މެޑްރިޑް (ޖެނުއަރީ 4) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މަޔޯކާ އަތުން 1-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ހުރިހާ މުބާރާތެއްގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް 18 މެޗަށް ހެދިއިރު، ޖިރޯނާ އިން ފަހު ވަގުތު ލަނޑު ޖަހައި، 4-3 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލީގުގެ ރޭހުގައި ހިތްވަރު ދައްކައިފި އެވެ.
އާ އަހަރު ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކަށް ފަހު، އެއް ވަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވަނީ 19 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ 19 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ބާސެލޯނާ އަށް 18 މެޗުން ވަނީ 38 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރެއާލަށް މަޔޯކާގެ މައްޗަށް ހޯދުނީ އުނދަގޫ މޮޅެކެވެ. މެޗުގެ ފަހު 12 މިނިޓާ ހަމައަށް މަޔޯކާ އިން ވަނީ ރެއާލް ހުއްޓުވުމުގައި ކުރިހޯދައިފަ އެވެ. އެކަމަކު، އެންޓޯނިއޯ ރުޑިގާ ވަނީ ލޫކަ މޮޑްރިޗް ނެގި ކޯނަރަކުން، 78 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. ރުޑިގާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތެރެއަށެވެ.
މި މެޗުގައި މަޔޯކާ އިން ވެސް ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އެންޓޯނިއޯ ސަންޗޭޒް ޖެހި ބޯޅަ ހުރަސްދަނޑިއަށް އަމާޒުވިއިރު، ސަމޫ ކޮސްޓާ ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެެވެ.
އެތުލެޓިކޯ އާއި ޖިރޯނާގެ ކުރިމަތިލުން ދިޔައީ ފޯރިގަދަކޮށެވެ. މެޗުގެ ދެ ވަނަ މިިނިޓްގައި ޖިރޯނާގެ ވެލަރީ ފެނާންޑޭޒް އެ ޓީމަށް ލީޑުނަގައިދިނެވެ. އެތުލެޓިކޯ އިން އެއްވަރުކުރި މެޗުގެ 14 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. ސާވިއޯ އާއި ޑޭލީ ބްލިންޑް ޖެހި ލަނޑުތަކުން، ޖިރޯނާ އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮރާޓާ ވަނީ އިތުރު ގޯލެއް ޖަހައި، އެތުލެޓިކޯ އަށް އުންމީދެއް ހޯދައިދީފަ އެވެ.
ދެ ވަނަ ހާފު ފެށިގެން ނުވަ މިނިޓް ތެރޭ އިތުރު ގޯލެއް ޖަހައި، މޮރާޓާ ވަނީ އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ. މެޗު އެއްވަރުވާނެ ކަމަށް ބެލެވިފައި ވަނިކޮށް، ޖިރޯނާ މޮޅުވީ އިތުރު ވަގުތުގެ ފުރަަތަމަ މިނިޓްގައި ލަނޑު ޖަހައިގެންނެވެ. މި ގޯލު ޖެހީ އިވާން މާޓިން އެވެ.
ލީގުގައި ރޭ ގްރަނާޑާ އިން 2-0 އިން ކަޑިޒް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ކުޅުނު ސެލްޓަ ވީގޯ އިން ވަނީ 2-1 އިން ރެއާލް ބެޓިސް ބަލިކޮށްފަ އެވެ.












