ރިޕޯޓުސިޔާސީ ޖަގަހަތަކަކަށް ވެފައިވާ އެސްއޯއީތަކުގެ ހިންގުން އޯވާހޯލް ކުރަން ޖެހިފައި!

ސިޔާސީ ޖަގަހަތަކަކަށް ވެފައިވާ އެސްއޯއީތަކުގެ ހިންގުން އޯވާހޯލް ކުރަން ޖެހިފައި!

ސަރުކާރުގެ ހިއްސާ އޮތް 20 ކުންފުންޏެއްގެ ފައިދާ 2020 ގައި 275 މިލިއަން ޑޮލަރަށް އެރި ނަމަވެސް އެ ކުންފުނިތަކަށް ޖުމުލަ 224 މިލިއަން ޑޮލަރު ސަބްސިޑީ އާއި ކެޕިޓަލްގެ ގޮތުގައި ސަރުކާރުން އިންޖެކްޓުކުރި އެވެ.

ސިޔާސީ ޖަގަހަތަކަކަށް ވެފައިވާ އެސްއޯއީތަކުގެ ހިންގުން އޯވާހޯލް ކުރަން ޖެހިފައި!

މީލާދީން 1857 އިން ފެށިގެން ދެވަނަ ބޮޑު ހަނގުރާމައިގެ މެދާ ހަމައަށް ދާންދެން ރާއްޖެއިން އެކްސްޕޯޓު ކުރާ މުދަލާއި އިމްޕޯޓުކުރާ މުދާ ވިއްކާ އަގުތައް ވެސް ކޮންޓްރޯލް ކުރަމުންދިޔައީ ވޯރާ ވިޔަފާރިވެރިންނެވެ. މުޅި އިގުތިސޯދުގައި ވަކި ހިއްޕާފައި ތިބި ވޯރާއިން ބޭރު ކުރުމަށް އަމާޒުކޮށް ޑިސެމްބަރު 10, 1942 ގައި "ރައްޔިތުންގެ ބޮޑުއިސްޓޯރު" ގާއިމުކުރި އެވެ. ރަސްމީ ސިފައެއްގައި ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަނެވެ. އޭރު އެ ނިންމުމުގެ ހަމައެކަނި މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ މުދާ އަގުހެޔޮކޮށް ލިބޭނޭކަން ކަށަވަރުކުރުމެވެ.

އެއަށްފަހު 1948 ގައި ސިލޯނުގައި ރެޖިސްޓްރީ ކުރި މޯލްޑިވްސް ނޭޝަނަލް ޓްރޭޑް ކޯޕަރޭޝަން (އެމްއެންޓީސީ) އާއެކު ރާއްޖެއަށް އިމްޕޯޓުކުރާ ގިނަ މުދާ ގެންނަން ފެށީ އެ ކުންފުނީގެ ބޯޓުތަކުގަ އެވެ. އޮގަސްޓު 1, 1962 ގައި ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ތަކެތި ވިއްކުމާއި މުދާ އެކްސްޕޯޓުކުރުން މަނާކުރިއިރު ސަރުކާރުގެ ހިއްސާ އޮތް ހަތަރު ކުންފުންޏެއްގެ ރާއްޖޭގައި އޮތެވެ.

އެއަށްފަހު, ސަރުކާރުން ވެސް ވިޔަފާރީގެ ތެރޭގައި މާ ހަރަކާތްތެރިކޮށް ފެންނަން ފެށި އެވެ. ގައުމީ ޝިޕިން ކުންފުނިން އެއް ޒަމާނެއްގައި 100 އަށްވުރެ ގިނަ ބޯޓު އޮޕަރޭޓު ކުރި އެވެ. ދިވެހި އެއާލައިނުން ލަންޑަނާއި ޕެރިހަށް ދަތުރުކުރި އެވެ. އެސްޓީއޯގެ އޮފީސްތައް ސިލޯނާއި ސިންގަޕޫރުގައި އޮޕަރޭޓުކުރި އެވެ. ދައުލަތުގެ އާމްދަނީ އެތައް ގުނައަކުން އިތުރުކޮށްދިން ދިވެހިންގެ ފަހުރުވެރި ކުންފުނިތަކެކެވެ.

