އޭރު އެއީ މާލޭ ބަނދަރުމަތީގައި ހުރި ދަގަނޑު ގުދަނެކެވެ. އެތަން ބަންދުކޮށްގެން މަސައްކަތްތަކެއް ކުރާތީ ގިނަ މީހުން ހީކުރީ ކޮންމެވެސް ކަހަލަ މަރާމާތެއް ކޮށްލަނީ ކަމަށެވެ.
ނަމަވެސް ކުރަމުން ދިޔަ ކަމަކީ އެހާ އާދައިގެ ކަމެއް ނޫނެވެ. އަސްލުު ކުރަމުން ދިޔަ މަސައްކަތަކީ ރާއްޖޭގެ ފުރަތަމަ ސުޕަމާކެޓް ތަރައްގީކުރުމުގެ މަސައްކަތެވެ. އަޅުގަނޑުމެން އެންމެ މިއަދު ދަންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މަސައްކަތެކެވެ.
ސުޕަމާކެޓް؛ ދިވެހިންނަށް މުޅިން އާ ކަމެއް
އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުމާ ހަމައަށް ދިވެހިން މުޅިން ވެސް ދަންނަނީ "ކަންމަތީ ފިހާރަަތައް" އެވެ. އެއް ތަނަކުން ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ލިބެން ހުންނަ ފިހާރަތައް ނުވަތަ ސުޕަމާކެޓުތައް އޭރު ދުނިޔޭގެ އެހެން ގައުމުތަކުގައި ފައްކާވެފައި ހުރި ނަމަވެސް، އެއީ ގިނަ ދިވެހިން ނުދަންނަ، ކަމެކެވެ. އެހާތަނަށް އެކަހަލަ ބިޔަ ފިހާރައެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނެތީމަ އެވެ.
މިކަން ބަދަލުކޮށްލީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވައިގެންނެވެ. އެ މަސައްކަތް ފެށުނީ އެސްޓީއޯއިން ވިޔަފާރިކުރަމުން އައި މުސްކުޅި ގޮތްގަނޑު ދޫކޮށްލައި ޒަމާނީ ވިޔަފާރިއަކަށް މިސްރާބު ޖެހުމުންނެވެ. އެ މަސައްކަތުގެ އެންމެ ބޮޑު ރަމްޒަކަށް ވީ އޭރުގެ ރައީސް މައުމޫމް އަބްދުލް ގައްޔޫމް ޖުލައި 25، 1992 ގައި ހުޅުއްވައިދެއްވި ޕީޕަލްސް ޗޮއިސް އެވެ.
އެ ސުޕަމާކެޓް ހުޅުވުމުގެ ކުރިން އެސްޓީއޯގެ ފިހާރަތަކުގައި ވިއްކަމުން އައީ އެ ކުންފުނިން އެތެރެކުރާ މުދަލެވެ. އޭރު އޮންނަ އުސޫލުގެ ދަށުން ވިއްކާނީ އެތެރެކުރާ އެއްޗެކެވެ. އޭގެ ބަދަލުގައި އާންމު ވިޔަފާރިތަކުން ގަންނަ ތަކެއްޗާއާއި އެސްޓީއޯއިން އެތެރެކުރާ މުދާ އެއް ފުރާޅެއްގެ ދަށުން ލިބޭނެ މަގުފަހިވީ ޕީޕަލްޗް ޗޮއިސްއިންނެވެ.
ތަފާތު ވައްތަރުވައްތަރުގެ މުދާ އެކަންޏެއް ވެސް ނޫނެވެ. ޕީޕަލްސް ޗޮއިސް ފިހާރަތަކުގައި ކުރިން އާންމުންނަށް ނުފެންނަ އެތައް ވައްތަރެވެއް މުދަލާ އެކީ ތަފާތު އެތައް ހިދުމަތެއް ވެސް ތައާރަފުކުރި އެވެ. ހަމައެހެންމެ އަމިއްލަ ވިޔަފާރިތަކަށް ސުޕަމާކެޓުތަކުގެ ފައިދާ ދައްކައިދީ، ވިޔަފާރީގެ އާ ފުރުސަތުތަކެއް ވެސް ފަހިކޮށްދިނެވެ.

ކުރިން ސުޕަމާޓަށް ވަންނަ މައި ދޮރާށި ހުންނަ ގޮތް
31 އަހަރު، ބޮޑެތި ބަދަލުތަކެއް
ރާއްޖޭގެ ފުރަތަމަ ސުޕަމާކެޓް ފުރަތަމަ ހުރި ސަރަހައްދުން، މިހާރު ހުންނަ އެސްޓީއޯ ޓްރޭޑް ސެންޓަރަށް ބަދަލުކުރީ ވިޔަފާރި ފުޅާކޮށް، ބޮޑުކޮށް، ޒަމާނީ ކުރުމުގެ ތެރެއިންނެވެ. އެ ބަދަލުތަކުގެ ތެރެއިން ޕީޕަލްސް ޗޮއިސްއަށް ވެސް ބޮޑެތި ބަދަލުތަކެއް އަ އެވެ. އެ ދުވަސްވަރެއްގައި ދިވެހިންނަށް ބޭނުންތަކާ އެއްގޮތަށް ޕީޕަލްސް ޗޮއިސް ވެސް އައީ ބަދަލުކުރަމުންނެވެ.
