ލަންޑަން (ނޮވެމްބަރު 30) - އާސެނަލްގެ އިނގިރޭސި ކީޕަރު އާރޮން ރަމްސްޑޭލް ވިއްކާލަން އެ ކުލަބުން ދެކޮޅު ހަދައިފި އެވެ.
މިދިޔަ ސީޒަންގައި އާސެނަލްގެ އެއް ވަނަ ކީޕަރު ގޮތުގައިހުރި ރަމްސްޑޭލް އަށް އެ މަގާމު ގެއްލުނީ މި ސީޒަންގައި އެ ކުލަބަށް ގެނައި ޑޭވިޑް ރަޔާގެ ސަބަބުންނެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އެއް ވަނަ ހޮވުމަކީ ރަޔާ އެވެ. ރަމްސްޑޭލް އަށް ފުރުސަތު ލިބެނީ ބެންޗުންނެވެ.
ސީޒަންގެ ކުރީކޮޅު ފުރަތަމަ އެގާރައިން ޖާގަ ގެއްލުމުން ރަމްސްޑޭލް ހުރީ ހިތްހަމަނުޖެހިފަ އެވެ. އޭނާ ކުލަބު ދޫކޮށްލަން ބޭނުންވާކަމަށް އަޑުތަކެއްވެސްވަނީ ފެތުރިފަ އެވެ. މި ކަމުގެ ފައިދާ ނަގައި ޕްރިމިއާ ލީގުގެ ބައެއް ކުލަބުތަކުން އަންނަނީ ރަމްސްޑޭލް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރަމްސްޑޭލް ހޯދުމަށް ކުލަބަކުން ވަނީ ބިޑެއް ވެސް ހުށަހަޅާފަ އެވެ. މި ބިޑަށް އާސެނަލުން ނޫނެކޭ ބުނެފައިވާއިރު, ރަމްސްޑޭލް ދޫކޮށްލުމުގެ ވިސްނުމެއް ނެތްކަމަށް އެކުލަބުން ވަނީ ހާމަކޮށްފަ އެވެ.
ރަމްސްޑޭލް ހޯދަން މަސައްކަތްކުރާނެ ކަމަށް ބެލެވޭ އެއް ކުލަބަކީ ވުލްވްސް އެވެ. އެ ޓީމުގެ އެއް ވަނަ ކީޕަރު ހޯސޭ ސާ އަށް ސައުދީގެ ކުލަބުތަކުން ހުށަހެޅުންތައް ލިބިފައިވާއިރު, އޭނާ އެކުލަބު ދޫކޮށްލުން ގާތް ކަމަށް ބެލެވެ އެވެ. ސާގެ ބަދަލުގައި ވުލްވްސް އިން ގެންދަން ބޭނުންވަނީ ރަމްސްޑޭލް އެވެ.
ރަމްސްޑޭލް އަށް ވުލްވްސް އިން ލޯން އެއްބަސްވުމެއް ދޭން ތިބީ ތައްޔާރަށެވެ. އެ ގޮތުން އަންނަ ޖެނުއަރީ މަހު ލޯން އުސޫލުން ސޮއިކުރުމަށްފަހު, ޖޫންމަހު ދާއިމީ އެއްބަސްވުމަކަށްދާން އެ ކުލަބުން ބޭނުންވެ އެވެ.
އާސެނަލް ދޫކޮށްލަން ރަމްސްޑޭލް ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އިނގިރޭސި ގައުމީ ޓީމުގެ ޖާގަ ޔަގީންކުރުމެވެ. އެ ގޮތުން އަންނަ އަހަރުގެ ޔޫރޯގައި ވާދަކުރާ ގައުމީ ޓީމްގައި ހިމެނެން ބޭނުންނަމަ ރަމްސްޑޭލް އަށް ޓީމެއްގެ ފުރަތަމަ އެގާރައިގައި ކުޅުން ވަރަށް މުހިންމެވެ.