އެފަދަ ކުންފުނިތައް ވެސް އޮޔާ ދިޔައީ ވެރިންގެ ދޯހަޅި ކަމުންނެވެ. ހިންގަން ހަވާލުކުރި މީހުންގެ ގާބިލުކަމެއް ނެތުމުންނެވެ. ކޮރަޕްޝަނާއި ވައްކަމުގެ ތެރޭގައި ދައުލަތަށް ލިބުނީ މާލީ ގޮތުން ފޫނުބެއްދޭނެ ވަރުގެ ގެއްލުންތަކެވެ. ފަހުރުވެރި ކުންފުނިތައް އިނދަ ޖެހި ބަނގުރޫޓުވީ އެވެ.

ސަރުކާރުން ވިޔަފާރީގެ ތެރޭގައި ރަސްމީކޮށް ހަރަކާތްތެރިވާތާ 80 އަހަރަށްވުރެ ގިނަ ދުވަސްވީއިރު ނަތީޖާއަށް ވަކި ބަދަލެއް ނާދެ އެވެ. ކުންފުނިތައް ވީ އިތުރެވެ. ހާހުން ވަޒީފާ އުފައްދައިފި އެވެ. އެކަމަކު ހިންގުމުގެ ތެރެއިން ސިޔާސީން ނުފޫޒާއި ބާރު ނައްތައެއް ނުލެވެ އެވެ. ދައުލަތަށް އޮތީ ހުސް މާލީ ބުރަ އެވެ. ގިނަ ކުންފުނިތައް ވެފައިވަނީ ބޮޑު ތުރާލަކަށެވެ.

ކުރާ ހަރަދާއި އާމްދަނީއާ ނުބައްދަލު

އޭޑީބީން 2016 ގައި ކުރި ދިރާސާއަކުން އެނގޭ ގޮތުގައި އިގުތިސާދީ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ހިއްސާކުރަނީ އެސްއޯއީތަކުންނެވެ. މިއީ އެހެން ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލާއިރު ބޮޑު އަދަދެކެވެ. އެސްއޯއީތަކުގެ އެސެޓް ވެލުއޭޝަން 168 ބިލިއަން ރުފިޔާއަށް ވުރެ ވަނީ އިތުރުވެފަ އެވެ.

ކުދި ގައުމުތަކާ އަޅައިކިޔާއިރު ރާއްޖޭގެ ޕަބްލިކް ސެކްޓަރުގެ ކުންފުނިތަކުން އިގުތިސާދުގައި ބޮޑު ރޯލެއް އަދާކުރެ އެވެ. މީގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓުކުރަން ފުރުސަތު ހަނިވެ އެވެ.

"ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދެނީ ނުއަގުގައި. ހިނގާ ހަރަދާއި ދޭ ހިދުމަތާ ނުބައްދަލު އަގެއް ރައްޔިތުން އަތުން މި ނަގަނީ. ކުންފުންޏަށް ލިބޭ އާމްދަނީއިން ކުންފުނީގެ ހަރަދެއް ހަމަނުޖެއްސޭ. ސްޓެލްކޯއަށް ތެޔޮ ގަންނައިރު ހިނގަނީ އަސްލު އަގެއް ނޫން, ސަބްސިޑައިޒް ކުރާތީ. އެ ހަރަދު މިދަނީ ސަރުކާރުގެ ބަޖެޓުން, ނުއަގުގައި ހިނގާ ހަރަދުތަކުގެ ތަކުލީފު އޮތީ ސަރުކާރަށް," ނަން ނުޖެހުމަށް ޝަރުތުކޮށް މި ރިޕޯޓަށް މައުލޫމާތު ދެއްވި، ރާއްޖޭގެ މާލީ ހާލަތު ދިރާސާކުރައްވާ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާ އެސްއޯއީތަކަށް މަތިކޮށްފައި ވުމަކީ ހަރަދުތައް ބޮޑުވާން މެދުވެރިވާ މައިގަނޑު ސަބަބެވެ. ހިދުމަތުން ފައިދާއެއް ނުނެރެވުނު ނަމަވެސް މެދުކެނޑުމެއް ނެތި ބައެއް ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހެ އެވެ. ކަރަންޓާއި, ފެނާއި, ދަތުރުފަތުރާއި, ކުނި ނައްތާލުމާއި, އިންޓަނެޓަކީ އަގު ކޮންޓްރޯލް ކޮށްގެން ރާއްޖޭގައި ދެމުންދާ ހިދުމަތްތަކެކެވެ.

ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި އެސްއޯއީތަކުން އޮތް ފިސްކަލް ހިރާސްތައް 2.5 ބިލިއަން ޑޮލަރަށްވުރެ އިތުރެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ 45 ޕަސެންޓަށް ވުރެ އިތުރުވުމެކެވެ. 2020 ވަނަ އަހަރު ނިމުނުއިރު އެސްއޯއީތަކުގެ ދަރަނި 4.8 ބިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ.

ސަރުކާރުން ކުންފުނިތަކަށް ދޫކުރި ލޯނުތަކާއި ގެރެންޓީތަކަކީ ދަރަނި އިތުރުވުމުގެ އެންމެ މައިގަނޑު އެއް ސަބަބެވެ. އޭގެ އިތުރުން, ބައެއް މުދަލާއި ހިދުމަތުގެ އަގު ކޮންޓްރޯލް ކުރުމަށް ދޭ ސަބްސިޑީ އާއި ހަރަދުތައް ދެކޮޅު ޖެއްސުމަށް އިންޖެކްޓު ކުރާ ކެޕިޓަލްގެ ސަބަބުން ވެސް ދައުލަތަށް މާލީ ބުރަ އަންނަނީ ކޮންމެ ދުވަހަކުހެން ބޮޑުވަމުންނެވެ.

"ސުވާލަކީ ކިހާ ދުވަހެއް ވަންދެން ހެއްޔޭ ސަރުކާރަށް އެ ތަކުލީފު އުފުލައުފުލާ ތިބެވޭނީ ނުތަކާ ވަރަށް އެ ހަރަދުތައް ހިނގާ ކަމަށް ވަންޏާ. ކުންފުނިތައް މި ހިންގާ އުސޫލަކީ ދެމެހެއްޓެނިވި އުސޫލެއް ނޫން. އެ ކުންފުނިތަކަށް ލިބޭ ލާރިން ދެކޮޅު ޖެއްސޭނެ ގޮތަކަށް ނޫން ސިޔާސަތުތައް ރޭވިފައި ވަނީ," މި ރިޕޯޓަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދައުލަތުން ދޭ ސަބްސިޑީ، އުފެއްދުންތެރިކަމުގެ 4.6 ޕަސެންޓަށް އަރަ އެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ސަބްސިޑީއަށް ހޭދަކުރާ އަދަދު ވަނީ 2019 އިން 2022 އާ ދޭތެރޭ ގާތްގަނޑަކަށް ދެ ގުނަ ވެފަ އެވެ.

ސަރުކާރުގެ ހިއްސާ އޮތް 20 ކުންފުންޏެއްގެ ފައިދާ 2020 ގައި 275 މިލިއަން ޑޮލަރަށް އެރި ނަމަވެސް އެ ކުންފުނިތަކަށް ޖުމުލަ 224 މިލިއަން ޑޮލަރު ސަބްސިޑީ އާއި ކެޕިޓަލްގެ ގޮތުގައި ސަރުކާރުން އިންޖެކްޓުކުރި އެވެ. މިކަމުން ވެސް ދައްކުވައިދެނީ އެސްއޯއީތަކުން ދައުލަތަށް ވައްދަން އުންމީދުކުރާ އާމްދަނީއާ ކައިރި ކުރާ އަދަދަކަށް ވެސް ހަގީގަތުގައި އެ ކުންފުނިތަކަށް އާމްދަނީ ނުވެއްދޭ ކަމެވެ.

ވަޒީފާތަކާއެކު ރަށްރަށުގެ އިގުތިސާދު ވަޅުޖެހެނީ

ޕީސީބީގެ ހިސާބުކިތާބުން އެނގޭ ގޮތުގައި ސަރުކާރުގެ 31 ކުންފުންޏެއް މިވަގުތު ވެސް އޮޕަރޭޓު ކުރަމުންދެ އެވެ. އެ ކުންފުނިތަކުގައި 2023 ގެ ފުރަތަމަ ކުއާޓަރާ ހަމައަށް 32,576 މީހުން ދަނީ ވަޒީފާ އަދާކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކަ ކޯޕަރޭޝަނުގަ އެވެ.

ފުރަތަމަ ކުއާޓަރާ ހަމަޔަށް އެކުންފުނީގައި 7,379 މުވައްޒަފުން ތިބި އިރު އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 62 ޕަސެންޓު އިތުރުވުމެކެވެ. 2018 ވަނަ އަހަރު އެކުންފުނީގައި ތިބީ ޖުމުލަ 2,756 މުވައްޒަފުންނެވެ. ދެވަނަ އަށް އެންމެ ގިނަ މުވައްޒަފުން ތިބީ އެމްޓީސީސީގަ އެވެ. އެ ކުންފުނީގައި 4,115 މުވައްޒަފުން އެބަތިއްބެވެ.

އެސްއޯއީތަކަކީ ވޯޓަށް ވަޒީފާ އުފަންކުރަން ބޭނުންކުރާ ހަތިޔާރަކަށް ކޮންމެ ސަރުކާރެއްގައި ވެސް އޮތީ ވެފަ އެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަން ނިމިގެންދިޔައިރު އެ ކުންފުނިތަކުގައި ތިބީ ޖުމްލަ 18,676 މުވައްޒަފުންނެވެ. އެ ހިސާބުކިތާބުން ބަލާއިރު އެމްޑީޕީގެ ދެވަނަ ވެރިކަމުގައި އިތުރު 13,900 ވަޒީފާ ސަރުކާރު ކުންފުނިތަކުން ވަނީ އުފައްދާފަ އެވެ. އެއީ މި އަހަރުގެ ފަހު ތިން ކުއާޓަރުގެ ހިސާބު ނުހިމަނަ އެވެ. އިންތިހާބާ ދިމާކޮށް ކުންފުނިތަކުން އެތައް ސަތޭކަ ވަޒީފާއެއް ދިނެވެ.

"ހިންގުން ރަނގަޅު ކުރަން ކުރަންޖެހޭ އެއް ކަމަކީ މުވައްޒަފުން ނަގާ އަދަދާއި, ރޭޓާއި ނަގާ ކަންކަން ސްޓްރީމްލައިން ކުރުން. ވަރަށް ބައިވަރު މީހުން ކޮންޓްރެކްޓް އުސޫލަށް އެބަ ނަގާ. އެކަމަކު ކޮންޓްރެކްޓް ނިމުމުން ވެސް އެބަ ބަހައްޓާ މުސާރަ ހިނގާ ގޮތަށް. އެހެން ހެދުމުން މުސާރަ ލިބޭ މީހާގެ އެއްވެސް އިންޕުޓެއް ނުލިބޭ ކުންފުންޏަށް. ކުންފުންޏަށް ނަގާ މީހަކީ ކުންފުންޏަށް މަންފާވާނެ މީހަކަށް ވާން ޖެހޭ," އޭނާ ވިދާޅުވި އެވެ.

ޕީޕީއެމާއި އެމްޑީޕީން ވެސް އެސްއޯއީތައް ބޭނުންކުރީ ރަށްރަށުގައި ތިބި އެ ޕާޓީތަކަށް ތާއީދުކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމަށެވެ. އާބާދީގައި 2000 މީހުން ހަމަނުވާ ރަށްރަށުގައި 100 އަށްވުރެ ގިނަ ވަޒީފާ ބައެއް ކުންފުނިތަކުން ވަނީ އުފައްދާފަ އެވެ. މި ވަރަށް ވަޒީފާ ނުއުފެއްދި ނަމަވެސް އިންޖީނު ގެއަކާއި ފެނުގެ ހިދުމަތް ދެވޭނެކަން އެހެން ރަށްރަށުން ފެންނާން އެބަހުއްޓެވެ.

ރަށްރަށުގައި މަސްވެރިކަމާއި, ދަނޑުވެރިކަމާއި އަދިވެސް އެ ނޫން އެކި ދާއިރާތަކުގައި މުރާލިކަމާއެކު ހަރަކާތްތެރިވާ އެތައް ބަޔަކަށް މަހު މުސާރަ ޔަގީންވާނެ ގޮތެއް ދެއްކުން ވެގެންދިޔައީ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށެވެ. މިކަމާ ގުޅިގެން ތަފްސީލީ ދިރާސާތަކެއް ހެދިފައި ނެތް ނަމަވެެސް 10, 12 އޮޑި މަހަށް ފުރި ރަށްރަށުން އެންމެ އޮޑިއެއް ވެސް މިހާރު މަހަކަށް ނުފުރަ އެވެ. މަސްވެރިކަމުގައި އުޅެން ބޭނުންވާ މީހެއްނަމަ ބަލަން ޖެހެނީ ކައިރި އެހެން ރަށަކުން ދޯންޏެއް ހޯދައިގެން މަހަށް ފުރޭނެ ގޮތެއް ހޯދުމަށެވެ.

"ގައުމެއްގެ އިގުތިސާދެއް ނުއެއް ހިނގާނެ އަބަދު ސަރުކާރުން މީހުންނަށް ވަޒީފާ ދޭ ކަމަށް ވަންޏާ. ޓުއަރިޒަމް ސެކްޓަރު ހުއްޓޭ ދުވަހު ގައުމެއް ނުއެއް ހިނގާނެ. މަހަށް ދާނެ ބަޔަކު ނެތް. ދަނޑު ހައްދާނެ ބަޔަކު ނެތް. ކޮންސްޓްރަކްޝަން ސެކްޓަރުގައި ވެސް ބޭރު ކުންފުނިތަކުން ބޮޑެތި ޕްރޮޖެކްޓުތައް ނަގަނީ. ދިވެހިން އިގުތިސާދީ މަސައްކަތް ކުރަން ބޭނުމެއް ނުވޭ ސަރުކާރުން މިގޮތަށް ހިލޭ ސާބަހަށް ވަޒީފާ ދޭތީ. އެއްވެސް މަސައްކަތެއް ނުކޮށްތިބެ ގެއަށް ލާރިވެއްދޭ," އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މެދުގައި ކަންނެތް ކަމާއި ފަސޭހަ ގޮތް ހޯދުން ވަނީ އާދައަކަށް ވެފަ އެވެ. ގައުމީ އުފެއްދުންތެރިކަމުގައި އެ ރައްޔިތުން ކުރަމުންދިޔަ ހިއްސާ އާއި ޒިންމާ އުފުލާން ޖެހިފައިވަނީ ކުންފުނިތަކަށެވެ. އާހިރުގައި އޭގެ މާލީ ބުރަ އޮތީ ސަރުކާރަށެވެ. މުސާރަ ނުދީ ވެރިކަމެއް ނުހިފެހެއްޓޭނެ އެވެ.

ކުންފުނިތަކަށް ލިބޭ އާމްދަނީގެ ބޮޑު ހިއްސާއެއް ދަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އާރުޑީސީގެ އާމްދަނީގެ 50 ޕަސެންޓު, އެމްޕީއެލްގެ އާމްދަނީގެ 58 ޕަސެންޓު, އެމްޓީސީސީގެ އާމްދަނީގެ 25 ޕަސެންޓު އަދި ފެނަކައިގެ އާމްދަނީގެ 28 ޕަސެންޓު ހޭދަކުރަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކަން ޕީސީބީގެ ތަފާސްހިސާބުން އެނގެ އެވެ. 10 ކުންފުންޏަކުން އާމްދަނީގެ 50 ޕަސެންޓަށް ވުރެ މަތިން ހޭދަކުރަނީ މުސާރައަށެވެ.

ހިންގުމުގެ ނިޒާމު އޯވާހޯލް ކުރަން ޖެހިފައި

އެސްއޯއީތަކުގެ ސަބަބުން ހުރި އިގުތިސާދީ ހިރާސްތައް ނައްތާލުމަށް ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް މިވަނީ ގެންނަން ޖެހިފަ އެވެ. ސިޔާސަތުތައް ތަންފީޒު ކުރުމަށް ކޮންމެހެން ދަމަހައްޓަން ޖެހޭ ކުންފުނިތަކާއި ވިޔަފާރީގެ ފައިދާ ނެރޭނެ ކުންފުނިތައް ވަކިވާން ޖެހެ އެވެ. އާމްދަނީ އިތުރުކޮށްދޭނެ ކުންފުނިތަކުގެ ޕާފޯމަންސަށް ބެލުމަށް ފަހު ސަބްސިޑީ ފޯރުކޮށްދޭނެ ނިޒާމުތަކެއް ގާއިމުކުރަން ޖެހެ އެވެ.

ހަމައެއާއެކު, އާ ކުންފުނިތައް އުފެއްދުމުގައި ވަކި މިންގަނޑެއް މިވަނީ ގެންގުޅެން ޖެހިފަ އެވެ. އެއް މަސައްކަތެއް ކުރުމަށް ދެތިން ހަތަރު ކުންފުނި އޮތުމުގެ ބަދަލުގައި އެ މަސައްކަތަކަށް ހާއްސަ އެއް ކުންފުނި އޮންނަން ޖެހެ އެވެ.

މިފަހުން އައި ދެ ސަރުކާރުން ވެސް މަގު ހެދުމަށް ދެ ކުންފުނި އުފެއްދިއިރު އެކަމުގެ ފަންނީ ގާބިލިއްޔަތުކަމާއި ތަޖުރިބާ އޮތް ރާއްޖޭގެ ބޮޑު ކުންފުންޏެއް އެބައޮތެވެ. ރާއްޖޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާއިރު އެފަދަ މަސައްކަތް ކުރާ ދުނިޔޭގެ ފެންވަރުގެ ކުންފުނިތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެފަދަ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާ އުސޫލުން ކުންފުންޏެއް ހަދައި އެ މަސައްކަތަށް ހާއްސަ ކުރެވިދާނެ އެވެ.