އެއް ކަމަކަށް އަސާސީ ބާވަތްތައް ދިވެހިންނަށް މެދުކެނޑުމެއް ދައްޗެއް ނެތި ލިބޭނެ މަގުފަހިކޮށްދިނުމުގައި ޕީޕަލްސް ޗޮއިސްއިން އަދާުކުރާ ދައުރެވެ. އެސްޓީއޯގެ މައިގަނޑު ވިޔަފާރީގެ ތެރޭގައި ފިޔާ، އަލުވި، ބިސް ނުހިމެނުނު ނަމަވެސް، ކޮންމެ ރޯދަ މަހަކާ ގުޅުވާ ޕީޕަލްސް ޗޮއިސްއިން މި ބާވަތްތައް އެތެރެކޮށްގެން ވިއްކަ އެވެ. ހުރިހާ ވެސް ބޭނުމަކީ ކުރިން ބުނި ގޮތަށް ދައްޗެއް ނެތި ދިވެހިންގެ ބޭނުންތައް ފުއްދޭނެ ގޮތެއް ހޯދައި ދީފައި ބޭއްވުމެވެ.
އެއީ ކޮންމެ އަހަރެއްގައި ވެސް އެސްޓީއޯއިން ވަރަށް ކާމިޔާބު ކަމާ އެކީ ކުރަމުން އަންނަ ކަމެކެވެ. އެސްޓީއޯއިން އެގޮތަށް އަގު ކޮންޓްރޯލްކުރަން މާކެޓުގެ ތެރެއަށް ނުވަންނަ ނަމަ އަގުތައް އުފުލިގެން ދެ އެވެ. އެއީ އެސްޓީއޯއިން ރޯދަ މަހާ ގުޅުވައިގެން އެކަނި ކުރާ ކަމެއް ވެސް ނޫނެވެ. އެހެން ދުވަސްވަރެއްގައި ވެސް ދިވެހިންނަށް އަސާސީ ބާވަތެއް ލިބުމުގައި ދަތި ނުވާނެކަން ކަށަވަރުކޮށްދެނީ ޕީޕަލްސް ޗޮއިސްއިންނެވެ. މިފަހުން ލައްވައިލި ފިޔަލުގެ ތާށިކަމާއި ލުނބޯ ތާށިކަމުގެ ތެރޭގައި އެސްޓީއޯއިން އެޅި ފިޔަވަޅުތަކަކީ އޭގެ ތެރެއިން މަދު މިސާލުތަކެވެ.
އަސާސީ ނޫން ބާވަތްތަކުގެ ބާޒާރުގެ އަގުތައް ތިރިކުރުމުގައި ވެސް އެސްޓީއޯއިން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެތަނުން ކުރާ އެއް ކަމަކީ އާންމުކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ފޯރުކޮށްދިނުމެވެ. ގެންނަ އަނެކެއްޗަކީ އިލެކްޓްރޯނިކްސް އެވެ. މި ދެ ބާވަތުގެ މުދަލަކީ ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ، އެތަނުން ނުވިއްކާ ނަމަ ބާޒާރުގައި އަގުތައް ތިރިކުރަން އުނދަގޫ ބާވަތްތަކެވެ.

އެސްޓީއޯގެ އާ ޝޮޕިން މޯލް ހުޅުވި ރޭ އޭރުގެ ނައިބު ރައީސް އަދި ކުންފުނީގެ އޭރުގެ ވެރިން
ސުޕަމާކެޓް ދޫކޮށް، މިހާރު ހައިޕާމާކެޓެއް
އެސްޓީއޯ ޕީޕަލްސް ޗޮއިސް ނުވަތަ ސުޕަމާޓު ބަދަލުވަމުން އައިސް މިހާރު ފެންނަން އެ ހުރި ތަނަކީ ސުޕަމާކެޓެއް ވެސް ނޫނެވެ. އެއީ ހައިޕާމާކެޓެކެވެ. މިދިޔަ އަހަރުގެ ތެރޭގައި އެސްޓީއޯއިން ގެނައި މި ބަދަލާ އެކީ މުޅި ފިހާރައިގެ ކޮންސެޕްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ސުޕަމާޓުގެ ޖާގަ ބޮޑުކޮށް، ވިއްކާމުދާ އިތުރުކޮށްފި އެވެ.
ހައިޕާމާކެޓު ކޮންސެޕްޓާ އެކީ އައި އެންމެ ބޮޑު ބަދަލަކީ ކުދި ވިޔަފާރިތައް ޝާމިލުވާ ގޮތަށް ޕީޕަލްސް ޗޮއިސް ބައްޓަން ކުރުމެވެ. އެސްޓީއޯގެ މި ކޮންސެޕްޓުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕީޕަލްސް ޗޮއިސްގެ ތެރެއިން ރެކު ނަގައިގެން، އެތަނުގެ ތެރެއިން ވިޔަފާރިކުރުމުގެ ފުރުސަތު ފަހިވެގެން ދިޔަ އެވެ.
އެކަން ކާމިޔާބުވީވަރަކީ، އެސްޓީއޯއިން ވަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާ މަރާމާތުކޮށް، އެތަނުން ވެސް އާންމު ވިޔަފާރިތަކަށް ރެކު ދޫކުރަން ތައްޔާރުވަމުންނެވެ. އޭރުން މިހާރަށް ވުރެ ގިނަ ވިޔަފާރިތަކަށް ޕީޕަލްސް ޗޮއިސްގެ ފުރާޅު ދަށުގައި ތިބެގެން އެ މީހުންގެ އަމިއްލަ ވިޔަފާރި ކުރެވޭނެ މަގުފަހި ވެގެން ދާނެ އެވެ.
އޭގެ އިތުރުން ކެއިން ބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކުތަކާއި ދިވެހި އަމިއްލަ އުފައްދުންތައް ޕްރޮމޯޓު ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހާއްސަ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ހުރިހާ ވެސް ބޭނުމަކީ ސުޕަމާކެޓު ފެށި އިރުގެ ވެސް ވިސްނުމެވެ. "ދިވެހިންނަށް ދައްޗެއް ނެތި މުދާ ލިބޭނެ މަގު ފަހިވުމެވެ."












