ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު އަންނަ ޖެނުއަރީ 31 ގައި ބާއްވާން ނިންމައި އެކަން އެ އެސޯސިއޭޝަނުން އިއުލާނުކޮށްފި އެވެ.
އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު މިހާރު އޮތް ހިންގާ ކޮމިޓީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދީފައިވާތީ މިހާރު އޮތް ކޮމިޓީ އުވޭނެ ފަދަ ހާލަތަކަށް ދިއުމުގެ ބިރު ވެސް އޮތީ ހީވެފަ އެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލާނެ އިއުލާނުކޮށްފައިވާ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހްމަދު ތޯރިގު އިސްވެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އިންތިހާބަކަށް ގޮވާލާފައި މިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިޔުމަށް ސޮއި ހަމަވުމާ ގާތްވެފައި ވަނިކޮށެވެ.
ފީފާ އާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން، ރާއްޖޭގެ ފުޓްބޯޅަ އަށް ހަރަދުކުރަން ފޮނުވާ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް އާއި އެ އެސޯސިއޭޝަންގެ އެކި ވެރިން ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަމުރަށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމާ ގުޅިގެން ތޯރިގު ހިމެނޭހެން ގިނަ ބަޔަކު ވަނީ ބައްސާމްގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.
އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުން ނިންމީ މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ. އެހެންކަމުން އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ 31, ގަ އެވެ.
އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން ޑިސެމްބަރު 27, ގެ 13:00 ގެ ކުރިން ލިޔެކިޔުން ހުށަހެޅުމަށް އެފްއޭއެމުން ވަނީ އެދިފަ އެވެ.
އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ކުރިއަށްގެންދާނީ އެފްއޭއެމްގެ "އިލެކްޓޯރަލް ކޮމިޓީ" ގެ ބެލުމުގެ ދަށުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.











