ރިޕޯޓުޝަހީމްގެ އަމާޒަކީ ޒަކާތުގެ ކަންތައް ވަރުގަދަ ނިޒާމަކަށް ފެއްތުން!

ޝަހީމްގެ އަމާޒަކީ ޒަކާތުގެ ކަންތައް ވަރުގަދަ ނިޒާމަކަށް ފެއްތުން!

ކުރިއަށް އޮތް ފަަސް އަހަރު ދުވަހު އިސްލާމިކް މިނިސްޓްރީން ކުރާނެ މަސައްކަތްތައް އޮތީ ވަރަށް ތަފްސީލުކޮށް އެކަށަ އަޅައިފަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުހައްްމަދު ޝަހީމް އަލީ ސައީދު "އަދަދު" އަށް އިއްޔެ ދެއްވި އިންޓަވިއުގައި އެފަދަ ބައެއް މަސައްކަތުގެ ތަފްސީލު ދެއްވި އެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް "އަދަދު"އަށް އިންޓަވިއު ދެއްވަނީ. އޭނާ ވިދާޅުވީ ޒަކާތުގެ ކަންތައް ވަރުގަދަ ނިޒާމަކަށް ފައްތަވާނެކަަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
އިސްލާމިކް މިނިސްޓަރު ޝަހީމް "އަދަދު"އަށް އިންޓަވިއު ދެއްވަނީ. އޭނާ ވިދާޅުވީ ޒަކާތުގެ ކަންތައް ވަރުގަދަ ނިޒާމަކަށް ފައްތަވާނެކަަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރައްވައި އާ ސަރުކާރު އެކުލަވައިލެއްވުމާ އެކު ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ދިގު ލިސްޓެއް ސޯޝަލް މީޑިއާއަށް ދޫކޮށްލި ފުރަތަމަ މިނިސްޓްރީއަކީ އިސްލާމިކް މިނިސްޓްރީ އެވެ. "ޒަކާތު ހައުސް" ނުވަތަ ޒަކާތާ ގުޅޭ އެންމެހައި ކަންތައްތައް ކުރާ އޮފީހެއް ގާއިމު ކުރުމަކީ އެ ލިސްޓުން ފާހަގަކުރެވުނު އެއް ކަންތަކެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އެ އޮފީހާ ބެހޭ ގޮތުން ސުވާލު ކުރީމާ ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވީ ޒަކާތަށް އޮތް ބޮޑު އަހަންމިއްޔަތެވެ. ޝަހީމް ވިދާޅުވި ގޮތުގައި ޒަކާތް ހާއްސަވާ މުހިންމު އެއް ސަބަބަކީ އިސްލާމްދީނުގެ ރުހުންތަކުގެ ތެރެއިން ހާޖަތާއި ހާލަތާ ގުޅޭ ގޮތުން ފުޅާ ކުރެވޭ ގޮތަށް އޮތް ހަމަ އެކަނި ރުކުނަށްވުމެވެ.

"މިސާލަކަށް ކިތަންމެ ވަރަށް މީހުން ގިނަވެގެން ދިޔަ ޔަސް ހައްޖުކުރަން އޮންނަ ދުވަހެއް ބަދަލެއް ނުވާނެ އެ ނޫން ދުވަހަކަށް. ނޫނީ ހައްޖު އަހަރަކު ދެފަހަރަކަށް ބަދަލެއް ނުކުރެވޭނެ، ނޫނީ ރަމަޟާން މަހުގެ ރޯދަ ރަމަޞާން މަސް ނޫން އެހެން މަހަކަށް އުޒުރެއް ނެތި ބަދަލެއް ނުކުރެވޭނެ،" އިސްލާމްދީނުގެ އެހެން ރުކުންތަކަށް ބަދަލު ނުގެނެވޭ ކަމުގެ މިސާލުތައް ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޝަހީމް ވިދާޅުވި ގޮތުގައި ޒަކާތަކީ ހާޖަތާ (މީހުންގެ ބޭނުންތައް އޮތް ގޮތާ) ގުޅިގެން ފުޅާ ކުރެވޭނެ ކަމެކެވެ.

