގޮތަށް އޮތް ބޮޑު ގަލެކެވެ. މިހާރު އެ ގަލެއް ނެތެވެ.
މީހުންނާއި ތަކެތި ހަމަވުމުން ގަންހިންގުމުގެ ހަރަކާތުގެ ފަހުގެ ތައްޔާރީތައް ފެށުނީ އެވެ. ފުރަތަމަ ކަމަކަށް އޮންނަނީ ގަންހިންގުވާ މީހާގެ މޫނުގައިއާއި، އޭނާ ލައިގެން ހުންނަ އަންނައުނު ފިޔަވައި ހަށިގަނޑުން ފާޅުވާންހުރި ކޮންމެ ތަނެއްގައި އެގޮތްމިގޮތަށް އަޅިދެލިން ކުރަހައި ކަޅިކުރުމެވެ. އޭގެ ފަހުން ބަނޑޭރިގެއިން ފޮނުވި ރޯނުން ބަނޑުގެ ދެއަރިމައްޗަށް ދެ ވާ އޮންނަ ގޮތަށް ބަނދެ އެވެ. ދެން ވަތްތައް މިލުވާފައި އޮތް ދިގުބޮންތި ފަން ގެނެސް، ގަންހިންގުވޭ މީހާގެ ބޯމަތިން ދެތިން ފޫޓެއް އުސްކޮށް ހުންނާނޭ ގޮތަށް ފުރަގަހުން ހަށިގަނޑުގައި ބަންނާނެ އެވެ. އެގޮތަށް ހެދީމާ އޮންނާނީ އެ ފަނުން އޭނާގެ ބޮލަށް ހިޔާ އެޅޭ ގޮތަށެވެ.
މިކަންކަން ނިމުމާއެކު އެވީ ގަންހިންގުވޭ މީހާ ގޮވައިގެން ހިނގައިގަންނާށެވެ. މިގޮތަށް ހިނގައިގަންނައިރު އޭނާގެ ބަނޑުގައި ޖަހާފައި ހުރި ދެވަލުގައި ހިފައިގެން ދެފަރާތުގައި ދެ މީހަކު ތިބޭނެ އެވެ. ކުރީގައި ހުންނާނީ ޖަޑިބެވެ. ގަންހިންގުވޭ މީހާގެ ފަހަތުގައި ނައިބު ބޭކަލަކާއި ދޭވާނީން ތިބޭނެ އެވެ. މިހެން ހިނގަން ފަށާފައި ހުއްޓޭނީ ކޮންމެ ހަތަރު އަނގޮޅިއެއް ކަންމައްޗަށެވެ. އެހިސާބުން ޖަޑިބު އޭނާގެ ބެރުގައި ބާރުބާރަށް ޖަހައި މީހުންގެ ސަމާލުކަން ހޯދުމަށްފަހު، ގަންހިންގުވޭ މީހާގެ ނަމާއި، ކުޅަ ކަމަށް ސާބިތުވީ ކުށެއްގެ މައުލޫމާތު އާންމުކުރާނެ އެވެ. އެކަން ކުރާނީ 'މީހަކު މެރި، މިވެނި މީހާއަށް އަދަބުން އަދަބޯއި' ފަދަ އިބާރާތަކުންނެވެ. މިހެން ގޮވާލުމާއެކު ދޭވާނީ ފަހަތުން އައިސް ގަންހިންގުވޭ މީހާގެ ފަލަމަސްގަނޑުގައި ފަސް ފަހަރު ދުއްރައިން ޖަހާނެ އެވެ. މިގޮތަށް މުޅި މާލޭގެ ކޮލިހިނގާ މަގުން ހުރިހާ އަނގޮޅިތަކެއްގައި މިކަން ހިންގައި، ހަރަކާތް ނިންމާލާނީ ދެދޮރާށި ދޭތެރެއިން ހިންގާފައި ގެންގޮސް ބަނޑޭރިގެއަށް ވައްދައިގެންނެވެ.
ބަނޑޭރިގެއަށް ވެއްދުމަށްފަހު އަވަސްވެގަންނަނީ ގަންހިންގުވުނު މީހާގެ ހަށިގަނޑަށް އަނިޔާއެއް ވެފައި ހުރިތޯ ބެލުމަށެވެ. އަނިޔާއެއް ވެފައި ހުރިނަމަ އެކަމަކަށް ބަނޑޭރިގެއިން ފަރުވާކުރާނެ އެވެ. އޭގެ ފަހުން ޝަރީއަތުން ކަނޑައަޅާ މުއްދަތަކަށް އެމީހަކު އަރުވާލާނެ އެވެ.
ގަންހިންގުން ހުއްޓާލުމަށް ސަރުކާރުން ނިންމީ ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ތަސްދީގުކުރެވުނުތާ ތިންވަނަ އަހަރު އެވެ. އެއީ 1935 ވަނަ އަހަރު އެވެ. އޭގެ ފަހުން، ސަރުކާރުން ދޭ އަދަބެއްގެ ގޮތުގައި މީހަކު ގަންހިންގާފައެއް ނުވެ އެވެ. އެކަން ފަހުން ހިމެނިގެން ދިޔައީ ސަގާފީ ކުޅިވަރާއި ސަކަރާތުގެ ތެރޭގަ އެވެ.
ގަންހިންގުމުގެ އަދަބު ދެމުން ދިޔަ ގޮތަށް ބަލާއިރު، އެކަން ކޮށްފައިވަނީ ހަގީގަތުގައިވެސް އެ އަދަބުގެ ސަބަބުން ކުށް މަދުކުރެވޭނޭ ކަމަށް ވިސްނައިގެންކަމަށް ބެލެވެ އެވެ. އެ އަދަބުގެ މަގުސަދަކީ ކުށްވެރިޔާ ލަދުގަންނަވާލުމާއި، އޭނާއަށް ދެވޭ އަދަބުގެ ޒަރީއާއިން މުޖުތަމައުއަށް މެސެޖެއް ދިނުމެވެ. މި ވިސްނުމުގައި ކުޅަޔަސް، މިއީ ލާއިންސާނީ ކަމެއްގެ ގޮތުގައި ބެލެވި މިކަން ހުއްޓާލީ އެވެ. އެކަމަކު، ސިޔާސީ ކުށްވެރިންނަށް ދީއުޅުނު، ބުރިން ހަންނެގުމުގެ އަދަބު ދިނުން އޭރަކު އަދި ހުއްޓައެއް ނުލަ އެވެ.








