ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިނގަނީ ގަވާއިދާ ޚިލާފަށް ކަމަށާއި, ފީފާ އާއި އޭއެފްސީއާ މަޝްވަރާކޮށް ވަކި ގޮތެއް ނިމެންދެން އިންތިހާބުގެ ކަންކަން މަޑު ޖައްސާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން އެފްއޭއެމްއަށް އަންގައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ އެފްއޭއެމްގެ އިންތިޚާބު ކަންކަމުގެ މައުލޫމާތު ހޯދުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން އެންގި އެންގުމާއި އެއްގޮތައް އެ އެސޯސިއޭޝަނުން މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން އިސްތިއުފާ ދީފައިވާއިރު, އެ މެމްބަރުންގެ އިސްތިއުފާ ސިޓީގެ ކޮޕީ ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ވަނީ ލިބިފަ އެވެ.
އޭގެ ތެރެއިން ތިން މެމްބަރުން އިސްތިއުފާ ދީފައި ވަނީ ޑިސެމްބަރު 15, ގައި ކަމަށް ސްޕޯޓްސް ކޮމިޝަނަރުގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އަނެއް ދެ މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު އިސްތިއުފާ ދީފައިވަނީ ސެޕްޓެމްބަރު 16 ގައެވެ. އަދި, އޮކްޓޯބަރު 5 ވަނަ ދުވަހު ވެސް މެމްބަރަކު ވަނީ އިސްތިއުފާ ދީފަ އެވެ. އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީގެ މަގާމުން ހުސެއިން ޖަވާޒް (ޖަވާ) އިސްތިއުފާ ދީފައިވަނީ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބަޔާނުގައި ބުނީ ޖަވާގެ އިސްތިއުފާގެ ސިޓީ ލިބުމާ އެކު އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމަށް ޖައުޝާން ޝަރީފް (ޖައު) ހަމަޖެއްސީ ގަވައިދާ ހިލާފަށް ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ އެފްއޭއެމްގެ އިންތިހާބު ކަންކަން މަޑުޖައްސާލުމަށް އެންގީ އެފްއޭއެމްގެ ހިންގާ ކޮމެޓީ އިއުލާން ކޮށްފައިވާ ތާރީހާއި, ހިންގާ ކޮމެޓީގެ މެމްބަރުން އިސްތިއުފާ ދީފައިވާ ތާރީހުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ.
އެފްއޭއެމްގެ އިންތިހާބު މަޑުޖައްސާލުމަށް އަންގާފައިވާއިރު, އެ އިންތިހާބުގައި ވާދަކުރައްވަން އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ބައްސާމްގެ ޓީމުގައި ހިމެނޭ ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒު ހާޝިމް (މުފާ) ވަނީ ކެންޑިޑެސީ ފޯމު ހުށަހަޅާފަ އެވެ.












