އަންނަ މަހުގެ 31 ވަނަ ދުވަހު ބާއްވަން އިއުލާނުކޮށްފައިވާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ފޮނުވަން، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އަންގައިފި އެވެ.
"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތޮލާލް ވިދާޅުވީ، އެފްއޭއެމްގެ އިންތިހާބާ ގުޅޭ މައުލޫމާތުތަކެއް ހޯދަން އެ އެސޯސިއޭޝަނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
އެ ގޮތުން، އެ ސިޓީގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ، އެފްއޭއެމްގެ އިންތިހާބު 45 ދުވަހުގެ ތެރޭގައި ބާއްވަން ނިންމިކަން، ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އެ އެސޯސިއޭޝަނުން އަންގާފައިނުވާތީ އެވެ.
"އެފްއޭއެމްގެ އިންތިހާބުގެ ހަބަރު ނޫސްތަކުން ފެންނާތީ އެކަން ސާފުކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވާނެ،" ތޮލާލް ވިދާޅުވި އެވެ.
އެފްއޭއެމަށް، ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް، ފޮނުވާފައިވާ ސިޓީގައި މައިގަނޑު ގޮތެއްގައި ސާފުކުރަން އެދިފައިވަނީ ފަސް ކަމެކެވެ. އެއީ، އިންތިހާބާ ގުޅޭގޮތުން ނިންމި ނިންމުމުގެ ތަފްސީލާއި އެފްއޭއެމްގައި މި ވަގުތު އޮތް ހިންގާ ކޮމިޓީގެ ބާކީ އޮތް މުއްދަތު ހަމަވާން ގިނަ ދުވަސްތަކެއް އޮއްވައި، އަވަހަށް އިންތިހާބެއް ބާއްވަން އެފްއޭއެމް ހިންގާ ކޮމިޓީން ނިންމި ސަަބަބާއި އިންތިހާބު އަވަހަށް ބާއްވަން ނިންމި، ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާއި އާއި ޔައުމިއްޔާ އަދި އެ ބައްދަލުވުމުގެ ހާޒިރީގެ އިތުރުން އެފްއޭއެމްގެ ދާއިމީ މެމްބަރުންގެ ލިސްޓެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގުން ދޯދިޔާވެ، އެތަން މާލީ ގޮތުން ބަނގުރޫޓުވެފައިވާ ހާލަތެއްގައި އޮތްއިރު، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި ބައްސާމް އަދީލް ޖަލީލް އާއި އެ އެސޯސިއޭޝަންގެ އެހެން ވެރިންނާ ދެކޮޅަށް މި ވަގުތު ޖިނާއީ ތަހުގީގެއް އެބަ ހިނގަ އެވެ. އަންނަ މަހު ބާއްވާ އިންތިހާބުގައި ވާދަނުކުރާނެކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.
އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އިސްތިއުފާދޭން ގިނަ ބަަޔަކު ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރަމުން އަންނައިރު، އެފްއޭއެމްގެ ކަންކަން ރަނގަޅުކޮށް، ދިވެހި ފުޓްބޯޅަ ހަމަމަގަށް އަޅުވަން ކަމަށް ބުނެ ފެށި، "ސޭވް އެފްއޭއެމް" ކެމްޕެއިންގެ ބައިވެރިން ދާދި ފަހުން، ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލްއާ ބައްދަލުކޮށްފަ އެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނުފެށޭތީ އެކަމުގެ ކަންބޮޑުވުން ހިފައިގެން، އެ ޑިވިޝަނުގައި ކުޅެން ނިންމާފައި އޮތް މެޖޯރިޓީ ކްލަބްތަކުން ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)އާ ބައްދަލުކުރި ދުވަހު، އެ ބައްދަލުވުމުގައި ތޮލާލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދެ ވަނަ ޑިވިޝަންގެ ކްލަބްތަކުން އެ ދުވަހުގެ ބައްދަލުވުމުގައި ވެސް ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުން ދުރުކުރުމުގެ ކަންކަން ކުރަން ސަރުކާރުން ބާޅު އަޅަން ގޮވާލި އެވެ. އަދި އެކަމާ ބެހޭގޮތުން ސްޕޯޓްސް ކޮމިޝަނަރު، ތޮލާލްއާ ކްލަބްތަކުން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި އޭނާ ވިދާޅުވީ، އެފްއޭއެމްގެ ކަންކަން ކުރިއަށްގެންދިއުމުގެ ބާރު އޮތީ މެމްބަރު ކްލަބްތައް އަތުގައި ކަމަށާއި އެ އެސޯސިއޭޝަންގައި މި ވަގުތު ދެން ހުރި ކަންކަމާ މެދު އެއްވެސް ފަރާތަކަށް ގޮތެއް ނިންމޭނީ މިހާރު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާއި ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގަށް ފަހު ކަމަށެެވެ.











