މެންޗެސްޓާ (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން ފަހަތުންއަރައި 3-2 އިން މެންޗެސްޓާ ޔުނައިޓަޑް މޮޅުވިއިރު، އެ ޓީމު މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޑެންމާކްގެ ފޯވަޑް ރަސްމަސް ހޮއިލުންޑެވެ.
މިއީ، ޕްރިމިއާ ލީގުގައި ހޮއިލުންޑް ޖެހި ފުރަތަމަ ލަނޑެވެ. ޔުނައިޓަޑް މޮޅުވި ލަނޑާ އެކު، ޕްރިމިއާ ލީގުގައި ސުން ކަނޑުވާލެވުމަކީ ހޮއިލުންޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
އިޓަލީގެ އެޓަލާންޓާ އިން މި ސީޒަންގައި ޔުނައިޓަށް ބަދަލުވި ހޮއިލުންޑް ޗެމްޕިއަންސް ލީގުގައި ފަސް ލަނޑު ޖެހިޔަސް، ރޭގެ މެޗާ ހަމައަށް އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ އަށް ލަނޑެއް ނުޖެހެއެވެ. ޕްރިމިއާ ލީގުގައި ކުޅުނު 14 މެޗުން ހޮއިލުންޑަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން، އޭނާ އަށް ގިނަ ފާޑުކިއުންތަކެއް ކުރިމަތިވިއެވެ.
ރޭގެ މެޗަށް ފަހު ހޮއިލުންްޑް ބުނީ ޕްރިމިއާ ލީގުގައި ލަނޑެއް ކާމިޔާބުކުރެވުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މުޅި ދުނިޔޭގައި މި ވަގުތު މިހާ އުފާވެފައި ހުރި މީހުން ނުހުންނާނެ. ލަނޑު ޖަހާފަ ސެލެބްރޭޓްކުރި ގޮތުންވެސް އެނގޭނެ މި ލަނޑު އަހަންނަށް މުހިންމުވި ވަރު،" ރޭގެ މެޗަށް ފަހު ހޮއިލުންޑް ބުންޏޭވެ.
ހޮއިލުންޑް ބުނީ ލަނޑެއް ނުޖެހި ގިނަ މެޗުތަކެއް ދިޔަ ނަމަވެސް، އަމިއްލަ ނަފްސާމެދު ކުރި އިތުބާރު ނުގެއްލޭ ކަމަށެވެ.
"މިހާރު ގޯލެއް ޖެހިއްޖެ. ދެން ޖެހޭނީ ލަނޑު ޖެހުމުގެ ފޯމް ރަނގަޅުކުރަން މަސައްކަތްކުރަން،" ހޮއިލަންޑް ބުންޏެވެ.
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުން ތެރޭގައި ހޮއިލުންޑަށް ރޮވުނީ ކީއްވެތޯ ކުރި ސުވާލަށް ޑެންމާކް ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އެއީ ހުވަފެނެއް ހަގީގަތަކަށް ވުމުން ލިބުނު ހިތްހަމަޖެހުމުގެ ޖަޒުބާތީ ވަގުތު ކޮޅެއް ކަމަށެވެ.













