އާމްދަނީގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު 1.67 ބިލިއަން ރުފިޔާ ބަލައިގަތް ކަމަށާއި އެއީ އަންދާޒާކުރި ވަރަށްވުރެ 9.3 އިންސައްތަ އިތުރު އަދަދެއް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މީރާއިން ބަލައިގަތް އާމްދަނީއަށް ވުރެ 10.5 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ.
އެގޮތުން, ނޮވެމްބަރު، 2022، ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ނޮވެމްވަރު، 2023، ގައި ލިބުނު އާމްދަނީ އިތުރުވީ ޖީއެސްޓީ އިތުރުވުމާއެކު ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީ، ޑިޕާޗާ ޓެކްސް، އެކްސްޕަޓްރިއޭޓް ކޯޓާ ފީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ މީރާއިން ބަލައިގަނެފައިވާތީ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އަދި، އޮކްޓޫބަރު 2022 އާއި އަޅައިބަލާއިރު، އޮކްޓޫބަރު 2023 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 3.5 އިންސައްތަ އިތުރުވެފައިވާތީ، ޓީޖީއެސްޓީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީި އިތުރުވެފައިވާތީ ކަމަށް މީރާއިން ބުނެ އެވެ.
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތަފުސީލު
- ޖީއެސްޓީގެ ގޮތުގައި 1.12 ބިލިއަން ރުފިޔާ (67.16 އިންސައްތަ)
- އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 110.7 މިލިއަން ރުފިޔާ (6.60 އިންސައްތަ)
- ގްރީން ޓެކުހުގެ ގޮތުގައި 84.35 މިލިއަން ރުފިޔާ (5.10 އިންސައްތަ)
- އެއާޕޯޓް ޑެވެލޮޕްމެންޓު ފީގެ ގޮތުގައި 74.33 މިލިއަން ރުފިޔާ (4.50 އިންސައްތަ)
- ޑިޕާޗާ ޓެކްސްގެ ގޮތުގައި 72.93 މިލިއަން ރުފިޔާ (4.34 އިންސައްތަ)
- އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 205.10 މިިލިއަން ރުފިިޔާ (12.30 އިންސައްތަ)
އޭގެތެރޭގައި އާމްދަނީގެ ގޮތުގައި 69.32 މިލިއަން އެމެރިކާ ޑޮލަރު މީރާއިން ބަލައިގެންފައިވެ އެވެ.











