މެންޗެސްޓާ (ޑިސެމްބަރު 6) - މެންޗެސްޓާ ޔުނައިޓެޑްގެ ނޫސް ކޮންފަރެންސްތަކަށް ހަތަރު މީޑިއާއެއް ނުވައްދަން ނިންމާފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފި އެވެ.
ޔުނައިޓެޑުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނުވައްދަން ނިންމާފައިވަނީ ސްކައި، އީއެސްޕީއެން، މެންޗެސްޓާ އިވްނިން ނިއުސް އަދި މިރާ އެވެ. ޔުނައިޓެޑުން ބުނީ މި ގޮތަށް ނިންމަން ޖެހުނީ އެ ކްލަބްގެ ބަހެއް ހޯދުމެއް ނެތި ހަގީގަތާ ހިލާފު، މާނަ އޮޅޭ ވާހަކަތައް މީޑިއާތަކުން ގެނެސްދޭތީ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މި ނިންމުން ނިންމަން ޖެހުނު އެންމެ ބޮޑު ސަބަބަކީ، އެ ކްލަބްގެ ކޯޗު އެރިކް ޓެން ހާގާ މެދު ކުޅުންތެރިންގެ އިތުބާރު ގެއްލިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން، ވަކިވަކި ކުޅުންތެރިންނާ ޓެން ހާގާ މެދު ގުޅުން ގޯސް ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެން ހާގް ބުނީ މީޑިއާތަކުން ނޫހުގައި އެ ވާހަކަތައް ލިޔުމުގެ ބަދަލުގައި އޭނާ ކައިރިން ހަގީގަތް ހޯދަން މަސައްކަތް ކުރި ނަމަ ވަރަށް ފުރިހަމަކޮށް ކަންކަން ހާމަވެގެންދާނެ ކަމަށެވެ.
"ކުޅުންތެރިން އަހަންނާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ނުއެއް ބުނޭ. އަހަންނާ ތަފާތު ހިޔާލުތަކެއް ހުރި ދެތިން ކުޅުންތެރިއަކު ހުރެދާނެ. އެކަމަކު، މެޖޯރިޓީ ކުޅުންތެރިންގެ މި އޮތީ އަހަރެން މި ބޭނުންވާ ވިސްނުމުގައި ޓީމާ އެކު ކުރިއަށްދާން،" ޓެން ހާގް ބުންޏެވެ.
ލީގުގެ ހަތް ވަނައިގައި ޔުނައިޓެޑް އޮތީ 14 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް އޮތީ ވާދަކުރާ ގްރޫޕްގެ ފުލުގަ އެވެ.