އޭގެ މިސާލަކީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ އާމިލުން ( ޒަކާތް ނަގަންދާ މީހުން) މާނަކުރާ ގޮތް ބަދަލުވުމެވެ. ޝަހީމް ވިދާޅުވި ގޮތުގައި ޒަކާތު ފައިސާގެ ޓްރާންސެކްޝަންތައް ހިންގާ ބޭންކަކީ އާމިލުން ކަމުގައި ބަލައި، އާމިލުންގެ ބައިން ބޭންކު ޓްރާންސެކްޝަންތަކަށް މިހާރު ވެސް ފީއެއް ދައްކަ އެވެ.

ޒަކާތާ ބޭ އޮފީސް ވާނީ އާމިލުންނަށް

ޝަހީމް ވިދާޅުވި ގޮތުގައި ޒަކާތާ ބެހޭ އޮފީސް ހިންގަން ޒަކާތުގެ އާމިލުންގެ ބައިން ހަރަދުކުރެވޭނެ ކަމަށް އިސްލާމީ ގައުމުތަކުން ވަނީ އިޖުތިހާދުކޮށްފަ އެވެ. އެކަން އެގޮތަށް ކުރެވޭނެ ކަމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޓަނޭޝަނަލް ފިގުހު އެކަޑަމީގެ ގަރާރަކުން ކަނޑައަޅާފައި އެބަ އޮތެވެ.

"[އެ ގަރާރުގައި އޮތީ] ޒަކާތުގެ ހާއްސަ އިދާރާއެއް ހަދައިފިއްޔާ، އެ އިދާރާއެއް ވާނޭ ޒަކާތުގެ އާމިލަށް. މާނައަކީ ޒަކާތު ހައުސް އެއް އެސްޓެބްލިޝްވެގެން އަންނައިރުގައި އެ އޮފީސް އެސްޓެބްލިޝްވަނީ ޒަކާތުގެ އާމިލެއްގެ ގޮތުގައި އަަޅުގަނޑުމެން ބޭނުން ނަމަ ހެދިދާނޭ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމައިގެން ޒަކާތު ހައުސް އުފައްދައިިފި ނަމަ ދައުލަތުން ހަރަދު ނުކޮށް ވެސް ޒަކާތާ ބެހޭ އޮފީސް ހިންގިދާނެ ކަމަށެެވެ. އެގޮތަށް ހިންގާ ބައެއް ގައުމުތަކުގެ ލިސްޓެއް ވެސް އޭނާ ދެއްވި އެވެ. އެއީ ކުވައިތު، ޔޫއޭއީ، ގަތަރު، ސޫދާން އަދި މެލޭޝިއާ އެވެ.

"ރާއްޖޭގައި ވެސް [ޒަކާތާ ބެހޭ ހާއްސަ އިދާރާއެއް] ހުރި، އޮނަވިހި ސަތޭކަ އަށްޑިހަ ހަތަރެއްގައި [1984 ގައި] ރާއްޖޭގެ ފުރަތަމަ ޒަކާތު އޮފީސް އުފެދުނީ،" ޝަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވަކި އިދާރާއެއްގެ ގޮތުގައި އުފެއްދި އެ އިދާރާ ފަހުން ބަދަލުކުރީ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އޮފީހުގެ ދަށަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް އުފެއްދުމަށް ފަހު އެ އޮފީސް ބަދަލުވީ އެ މަޖިލީހުގެ ޑިޕާޓްމަންޓަކަށެވެ. އެގޮތަށް ބަދަލުކުރީ 1996 ގަ އެވެ.

ޒަކާތާ ބެހޭ އޮޮފީސް ފުރަތަމަ އުފެއްދި އިރު އެ އޮފީހުގެ ވެރިޔަކަށް ރައީސް މައުމޫނު ހަމަޖެއްސެވީ އައް ޝައިޚު އަލް މަރްހޫމް އުސްމާން އަބްދުﷲ އެވެ.

"ފަހުން އިސްލާމިކް މިނިސްޓްރީގެ ތެރެެއަށް ވަދެ މިތަނުގެ ޔުނިޓަކަށް ވެގެން ދިޔައީ. ޒަކާތާ ބެހޭ އޮފީސް ވަކި އިދާރާއެއްގެ ގޮތުގައި މިއަދާ ހަމައަށް ދެމިގެން އައި ނަމަ އެއީ ވަރަށް ބޮޑު ހެވެއް މިގައުމަށް އަންނާނެ،" ޝަހީމް ވިދާޅުވި އެވެ.

