މިއަހަރުގެ ބާކީ ބަޔަށް ހުށަަހެޅި ސަޕްލިމަންޓަރީ ބަޖެޓަކީ "ވައްކަމުގެ ރަސީދެއް"ގެ ގޮތުގައި ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ކަނޑައެޅި ބަޖެޓުން ފޫނުބެދުނު ބައި ހަމަޖައްސަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ނަޝީދު ތަކުރާރުކޮށް ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ އޮތީ ގަވައިދާ ހިލާފަށް ކަމަށެވެ. ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަންވީ ގޮތް މާލިއްޔަތު ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަ ކަން ވެސް އެމަނިކުފާނު ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
ގާނޫނު އަސާސީގެ 96 މާއްދާއާ ހަވާލާ ދެއްވައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެންމެ ލާރިއެއްވެސް ހަރަދުކުރަންވާނީ މަޖިލީހުން ފާސްކުރާ ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް މިއަހަރަށް ކަނޑައެޅި ބަޖެޓް އެކީ ހުސްކޮށްލާފައިވާކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން އެނގޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އިއްޒަތްރި ރައީސް މިފައިސާ އަކީ އަޅުގަނޑުމެންގެ ތަރައްގީއަށް، އަޅުގަނޑުމެންގެ ދަރިންނާއި ދަރީންގެ ދަރީންނަށް ހުރި ފައިސާ. އެ ފައިސާ އަޅުގަނޑުމެން އެއްވެސް ހާލެއްގައި ބޭކާރުުވެސް ކޮށްގެން ނުވާނެ. ނާޖާއިރު ގޮތުގައި ވެސް ބޭނުންކޮށްގެން ނުވާނެ އަދި ވައްކަން ވެސް އަޅުގަނޑުމެން ކޮށްގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން މިފަހަރު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް، ސަޕްލިމެންޓްރީ ބަޖެޓަކަށް ނުވަނީ އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ފައިސާ ހަރަދުކޮށް ނިންމާފައި އެ ހަރަދުކުރި ފަައިސާ ހިމަނައިގެން ފޮނުވީމަ އެވެ.

"އިއްޒަތްތެރި ރައީސް މިއީކީ ސަޕްލިމެންޓްރީ ބަޖެޓެއް ނޫން. މިއީ ވައްކަމުގެ ރަސީދެއް، ވައްކަމުގެ ރަސީދެއް. ވަރަށް މަދުން ވައްކަމުގެ ރަސީދެއް އަޅުގަނޑުމެންނަށް ލިބޭނީ،" ނަސީދު ވިދާޅުވި އެވެ.
ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅި އިރު ކުރިން ހަރަދުކޮށްފައިވާ ފައިސާ ހިމަނާފައި އޮތް އޮތުން އެއީ ވައްކަމެއް ކަމަށް ސިފަކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މާލީ ވަޒީރު އިބްރާހީމް އަމީރު ވައްކަންކޮށްފައިވާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ތުހުމަތުކުރެއްވި އެވެ.













