ބާލިން (ޑިސެމްބަރު 13) - ޔޫނިއަން ބާލިން އަތުން 3-2 އިން މޮޅުވެ، ރެއާލް މެޑްރިޑުން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ނިންމާލައިފި އެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލުން ގްރޫޕް ސީގައި ކުޅުނު ހަ މެޗުން މޮޅުވެ، 18 ޕޮއިންޓް ހޯދި އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ދެން ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވުމުގެ ފުރުސަތު އޮތީ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށެވެ.
ގްރޫޕް ސީގެ ދެ ވަނަ ދިޔައީ ރޭ ސްޕޯޓިން ބްރާގާ އަތުން 2-0 އިން މޮޅުވި، ނަޕޯލީ އެވެ. ނަޕޯލީ އަށް ވަނީ ހަ މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ސްޕޯޓިން ބްރާގާ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ޔޫނިއަން ބާލިން ނިންމާލީ ދެ ޕޮއިންޓާ އެކު އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޔޫނިއަން ބާލިން އިން ރޭގެ މެޗުގައި ލީޑުނެގީ ފުރަތަަމަ ހާފުގެ އިތުރު ވަގުތު ކެވިން ވޮލަންޑް ޖެހި ގޯލުންނެވެ. ރެއާލުން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލީ ހޮސޭލޫ ޖެހި ދެ ގޯލުންނެވެ. މި ލަނޑުތައް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރޮޑްރީގޯ އާއި ފްރާން ގާސިއާ އެވެ.
މެޗުގެ 85 ވަނަ މިނިޓްގައި އަލެކްސް ކްރާލް ވަނީ ޔޫނިއަން ބާލިން އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން، ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ރެއާލް މޮޅުކޮށްދިން ގޯލު ޖެހީ ޑެނީ ސެބާޔޯސް އެވެ.
ގްރޫޕް ޑީގައި ރޭ އިންޓަ މިލާން އާއި ރެއާލް ސޮސިއެޑާޑް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ގްރޫޕްގެ އެއް ވަނަ ދިޔަ ސޮސިއެޑާޑް އާއި ދެ ވަނައިގައި ނިންމި އިންޓަ އަށް ލިބުނީ 12 ޕޮއިންޓެވެ. ރޭ ސަލްޒްބާގް ދަނޑުގައި 3-1 އިން މޮޅުވެ، ބެންފީކާ އިން ގްރޫޕްގެ ތިން ވަނަ ހޯދި އެވެ. ދެ ޓީމަށް ވެސް ހަތަރު ޕޮއިންޓް ލިބުނުއިރު، ބެންފީކާ އިން ކުރިހޯދީ ހެޑް ޓު ހެޑް ގަވާއިދުންނެވެ.












