މެޑްރިޑް (ނޮވެމްބަރު 27) - ސްޕެނިޝް ލީގުގައި ރޭ ރޮޑްރީގޯ ޖެހި ގޯލުތަކާ އެކު، 3-0 އިން ކަޑިޒް ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ކުރިން އޮތް ޖިރޯނާ ކުޅޭ މެޗު މިރޭ އޮތްއިރު، ރޭ ރެއާލުން އެއް ވަނަ އަށް އެރީ 14 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޖިރޯނާ އޮތީ 13 މެޗުން 34 ޕޮއިންޓާ އެކު އެވެ. އެތުލެޓިކް ބިލްބާއޯ އަތުން މިރޭ ޖިރޯނާ މޮޅުވެއްޖެނަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ކަޑިޒް ދަނޑުގައި ރޭ ކުޅުނު މެޗުގެ 14 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ރޮޑްރީގޯ އެވެ. ފުރަތަމަ ހާފުގައި ރެއާލުން ނިންމާލީ އެއް ގޯލުގެ ލީޑެއްގަ އެވެ.
މެޗުގެ 64 ވަނަ މިނިޓްގައި ރެއާލްގެ ދެ ވަނަ ގޯލު ޖެހީ ވެސް ރޮޑްރީގޯ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރޮޑްރީގޯ މި ގޯލު ޖެހީ، ލޫކަ މޮޑްރިޗް ދިން ބޯޅައަކުންނެވެ. އޭގެ 10 މިނިޓް ފަހުން، ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތަކުން، ރެއާލްގެ ފަހު ގޯލު ޖެހީ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެވެ.
މި ސީޒަނުގައި ރެއާލަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލިންހަމް ވަނީ ސީޒަނުގައި މިހާތަނަށް ރެއާލަށް 13 ގޯލު ޖަހައިދީފަ އެވެ. އޭގެ ތެރެއިން 11 ގޯލު ޖަހާފައިވަނީ ލީގުގަ އެވެ. ބެލިންހަމް އަކީ ރެއާލާ ގުޅުމަށް ފަހު، އެންމެ މަދު މެޗު ކުޅެގެން މި އަދަދަށް ގޯލު ޖެހި ކުޅުންތެރިޔާ އެވެ.