ރަނގަޅަށް ހިނގާ ނަމަ ބެހެނިވެރިންނަށް ބޮޑު ފައިދާއެއް

ޝަހީމް ވިދާޅުވި ގޮތުގައި ޒަކާތުގެ އޮފީހެއް ގާއިމްކޮށް ރަނގަޅަށް އެކަން ހިންގާ ނަމަ ޒަކާތުން ބޮޑު ފައިދާއެއް ނެރެ، ބެހެނިވެރިންނަށް ވަރަށް ބޮޑެތި ކަންތައްތައް ކޮށްދެވިދާނެ އެވެ. އެއީ ޒަކާތުގެ ފައިސާ އިންވެސްޓްކޮށް، އިތުރުކުރުން ހުއްދަ ކަމަށް ފިގުހުވެރިން ވިދާޅުވާތީ އެވެ.

"އިސްލާމީ ޝަރީއާގެ ފިގުހުވެރިން ވިދާޅުވެފައި ވެސް މި އޮންނަނީ ޒަކާތުގެ ފައިސާއިން، ދައުލަތުގެ ބެލުމުގެ ދަށުން އިންވެސްޓް ކުރެވިދާނޭ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަކާތުގެ ފައިސާ ބަހާ އިރު މިހާރު އާންމުކޮށް ފަގީރަކަށް ލިބެނީ 3،000 އެއްހާ ރުފިޔާ އެވެ. އާއިލާއަކަށް ދިހަވަރަކަށް ހާހަށް ވުރެ ގިނައެއްކޮށް ނުލިބެ އެވެ.

"އެކަމަކު މި ފައިސާ އިން އިންވެސްޓްކުރެވިގެން، ރަނގަޅު ގޮތުގައި އިސްލާމީ ޝަރީއާ ހުއްދަކުރާ ދާއިރާތަކަށް އިންވެސްޓްކުރެވިގެން މިއިން ފައިސާ އިތުރުކޮށްގެން ފަގީރުންގެ މަސްލަހަތަށް ހަރަދުކުރާ ކަމުގައި ވަނީ ނަމަ އޭނާއަށް [ފަގީރަކަށް] ލިބޭނީ އަހަރަކު 3،000 ރުފިޔާއެއް ނޫނޭ. އޭނާއަށް ބޯހިޔާވަހިކަން ވެސް އޭގެން ދިނުން ޖާއިޒް އޭ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ޒަކާތުގެ ފައިސާ އެގޮތަށް އިތުރުކުރެވިއްޖެ ނަމަ ބޯހިޔާވަހިކަމަށް ޖެހިފައިވާ ފަގީގަރަކަށް އެޕާޓްމަންޓެއް ވެސް ގަނެދެވިދާނެ އެވެ. އެއީ ހުއްދަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަކާތް ނެގުމުގެ ކަންތައް ރަނގަޅަށް ކުރިއަށް ގެންދާ ނަމަ އަހަރެއްގެ ތެރޭގައި ބޮޑު އަދަދެއް ލިބޭކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ މިސާލަކަށް ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިސްލާމިކް މިނިސްޓަރު މަރްހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ސްޓޭޓް މިނިސްޓަރެެއްގެ ގޮތުގައި ޝަހީމް ހުންނަވައިގެން ކުރެއްވި މަސަައްކަތްތަކެވެ. އޭރު ކުރި މަސައްކަތުން، އަހަރެއްގެ ތެރޭގައި ޒަކާތަށް ލިބޭ ފައިސާގެ އަދަދު 50 މިލިޔަން ރުފިޔާ އާއި 60 މިލިޔަން ރުފިޔާއާ ދެމެދަށް އިތުރުކުރެވުނެވެ. ޝަހީމް ވިދާޅުވި ގޮތުގައި މިހާރު އަހަރަކު 90 މިލިޔަން ރުފިޔާއާ ގާތްކުރާ މިންވަރަކަށް ޒަކާތުގެ ފައިސާ ލިބެ އެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox