ލަންޑަން (ޑިސެމްބަރު 10) - ރެކޯޑު އަގެއްގައި ނަޕޯލީއަށް ކުޅެމުން އަންނަ ފޯވާޑް ވިކްޓާ އޮސީމެން ގަންނަން ޗެލްސީ އިން ތައްޔާރުވެއްޖެ އެވެ.
މިދިޔަ ސީޒަންގެ އިޓަލީ ލީގު ނަޕޯލީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އޮސީމެން ވިއްކާލަން ނަޕޯލީ އިން ބޭނުންނުވި ނަމަވެސް އޭނާ ބޭނުންވަނީ މި ސީޒަނަށް ފަހު ކުލަބު ދޫކޮށްލާށެވެ. އެހެންވެ ނަޕޯލީގެ ވިސްނުމަކީ ޖެނުއަރީ ޓްރާންސްފާގައި ރަނގަޅު އަގެއްގައި އޮސީމެން ވިއްކާލާށެވެ.
ޗެލްސީ އިން އޮސީމެން ގަންނަން ތައްޔާރުވަމުން މި އަންނަ ދަނޑިވަޅަކީ އެ ކުލަބުން ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާ މައްސަލަތަކެއް ބަލަމުން އަންނަ ދަނޑިވަޅެކެވެ. އެ ގޮތުން ކުޅުންތެރިން ގަތުމާއި ވިއްކުމުގައި އެކުލަބުން އެފްއެފްޕީގެ ގަވާއިދާ ހިލާފުވެފައިވާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ބޮޑު އަދަބެއް ލިބިދާނެކަމަށް ބެލެވިފައި އޮތް ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އިން ބޭނުންވަނީ އޮސީމެން ގަންނާށެވެ. ޖެނުއަރީގައި އޮސީމެން ގަންނަނަމަ 110 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއް އެކުލަބުން ހޭދަކުރަން ޖެހޭނެ އެވެ.
މިވަގުތު އެކުލަބުގެ ރެކޯޑު ޓްރާންސްފާ ކަމަށްވާ އެންޒޯ ފެނާންޑޭޒް އަށް ހޭދަކުރި އަގުކަމަށްވާ 107 މިލިއަން ޕައުންޑަށްވުރެ ހޭދަކުރަން ކުލަބުގެ ވެރިޔާ ޓޮޑް ބޯލީ ހުރީ ތައްޔާރަށެވެ.
ޗެލްސީ އަކީ މިދިޔަ ދެ ސީޒަނަށް ބަލާއިރު ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑު ހޭދައެއް ކުރި ކުލަބެވެ. ބޮޑު ހޭދައެއް ކުރި ނަމަވެސް އެކުލަބަށް މި ސީޒަންގައިވެސް އަދި އެންމެ އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވެ އެވެ. މި ވަގުތު އެކުލަބު އޮތީ ޕްރިމިއާ ލީގު ތާވަލްގެ 10 ވަނައިގަ އެވެ. އެކުލަބުން ލީގުގައި ކުޅުނު 15 މެޗުން މޮޅުވީ އެންމެ ފަސް މެޗުންނެވެ.












