މެންޗެސްޓާ (ނޮވެމްބަރު 29) - ޗެލްސީއަށް ކުރިން ކުޅުނު ޖަރުމަންގެ ފޯވާޑް ޓިމޯ ވާނާ ގެންނަން މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ޖަރުމަންގެ ގައުމީ ޓީމަށް ވެސް ކުޅޭ ވާނާ މި ވަގުތު ކުޅެމުން އަންނަނީ ޖަރުމަން ލީގުގެ އާރްބީ ލައިޕްޒިގު އަށެވެ. އޭނާ ވަނީ 2020 އިން ފެށިގެން 2022 އަށް ޗެލްސީ އަށް ކުޅެފަ އެވެ. ނަމަވެސް އެކުލަބުގައި މާ އެދެވޭ ކުޅުމެއް ނުދެއްކި މިދިޔަ ސީޒަންގެ މެދުތެރެއިން އަލުން ޖަރުމަން ލީގަށް ބަދަލުވީ އެވެ.
އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމަށް ޔުނައިޓެޑުން އަންނަނީ ފޯވާޑެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެންތަނީ މާޝިއާލްގެ ބަދަލުގައި ގެންނާނެ ފޯވާޑުން ޝޯޓްލިސްޓުކޮށްފައިވާއިރު އެ ލިސްޓުގައި ވާނާ ހިމެނޭކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޖަރުމަންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވާނާ ގެންދިޔުމާ ގުޅޭގޮތުން ޔުނައިޓެޑުން ވަނީ ކުލަބާ ވާހަކަދައްކައިފަ އެވެ. ނަމަވެސް އޭނާ އަށް ބިޑުކުރުމަށް އަދި ޔުނައިޓެޑަކުން ތައްޔާރެއް ނޫނެވެ.
ބެލެވޭ ގޮތުގައި ވާނާ އެނބުރި ޕްރިމިއާ ލީގަށް އައުން ދުރެވެ. ސަބަބަކީ އިނގިރޭސި ފުޓްބޯޅައަށް ހޭނެން އޭނާ އަށް ގޮންޖެހުން ބޮޑުވުމާއި، އިނގިރޭސިވިލާތުގައި އުޅެން އޭނާ އަށް އުނދަގޫތަކެއް ހުރުމެވެ.
ޖަރުމަން ލީގުގައި މޮޅަށް ކުޅުނު ވާނާ ޗެލްސީއަށް ބަދަލުވީ 47.5 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. ނަމަވެސް އެ ޓީމު ޖޯޒީގައި ކުޅުނު 89 މެޗުގައި ވާނާ އަށް އެ ކުލަބަށް ޖެހުނީ އެންމެ 23 ގޯލެވެ. ނަތީޖާއެއްގެ ގޮތުން ޖަރުމަންގެ ގައުމީ ޓީމުން އޭނާ އަށް ޔަގީންވެފައި އޮތް ޖާގަވެސް ގެއްލުނެވެ.












