ރާއްޖެ އާއި ތުރުކީއާ ދެމެދު މިދިޔަ އަހަރުގެ ތެރޭގައި ބައި ބިލިއަން ރުފިޔާގެ އަގުހުރި ވިޔަފާރިކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދެ ގައުމުގެ ދޭތެރޭގައި ކުރި ވިޔަފާރީގެ ތެރެއިން ބޮޑު ބައި ހިއްސާކުރަނީ ތުރުކީން އިމްޕޯޓު ކުރި މުދަލެވެ. މިދިޔަ އަހަރު ތުރުކީން 499.4 މިލިއަން ރުފިޔާގެ އަގުހުރި މުދާ އެތެރެކޮށްފައި ވެ އެވެ. މި މުއްދަތުގެ ތެރޭގައި ތުރުކީއަށް ބޭރުކުރީ 957,212.55ރ. ގެ މުދަލެވެ.
ތުރުކީން އެތެރެކުރި މުދަލުގެ ތެރެއިން އެންމެ އަގުހުރީ ސަންފްލަވާ އާއި ސެފްލާވާ ތެލުގެ ބާވަތްތަކުގެ އެވެ. ދެން އެންމެ ގިނައިން އެތެރެކުރީ ޓިޝޫ އާއި އެނބުރި ދަގަނޑާއި ދަގަނޑު ހޮޅި އާއި ދަގަނޑު ސްޓްރަކްޗާތަކެވެ. އިމްޕޯޓު ކުރި ބާވަތްތަކަށް ބަލާއިރު އެ ގައުމުން އެތެރެކުރި ގިނަ މުދަލަކީ މޭވާ އާއި ތަރުކާރީ އާއި ތައްޔާރީ ކާނާގެ ބާވަތްތަކެވެ.
ތުރުކީން އެންމެ ގިނައިން އެތެރެކުރި ބާވަތްތަކާއި އޭގެ އަގު
- ސަންފްލަވާ އާއި ސެފްލާވާ ތެޔޮ - 22.7 މިލިއަން ރުފިޔާ
- ޓިޝޫ - 22.5 މިލިއަން ރުފިޔާ
- އެނބުރި ދަގަނޑާއި ދަގަނޑު ހޮޅި - 14 މިލިއަން ރުފިޔާ
- ދަގަނޑު ސްޓްރަކްޗާތައް - 12.6 މިލިއަން ރުފިޔާ
- ވެފާ އާއި ރައިސް ޕޭޕާ - 11.8 މިލިއަން ރުފިޔާ
ތުރުކީއަށް ބޭރުކުރީ އެންމެ ތިން ބާވަތެއްގެ މުދަލެވެ. އެއީ ކަނޑު މަހާއި ކައްނެއްޔާއި ޓޭންކުތަކުގައި ގެންގުޅޭ ވައްތަރުގެ ކުދި ފަރު މަހެވެ.
ތުރުކީއަށް ބޭރުކުރި ބާވަތްތަކާއި އޭގެ އަގު
ކަނޑު މަސް - 748,571.71 ރުފިޔާ
- ކަންނެލި - 196,454.61 ރުފިޔާ
- ޓޭންކުތަކުގައި ގެންގުޅޭ ކުދި ފަރު މަސް - 12،186 ރުފިޔާ
އެކްސްޕޯޓު އިމްޕޯޓު މުއާމަލާތްތަކުގެ މައުލޫމާތު އެއްކުރާ، އޮބްޒަވޭޓަރީ ފޯ އިކޮނޮމިކް ކޮމްޕްލެކްސިޓީ (އޯއައިސީ) ގައި ވާ ގޮތުގައި 25 އަހަރުގެ ތެރޭގައި (1996 އިން 2021 އަށް) ތުރުކީއަށް ބޭރުކުރި މުދަލުގެ އަގު އަހަރަކު 10.6 ޕަސެންޓު މަގުން ވެއްޓެމުން އައިސް، 1996 ގައި 13 މިލިއަން ރުފިޔާއަށް ވުރެ މަތީގައި ހުރި އެކްސްޕޯޓުގެ އަގު 2021 ގެ ނިޔަލަށް ހުރީ 795,000ރ. ގަ އެވެ.
އެކަމަކު، ހަމަ މި މުއްދަތުގެ ތެރޭގައި ތުރުކީން އެތެރެކުރާ މުދަލުގެ އަގު އަންނަނީ އަހަރަކު 22.3 ޕަސެންޓު ރޭޓުން އިތުރުވަމުންނެވެ. މިއާ ގުޅިގެން ދެ ގައުމުގެ ޓްރޭޑް ޑެފިސިޓް ވަރަށް ބޮޑުވެފައިވާ ކަން ވެސް އޯއައިސީން ފާހަގަކޮށްފައި ވެ އެވެ.
މަހުން ނަގާ ޓެރިފް ހުރީ 30 ޕަސެންޓުގައި
ތުރުކީއަށް އެތެރެކުރާ މަހުގެ ގިނަ ބާވަތްތަކުން ބޮޑު ޑިއުޓީއެއް ނަގަ އެވެ. ނަމަވެސް އެކި ގައުމުތަކަށް ނަގާ ޑިއުޓީ ރޭޓުތައް ތަފާތެވެ.
ތުރުކީ ސަރުކާރުން 2018 ގައި އަދާހަމަކޮށްފައިވާ ރާއްޖޭން އަންނަ މުދަލުގެ ޓެރިފް ޝެޑިއުލްގައިވާ ގޮތުގައި އެ ގައުމަށް އެތެރެކުރާ ރާއްޖޭގެ މަހުން 30 ޕަސެންޓުގެ ޑިއުޓީ ނަގަ އެވެ. މިއީ ޔޫރަޕާއި އިނގިރޭސި ވިލާތުން ނަގާ ވަރަށް ވުރެ ބޮޑު ޓެރިފެކެވެ.
މިފަހުން ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ އަނބުރާ ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިކް ކުޑަކުރުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރާ ގުޅިގެން ފަށާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ މަނިކުފާނު ވަނީ ރާއްޖެ އާއި ތުރުކީއާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ދެގުނައަށް އިތުރު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. މިކަމަށް ފަހިކުރުމުގެ ގޮތުން އެ ދަތުރުފުޅުގެ ތެރެއިން އިގުތިސޯދީ ދާއިރާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެ އެވެ.










