އެސްޓީއޯއިން ކުރިޔަށްގެންދާ "ހެއްޔާ މަކިޓާ 2023" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
އަންނަ ޖެނުއަރީ މަހުގެ 11 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ފަށްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، މުހައްމަދު އީމާން އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މި މުއްދަތުގައި އެ ކުންފުނީގެ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައި ވެސް ޕްރޮމޯޝަން ކުރިޔަށް ގެންދާނެ އެވެ. އަދި, ޕްރޮމޯޝަންގެ ދަށުން ކުރާ 500ރ. ގެ ކޮންމެ ވިޔަފާރި އަކުން ކޫޕަނެއް ލިބޭއިރު 30 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއްވަނައަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ. އަދި ދެވަނައަށް 20،000ރ. ގެ ގިފްޓް ވައުޗަރު ލިބޭއިރު ތިންވަނައަށްދާ ފަރާތަކަށް 10،000ރ. ގެ ގިފްޓް ވައުޗަރު ލިބޭނެ އެވެ.
އެސްޓީއޯއިން ބުނީ ހެއްޔާ މަކިޓާ ޕްރޮމޯޝަނުގެ އިތުރުން މި ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި, މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބޭނެ ކަމަށް ބުންޏެވެ.