"ސިޔާސީ މީހުންނަށް ސަސްޓެއިނެއް ނުވޭ. ކޮންމެވެސް ކަހަލަ ޕްރެޝަރެއް އެބަ އާދޭ ރައްޔިތުންގެ ފަރާތުން. ކޮންމެ އިންތިހާބަކާ ދިމާކޮށްފައި އެބަ ޖެހޭ ކަންކަން ކުރަން. ސިޔާސީ މީހުންނަކަށް ނޯވޭ މިކަންކަން ރަނގަޅު ކުރުމުގެ އެދުމެއް ވެސް. އިންތިހާބުތަކުން މޮޅުވާނެ ޓޫލެއް ގޮތުގައި ކުންފުނިތައް ބޭނުންކުރަނީ. ރައްޔިތުންނަށް އޭގެ ގެއްލުން ލިބެނީ," ރާއްޖޭގެ މާލީ ހާލަތު ދިރާސާކުރައްވުމުގެ މަސައްކަތް ކުރައްވާ ތަޖުރިބާކާރު ވިދާޅުވި އެވެ.

އަލަށް އުފައްދާ ކުންފުނިތަކަކީ ސާފު މެންޑޭޓަކާ އެކު, ޖަވާބުދާރީ ކުރަނިވި ގޮތަށް, ވިޔަފާރި ކުރެވޭނެ ވަކި ދާއިރާތައް ކަނޑައެޅިފައިވާ ކުންފުނިތަކަށް ވާން ޖެހެ އެވެ. މެލޭޝިއާ, ސިންގަޕޫރު, އަދި ބޫޓާން ފަދަ ގައުމުތަކުގައި އެސްއޯއީތައް ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ފަދަ ހޯލްޑިން ކުންފުންޏެއް ރާއްޖެއަށް ވެސް ގާއިމުކުރެވިދާނެ އެވެ. އެއީ, ރާއްޖޭގެ ކުންފުނިތަކަށް އޮތް ސިޔާސީ ނުފޫޒު ދަށްކޮށް ހިންގުން ހަރުދަނާ ކުރަން ހިރާސްތަކާ އެކު ވެސް އެޅިދާނެ ފިޔަވަޅެކެވެ.

ސަރުކާރުން ބޭނުން ވަގުތަކު ކުންފުނިތަކަށް ފައިސާ އިންޖެކްޓު ކުރެވޭ ގޮތަށް އޮތުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ހުއްދައާއެކު މެނުވީ ވަކި އަދަދަކަށް ވުރެ އިތުރަށް ފައިސާ ފޯރުކޮށްނުދެވޭނެ ގޮތްތަކެއް ރާވަން ޖެހެ އެވެ. އޭގެ އިތުރުން, އެސްއޯއީތައް މޮނީޓާ ކުރާ ފްރޭމްވޯކަށް ބަދަލު ގެނެސް މާލީ މައުލޫމާތުތައް ހާމަކުރުމުގެ ސަގާފަތެއް ގެންނާން ޖެހެ އެވެ.

ސަރުކާރުގެ ކުންފުނިތަކަކީ އާންމުންނަށް އޮތް ވިޔަފާރީގެ ހުރަހެއްގެ ބަދަލުގައި ވިޔަފާރީގެ ބައިވެރިޔަކަށް ބަދަލުވާން ޖެހެ އެވެ. ކުންފުނިތަކުގައި މާލީ ދުޅަހެޔޮކަން ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. އެދެވޭ ބަދަލުތަކެއް ނުގެނެސް ނަތީޖާއަށް ވާސިލުވެވޭނެ ފިޔަވަޅުތަކެއް ނާޅައިފިނަމަ އެއާ މޯލްޑިވްސް އާއި އެމްއެންއެސްއެލްއަށް ޖެހުނު ހާލު މިހާރުގެ ކުންފުނިތަކަށް ވެސް ޖެހުމަކީ ވެދާނެ ކަމެކެވެ. މާލީ ބުރަ އުފުލަން ޖެހޭނީ ސަރުކާރުންނެވެ. އެއީ ރައްޔިތުންގެ ޖީބުން ކުރަން ޖެހިދާނެ ހޭދައެކެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox